ހދ. ކުޅުދުއްފުށީގައި ދެމަފިރިންގެ ދެމެދުގައި ހިނގި ޒުވާބެއްގައި ފިރިމީހާ އަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.

ފުލުހުން ބުނީ ކުޅުދުއްފުށީގައި ދެމަފިރިއެއްގެ ދެމެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ފިރިހެން މީހާ އަށް އަނިޔާވެފައިވާ މައްސަލައެއް އިއްޔެ މެންދުރު 2:00ގައި ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ފުލުހުން ދީފައި ނުވާ އިރު މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.

ކުޅުދުއްފުށިން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނީ އިއްޔެ މެންދުރު އެ ދެމަފިރިން ވަރަށް ގަދައަށް ޒުވާބު ކުރި ކަމަށެވެ. އަދި ފިރިހެން މީހާގެ އަތަށް ވަޅިން ހަމަލާދިނުމުގެ ސަބަބުން ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށެވެ. އަދި އޭނާ އަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ކަމަށްވެސް ބުންޏެވެ.

ކުޅުދުއްފުށި ހޮސްޕިޓަލުން ފޯނަށް ޖަވާބު ނުދޭތީ އޭނާއަށް މިހާރުވެސް ފަރުވާ ދެމުން އަންނަކަމެއް ނުވަތަ ފަރުވާ އަށްފަހު ދޫކޮށްލާފައިވާ ކަމެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.