އުތުރު ތިލަފަޅު އެއްބަސްވުމުގެ ކޮޕީއެއް ކަމަށް ބުނެ މީޑިއާތަކުގައި ދައުރުވަމުންދާ ފޮޓޯ އަކީ ހަގީގަތާ ހިލާފު ދޮގު ލިޔުންތަކެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ހަތިޔާރާއެކު ބޭތިއްބުމަށް އެއްބަސްވެފައިވާ ކަމަށް ބުނެ އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ކޮޕީއެއް ސޯޝަލް މީޑިއާގައި މިއަދު އަންނަނީ ދައުރުވަމުންނެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއި ކޮށްފައިވާ އެއްބަސްވުމެއް ކަމަށްބުނެ މީޑިއާގައި މައުލޫމާތުތަކެއް ދައުރު ވަމުންދާ ކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތާ ހިލާފު ލިޔުންތަކެއް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޑިފެންސުން ބުނީ މިފަދަ މައްސަލަތަކަކީ ގައުމީ ސަލާމަތާއި، ދައުލަތުގެ މަސްލަހަތާ ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ މައްސަލަތައް ކަމަށާއި އެހެން ކަމުން މިފަދަ މައުލޫމާތު ފެތުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށެވެ. އަދި ހާއްސަކޮށް އަވަށްޓެރި ގައުމުތަކާ ދެމެދު އޮންނަ ގުޅުން ހީނަރު ވެ، ދިވެހިންގެ މަސްލަހަތުތައް ގެއްލި، ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ދޮގު ހަބަރުތައް ނުފަތުރަން ވެސް ޑިފެންސުގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.