ފުލުހުންގެ މުއައްސަސާއާ މެދު ރައްޔިތުންގެ އިތުބާރު ލިބިގެންދާނީ ގާނޫނުތަކަށް ބޯލަނބައި ހިތްތިރިކަމާ އެކު ރައްޔިތުންނާ ދޭތެރޭ އަމަލު ކޮށްގެން ކަމަށާއި ގައުމުގައި އަދުލު އިންސާފު ގާއިމްވެގެން ދިއުމުގައި އެންމެ ފުރަތަމަ މަރުހަލާއަކީ ވެސް ފުލުހުން
ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފަރާތްތަކަށް ހަނދާނީ ފިލާ ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ހުރި ވިސްނުންތަކަށް ބަދަލުތަކެއް އަންނަތަން ފެންނަ ކަމަށާއި ރާއްޖެ މިއޮތީ އެފަދަ ބަދަލަކާއެކު ކުރިއަށް ދިއުމަށް ފައްކާވެފައި ކަމަށެވެ. އަދި ބަދަލައިގެން ރައްޔިތުން ފެށި ދަތުރު އަދި ވަރަށް ދުރަށްދާން އޮތްކަމުގައިވީ ނަމަވެސް މި ދަތުރު ފެންނަނީ ވަރަށް ބާއްޖަވެރިކޮށް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ގައުމުގައި އަދުލު އިންސާފު ގާއިމްވެގެން ދިއުމުގައި އެންމެ ފުރަތަމަ މަރުހަލާއަކީ ފުލުހުން ކަމަށާއި އާންމު ރައްޔިތުންނާމެދު އެކިއެކި ކަންކަމުގައި ކުރިމަތިލާއިރުގައި އިންސާފުވެރިކަމާއި އަދުލުވެރިކަމާއި ވިސްނުންތެރިކަމާއެއްކޮށް އެކަންކަން ކުރުމީ އެންމެ މުހިންމު ކަންތައް ކަމަށެވެ.
ކުރިއަށް އޮތީ ރާއްޖޭ މިދެކޭ ބަދަލު ގެނައުމަށްޓަކައި ފަށާފައިވާ ދަތުރުގައި ކުރިއަށް ދިއުން ކަމަށާއި ކުރިއަށް އޮތް ތަނުގައި އަދިވެސް ބައިވަރު ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށެވެ. އެކަންކަމާ ކުރިމަތިލާން ޖެހޭނީ ވިސްނުންތެރިކަމާއި ހިތްތިރިކަމާ އެކު ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
"ތިބޭފުޅުން މިއަދު ފުލުހުން މުއައްސަސާއާ ގުޅިގެންދާއިރުގައި ކުރިއަށް އޮތް ތަނުގައި ތިބޭފުޅުންނަށް ދިމާވާނެ ގޮންޖެހުންތަކުގައި އަދި ހާއްސަކޮށް ގާނޫނުތައް ތަންފީޒު ކުރުމުގައި ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ. އެފަދައިން ކުރިމަތިލާ ގޮންޖެހުންތަކުގައި ވިސްނުންތެރިކަމާ އެއްކޮށް، ހިތްތިރި ކަމާ އެއްކޮށް ރައްޔިތުންނާ ދޭތެރޭ އަމަލު ކުރުމަކީ އަޅުގަނޑު ދެންނެވި އިތުބާރު ފުލުހުންނާ ދޭތެރޭ، ގައުމާ ދޭތެރޭގައި އަށަގަތުމަށް ވަރަށް މުހިންމު ކަމެއް،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުންވާ ތަނަށް ގެންދިއުމަށްޓަކައި ދިވެހ ގައުމުގައި ހަމަޖެހުން ގާއިމް ކުރެވެން ޖެހޭ ކަމަށެވެ. އަދި ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް ދިވެހި ރައްޔިތުންގެ އިތުބާރު ގާއިމް ކުރަން ޖެހޭ ކަމަށާއި ގެއްލިފައިވާ އިތުބާރު ހޯދުމަކީ އެންމެންގެ ވާޖިބެއް ކަމަށްވެސް ވިދާޅުވިއެވެ،
"އިތުބާރު ގާއިމް ކުރެވޭނީ އަޅުގަނޑުމެންގެ ގާނޫނުތަކާއި ގާނޫނުތައް ހެދިގެން މިދާ ގޮތާ އެއްގޮތަށް ފުލުހުންގެ އަމަލުތައް ބެހެއްޓުން، ފުލުހުންނަށް ބޭނުންވާ ވަސީލަތްތަކާއި ޓްރެއިނިން ގާއިމް ކޮށްދެވިގެން ދިއުން،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ ގައުމުގެ ރައްޔިތުން ދެކެމުން އައި ހުވެފެނަކީ މި ގައުމުގައި އަދުލުވެރިކަމާއި އިންސާފާއެކު ވެރިކަން ކުރާނެ ދުވަހަކަށް ކަމަށާއި ގައުމުގެ ތަރައްގީ އާއި ތަނަވަސްކަން އިތުރުވެގެންދާނެ ވެރިކަމެއް ގާއިމް ކުރެވޭނެ ދުވަހަކަށް ކަމަށެވެ. އަދި ވެރިކަމުގެ ނިޒާމުތައް ބަދަލުވަމުން މިއަދު އޮތީ ފުރިހަމަ 21 ވަނަ ގަރުނަށް ބަލައިގަނެވޭނެ ގާނޫނު އަސާސީއެއް ކަމަށާއި މިއަދު އޮތް ސަރުކާރާއި މަޖިލީހާއި ޝަރުއީ ނިޒާމް ބައްޓަން ވެގެންދަނީ މި ހުވަފެން ބައްޓަން ކުރުމަށް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު