ދިވެހިރާއްޖޭގެ ތާރީޚު

ޝަހީދުންގެ އީދޭ ކުރާށޭ ހަނދާން!

މުހައްމަދު ނާޖިހު

2

މިއަދަކީ ދިވެހިރާއްޖޭގައި ފާހަގަކުރަމުން އަންނަ ޝަހީދުންގެ ދުވަހެވެ. ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހަކީ ކާފާރުވި 9 ވަނަ ހަސަން ރަސްގެފާނު ފޮނުއްވައިގެން ދިވެހިރާއްޖެއަށް އައިސް އުދުވާނީ ހަމަލަދިން ގޯވާގެ ޕޯޗުގީޒުންނާ ހަނގުރާމަކުރައްވަނިކޮށް އޭރުގެ މަހާރަދުން އައްސުލްތާނު އަލީ 6 ޝަހީދުވީ ދުވަހެވެ. އާދެ، އަލިރަސްގެފާނު ޝަހީދުވީ މި ހާދިސާ ހިނގާފައިވަނީ ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ 1 ވަނަ ދުވަހުއެވެ. މީލާދީ ގޮތުން އެއީ 1558 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހެވެ. މިދުވަސް ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ފެއްޓުނީ ހިޖުރައިން 1400 ވަނަ އަހަރުގެ ޝައުބާން މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އާދެ، އަލިރަސްގެފާނު ޝަހީދުވީތާ 435 އަހަރު ފަހުންނެވެ. ދިވެހިރާއްޖޭގައި ޝަހީދުންގެ ދުވަހެއް ފާހަގަކުރާތާ މިވީ 42 އަހަރެވެ.

އަލިރަސްގެފާނު ޝަހީދުވެގެން ދިޔަ ހާދިސާއަކީ ދިވެހި ތާރީހުގައި ހިނގާފައިވާ ހާދިސާތަކުގެ ތެރެއިން އިބުރަތްތެރި ހާދިސާއެކެވެ. ގައުމަށްވުރެ ތިމާގެ އަމިއްލަ މަސްލަހަތު އިސްކުރި ސުންޕާ މީހެއްގެ ސަބަބުން ގައުމުގެ މައްޗަށް ބިދޭސީންތަކެއް ވެރިވި ހާދިސާއެވެ. އެކަމުގެ ތެރެއިން ގައުމުގެ ދިފާއުގައި ނުކުމެވަޑައިގެންނެވި ގައުމުގެ ވެރި ރަސްގެފާނު އައްސުލްތާނު އަލީ 6 އާއި އެރަދުންގެ އަރިހުގައި ހަނގުރާމައިގެ މައިދާނުގައި ސާބިތުކަން ދެއްކެވި ދެބޭކަލުން ޝަހީދުވެގެން ދިޔަ ހާދިސާއެވެ. އެއަށްފަހު ގައުމުގެ މައްޗަށް ވެރިވެގެން ދިޔައީ ޖައްބާރު އަނދިރި އަނދިރީންގެ ކަޅު އަނދިރި ވެރިކަމެވެ.

އަލިރަސްގެފާނު ޝަހީދުކޮށްލައި ގޯވާގައި ތިބި ޕޯޗުގީޒުން ދިވެހިރާއްޖެ ހިފައިގެން އެމީހުންގެ ގަވަރުނަރަކު ބައިންދައިގެން ކާފަރުވި 9 ވަނަ ހަސަން ރަސްގެފާނުގެ ނަންފުޅުގައި ދިވެހީންގެ މައްޗަށް ކުރަމުން ދިޔަ އަނިޔާވެރި ވެރިކަން ފެށެން މެދުވެރިވި ސަބަބަށް ބަލައިލަމާ ހިނގާށެވެ.

އާދެ! ޕޯޗުގީޒުންގެ ބަޔަކު ދިވަހިރާއްޖެ މި އޮންނަ ސަރަހައްދަށް އެންމެ ފުރަތަމަ އައީ މީލާދީން 1498 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ ވަސްކޯ ޑާ ގާމާ ޔޫރަޕުން އެޓްލާންޓިކް ކަނޑުން ދަތުރުކޮށްފައި އައިސް ކޭޕް އޮފް ގުޑް ހޯޕް ވަށާލައި އެފްރިކާގެ އައްސޭރިފަށުން އިންޑިޔާ ކަނޑަށް ވަދެގެން އައި އަހަރެވެ. ޕޯޗުގީޒުންގެ ރެކޯޑުތައް ދައްކާ ގޮތުން ދިވެހިރާއްޖެއާ ބެހޭ މައުލޫމާތު އެބައިމީހުންނަށް ލިބުނު ހިސާބަކީ މިއީއެވެ. ޕޯޗުގަލްގެ ރަސްގެފާނު މެނުއަލް 1، އިންޑިޔާ ކަނޑުގެ ކަންކަން ބަލަން ކެޕްޓަނެއްގެ ގޮތުގައި ފޮނުއްވި ވިންސެންޓޭ ސޮދްރޭ މީލާދީން 1502-1503 ގައި ދިވެހިރާއްޖެއަށް އައިސް ރާއްޖޭގެ 4 އޮޑިއެއް ފޭރުނުކަމަށް އެމީހުންގެ ތާރީހުގައި ބަޔާންކޮށްފައިވެއެވެ. (ކޮހޭޔަ، ގެސްޕާ، ލެޖެންޑްސް އޮފް އިންޑިއާ، 1556 މ.) މިއީ ކާފަރުވި 9 ވަނަ ހަސަން ރަސްގެފާނުގެ ކާފާފުޅު ކަޅު މުހައްމަދު ރަސްގެފާނުގެ ރަސްކަމުގެ ދުވަސްވަރެވެ. މިހިސާބުން ފެށިގެން ޕޯޗުގީޒުންގެ މީހުން އިންޑިޔާގައި ފައިތިލަ ސާބިތުކޮށް އެބައިމީހުންގެ ވެރިކަމެއް އިންޑިޔާގެ ހުޅަނގު އައްސޭރީގައި ގާއިމުކުރުމަށްފަހު އިންޑިޔާ ކަނޑުގެ ވިޔަފާރި ކޮންޓުރޯލުކުރުމަށްޓަކައި ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ދިވެހިރާއްޖެއާ މެދު އެމީހުންގެ ޝައުގުވެރިކަން އުފެދިގެން އައެވެ.

ޕޯޗުގީޒުންގެ ޝައުގުވެރިކަން ދިވެހިރާއްޖޭގެ މައްޗަށް އުފެދިފައި އޮތް މި ދުވަސްވަރުގެ ތެރޭގައި މީލާދީން 1510 ގައި ކަޅު މުހައްމަދު ރަސްގެފާނު ތަހުތުން ބާލުއްވައި އެ ރަސްގެފާނަށް ބޮޑުބޭބެ ވިދާޅުވާ ހަސަން 7، ރަސްކަމުގެ ތަހުތަށް އިސްވެވަޑައިގެންނެވިއެވެ. ކަޅު މުހައްމަދު ރަސްގެފާނަކީ ތީމުގޭ ދަރިކޮޅަށް ފަހު ނުވަތަ ބައެއް ބޭފުޅުން ވިދާޅުވާ އުމަރުވީރު ދަރިކޮޅަށް ފަހު ދިވެހިރާއްޖޭގައި ރަސްކަންކުރި ހިލާލީ ދަރިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ ރަސްކަލެކެވެ. މީލާދީން 1388 ގައި ހިލާލީ މުސްކުޅި ހަސަން ރަސްގެފާނުން ފެށިގެން މީލާދީން 1552 ގައި ކާފަރުވި 9 ވަނަ ހަސަން ރަސްގެފާނު ދިވެހިރާއްޖެ ދޫކުރެއްވުމާ ހަމައަށް 27 ރަސްކަލަކު އެކި ފަހަރުމަތިން ރަސްކަން ކުރައްވާފައި ވެއެވެ. މީގެ ތެރެއިން ދެތިން ރަސްކަލެއް ފިޔަވައި ރަސްކަންކުރެއްވީ މުޅީންވެސް ހީލާލީންނެވެ. މި މުއްދަތުގައި މިހާ ގިނަ ރަސްރަސްކަލުން ރަސްކަންކުރައްވާފައި ހުރުމުން ހިލާލީންގެ ރަސްކަމުގައި އޮތް ސިޔާސީ ގަޑުބަޑު ވަރަށް ރަނގަޅަށް ހާމަވެއެވެ. ޕޯޗުގީޒުންނަށް ދިވެހިރާއްޖޭގެ މައްޗަށް އަތްގަދަކުރެވުނު އެންމެ ބޮޑު ސަބަބަކީ މިއީއެވެ.

1510 ގައި ކަޅު މުހައްމަދު ރަސްގެފާނު ދުރުކުރައްވައި ރަސްކަމަށް އިސްވެވަޑައިގެންނެވި 7 ވަނަ ހަސަން ރަސްގެފާނު 2 އަހަރެއް ފަހުން އަވަހާރަވިއެވެ. ދެން ރަސްކަމަށް އިސްވެވަޑައިގެންނެވީ މައްކާގެ އަރަތްބެއް ކަމަށްވާ ޝަރީފް އަހުމަދު ރަސްގެފާނެވެ. އޭނާވެސް 2 އަހަރެއް ފަހުން އަވަހާރަވީއެވެ. ދެން ރަސްކަމަށް ވަޑައިގަތީ 5 ވަނަ އަލިރަސްގެފާނެވެ. މިއީ ތާރީހުގައި މަޝްހޫރު ދޮންބުޅާ ފާށަނާ ކިލަގެއެވެ. 5 ވަނަ އަލިރަސްގެފާނުގެ ދައިތާފުޅަކީ ތާރީހުގައި ކިޔައިއުޅޭ ބުރަކިރަނީންނެވެ. ބުރަކިރަނީންގެ ވާހަކައަކީ މި މައުލޫއާ ގުޅުން ހުރި މުހިއްމު ވާހަކައެކެވެ. މި ހިއްސާކޮށްލަނީ "ތަންގީހުކުރެވުނު ދިވެހި ތާރީހުގެ ތަންތަންކޮޅު" މި ފޮތުގައި އެ ވާހަކަ ގެނެސްފައިވާ ގޮތަށެވެ. އިބާރާތަށް ކުދިކުދި ބަދަލު ގެނެސްފައިވާނެއެވެ.

އައްސުލްތާނު އަހުމަދު ޝަރީފު އަވަހާރަވުމަށްފަހު، ބުރަކިރަނީން ތަހުތަށް ދައުވާކުރައްވާން ފައްޓަވައިފިއެވެ. ނަމަވެސް ރަސްކަމަށް އިސްކުރެވުނީ އޭނާގެ ހަގު ކޮއްކޯފުޅު، ދޮންބުޅާ ފާށަނާ ކިލަގެއެވެ. ފަސްވަނަ އަލިރަސްގެފާނުންގެ ނަންފުޅުގައެވެ. މި ދެބޭފުޅުންގެ ބޮޑުދައިތަ، އެއްވަނަ އަބޫބަކުރު ރަސްގެފާނުންގެ ކޮއްކޯފުޅަކީ، ރަށްދެބައިމަގު ކަޅު މުހައްމަދު މަނިކުފާނުންގެ މަންމާފުޅެވެ... ވާހަކަ ތަންކޮޅަކަށް ދާއިރު، ބުރަކިރަނީންނާ، ކަޅު މުހައްމަދު މަނިކުފާނާ ހިތްޕުޅާވެދެއެވެ. ކަޅު މުހައްމަދު މަނިކުފާނުގެ މަންމާފުޅު މި ދެބޭފުޅުންގެ ކާވެންޏާ ނުގަބޫލުވެވަޑައިގަންނަވާ ނުގަބޫލުވުމެއްގެ ނަތީޖާއެއްކަމުގައިވަނީ ކަޅު މުހައްމަދު މަނިކުފާނު ހުވަދުއަތޮޅު ވާދުވަށް އަރުވާލެއްވުމެވެ. މިކަމުގެ ސަބަބުންނާއި، އަދި ސިޔާސީ ސަބަބުތަކަކަށްޓަކައި، ރަދުންގެ ދައިތާފުޅު ވާދުވަށް ވަޑައިގަތުމުގެ އަމުރުފުޅު ރަދުން ދެއްވައިފިއެވެ. މިކަމަނާގެ އަރިހުގައި ދަނީ އެއާއިލާގެ މުސްކުޅި ހާދިމެއްކަމުގައިވާ ގާފަރު ކަޅުއުނބުށޭމެވެ.

ހުވަދުއަތޮޅަށް ވަޑައިގަތުމުގެ ބަދަލުގައި، ބުރަކިރަނީން ކަޅު އުނބުށޭމު ގޮވައިގެން ވަޑައިގަންނަވަނީ އަސޭކަރައަށެވެ. އެތަނުން ގޯވާއަށެވެ. ގޯވާގައި ހުންނަ ޕޯޗުގީޒު ވައިސްރޯއީއަށް ދިވެހިރާއްޖޭގެ އާމްދަނީއިން ބައެއް ދެއްވުމަށް ވައުދުވެވަޑައިގަތުމަށްފަހު ޕޯޗުގީޒުންގެ ގުރާބެއްގައި ބުރަކިރަނީން ކަޅު އުނބުށޭމު ގޮވައިގެން ވަޑައިގަންނަވަނީ މާލެ ހިއްޕަވާށެވެ... ފަސްވަނަ އަލިރަސްގެފާނު އަވަހާރަވަނީ މިބުނި ޕޯޗުގީޒުންނާ ހަނގުރާމަކުރެއްވުމަށް ގަނޑުވަރުން ނުކުމެވަޑައިގަތް ނުކުމެވަޑައިގަތުމެއްގައެވެ. އަވަހާރަވީ ކަމަށް ބުނެވެނީ ރަދުންގެ ކަނޑިކޮޅު ހިފާ ހުޅުދަލީ ދޮން ޔޫސުފު ރަދުންގެ ފަހަތްޕުޅުގައި ހުރެފައި ކުރި ގޯނާއެއް ގެ ނަތީޖާއެއްގެ ގޮތުން މެވެ. މި ހުޅުދަލީ ދޮން ޔޫސުފަކީ ކަޅު އުނބުށޭމުގެ ދޮންބައްޕައެވެ...

ޕޯޗުގީޒުންގެ ސިފައިންގެ އެހީތެރިކަމާ އެކު ދެން ބުރަކިރަނީން ރަސްކަން ހިއްޕަވަނީއެވެ. ރަސްކަން ހިއްޕެވުމަށްފަހު، ވާދުވަށް އޮޑިއެއް ފޮނުއްވައިގެން ކަޅު މުހައްމަދު މަނިކުފާނު ގެންނަވައި އެމަނިކުފާނާ ކައިވެނިބައްލަވައިގަންނަވަނީއެވެ. ދެން ކަޅު މުހައްމަދު ރަސްގެފާނު ރާއްޖޭގެ ތަހުތަށް ތިންވަނަ ފަހަރަށް އިސްވެވަޑައިގަންނަވަނީއެވެ. އެދެކަނބަލުންގެ ދަރިކަނބަލަކީ ތާރީހުގައި މަޝްހޫރު ކަނބާ އައިސާއެވެ. އެއީ ފަހުން ޝަހީދުންގެ ދުވަސް ނިސްބަތްކުރެވޭ އަލިރަސްގެފާނު، އާދެ ހަވަނަ އަލިރަސްގެފާނުންގެ އަނބިކަނބަލުންނެވެ.

އިސްވެ މި ދެންނެވުނީ ތާރީހުގައި ކިޔާ މަޝްހޫރު ބުރަކިރަނީންގެ ވާހަކައިގަ ކުރު ހުލާސާއެކެވެ. މިއީ ހަގީގަތްތަކެއް އެކުލެވިގެންވާ އެހެންނަމަވެސް ދޫދޫމަތިން ކިޔަމުން އައި ވާހަކައެކެވެ. ބުރަކިރަނީންގެ މުޅި ވާހަކައިގެ ތެދުދޮގު ކަށަވަރު ނުވިކަމުގައިވިޔަސް ޕޯޗުގީޒުންގެ މަސްދަރުތަކުން ބުރަކިރަނީންނަކީ މިދެންނެވުނު ދުވަސްވަރު ދިވެހިރާއްޖޭގައި މުހިއްމު ދައުރެއް ކުޅުނު ޝަހުސިއްޔަތެއްކަން އެނގެއެވެ. (ރާމޯސް ކޮއެލްހޯ، 1892) އަދި މިކަމުގެ ތެރޭގައި ކަޅުމުހައްމަދު ރަސްގެފާނު އަދާކުރެއްވި ދައުރުވެސް ޕޯޗުގީޒު ރަސްމީ މަސްދަރުތަކުގައި ބަޔާންވެގެންވެއެވެ. މިގޮތުން ކަޅުމުހައްމަދު ރަސްގެފާނު އަލުން ރަސްކަން ހޯއްދެވުމަށްޓަކައި މަލާބާރީންގެ އެހީތެރިކަން ހޯދެއްވި ކަމަށް އެ މަސްދަރުތަކުގައި ބަޔާންކޮށްފައިވެއެވެ. (އަފޮންސޯ ޑި އަލްބުކޭރްކީ، ކަރްތާސް ޑި އަފޮންސޯ ޑި އަލްބުކޭރްކީ، 1507-1515 މ.)

ކަޅު މުހައްމަދު ރަސްގެފާނު ތިންވަނަ ފަހަރަށް ރަސްކަން ހޯއްދެވުމަށް، މަލާބާރީންނަށް ކޮންމެ އަހަރަކު ޖިޒީގެ ގޮތުގައި މުދާތަކެއް ދެއްވަން އެއްބަސްވެވަޑައިގެން މަލާބާރީންގެ މީހުން އެކަމަށް އެއްބަސްވެ އެބައިމީހުންގެ ނާފަހަރައިގެން ކަޅު މުހައްމަދު ރަސްގެފާނު ރާއްޖެއަށް ދަތުރު ކުރައްވަނިކޮށް ކަނޑުމަތީން ޕޯޗުގީޒުންގެ ނާތަކަކާއި ބައްދަލުވެ، ޕޯޗުގީޒުންގެ މީހުން މަލާބާރީންގެ ނާތަކުގެ މައްޗަށް ވެރިވެގަތެވެ. ދެން ކަޅު މުހައްމަދު ރަސްގެފާނު އެބައިމީހުންނަށް ވެސް ގިނަ އަދަދެއްގެ ފައިސާއާއި މުދާ ދެއްވަން އެއްބަސްވެވަޑައިގެން މިދެބައިމީހުންގެ ނާފަހަރާއެކު ރާއްޖެ ވަޑައިގެން ރަސްކަން އަލުން ހޯއްދެވީ ކަމަށް ތާރީހު ބުނެއެވެ. ކަޅު މުހައްމަދު ރަސްގެފާނު ދިވެހިރާއްޖޭގެ ރަސްކަމަށް ތިންވަނަ ފަހަރަށް ވަޑައިގެންނެވީ މީލާދީން 1512 ގައެވެ. މިފަހަރު 17 އަހަރުވާންދެން ރަސްކަންކުރެއްވިއެވެ. އާދެ، ރަސްކަން ނިމުނީ 1529 ގައި އަވަހާރަވެގެންނެވެ. ތިންފަހަރު މަތިން ޖުމުލަ 32 އަހަރާއި 9 މަސް ދުވަހު ރަސްކަންކުރެއްވިއެވެ. އެކަމަކު ގައުމު ވަރަށް ބޮޑަށް އަޅުވެތިކޮށްފައެވެ. ޕޯޗުގީޒުންނާއި މަލާބާރީންނަށް ޖިޒީދައްކާ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހެއްދެވުމަށް ފަހުގައެވެ.

ކަޅު މުހައްމަދު ރަސްގެފާނަށް ފަހު ރަސްކަމަށް ވަޑައިގެންނެވީ އެރަދުންގެ ދަރިކަލުން ޝީރާޒީ ހަސަން ރަސްގެފާނެވެ. އެރަދުންގެ މައިކަމަނާއަކީ ފާރިސްކަރައިގެ ޝީރާޒުގެ ބޭކަނބަލަކަށްވެގެން އެހެން ކިޔުނީއެވެ. މިރަދުން 21 އަހަރު ރަސްކަންކުރެއްވުމަށްފަހު އަވަހާރަވިއެވެ. އެއަށްފަހު ރަސްކަމަށް ވަޑައިގެންނެވީ އެރަދުންގެ އަހު އުމަރު މާފަތް ކިލަގެފާނުގެ ދަރިކަލުން އައްސުލްތާނު މުހައްމަދެވެ. މި މުހައްމަދު ރަސްގެފާނުގެ ބައްޕާފުޅު އުމަރު މާފަތް ކިލަގެފާނަކީ ކަޅު މުހައްމަދު ރަސްގެފާނުންގެ ދަރިކަލެކެވެ. އެގޮތުން މި މުހައްމަދު ރަސްގެފާނަކީ ކަޅު މުހައްމަދު ރަސްގެފާނުންގެ ކާފަދަރިކަލެކެވެ. މިރަދުން ރަސްކަންކުރައްވާތާ ދެ އަހަރާއި ހަތަރު މަސް ވީތަނާ މީލާދީން 1550 ވަނަ އަހަރު މިރަދުންގެ ކޮއްކޯފުޅު ހަސަން މިރަދުން ގަތުލުކުރައްވައި ރަސްކަމަށް އިސްވެވަޑައިގެންނެވިއެވެ. އާދެ، މިއީ މިދަންނަވަމުން އަންނަ ކާފަރުވި ނުވަވަނަ ހަސަން ރަސްގެފާނެވެ.

ފިތުނައެއްގެ ތެރެއިން ރަސްކަމަށް ވަޑައިގެންނެވި ޒުވާން ހަސަން ރަސްގެފާނުގެ ރަސްކަންވެސް ވީ ވަރަށް ފިތުނަވެރި ރަސްކަމަކަށެވެ. މިފިތުނައިގެ ތެރެއިން ރަސްކަންކުރައްވާތާ ދެ އަހަރާއި ފަސްމަސް ދުވަސް ވުމަށްފަހު ތަހުތާއި ރާއްޖެވެސް ދޫކުރައްވާފައި މި ރަދުން ކޮއްޗޭއަށް ވަޑައިގެންނެވިއެވެ. މި ރަސްގެފާނުގެ ދުވަސްވަރު އުފެދުނު ފިތުނަވެރިކަމާއި، އެރަދުން އަމިއްލަފުޅަށް ތަހުތުން ފައިބާ ވަޑައިގެން ރާއްޖެ ދޫކުރައްވައި ކަރައަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ސަބަބުވަނީ ވަރަށް ބޮޑަށް ދިރާސާކޮށް ތަހުގީގުކޮށް ހޯދައި ބަލަންޖެހިފައެވެ. ކޮންމެއަކަސް ކޮއްޗޭއަށް ވަޑައިގެންނެވިތާ މާ ގިނަ ދުވަހެއް ނުވެ މިރަދުން އިސްލާމްދީން ދޫކުރައްވައި ނަސާރާދީނަށް ވެދެވަޑައިގެންނެވިއެވެ. އަދި އޭގެ ދެ އަހަރެއްހާ ދުވަސް ފަހުން ގޯވާއަށް ވަޑައިގެން ޕޯޗުގީޒުންގެ މާތް މަތިކޮޅެއްގެ އަންހެނަކާ ކައިވެނި ބައްލަވައިގަތެވެ. އެއަށްފަހު ދިވެހިރާއްޖޭގެ ރަސްކަން އަލުން ހޯއްދެވުމުގެ މަސައްކަތް ފެއްޓެވިއެވެ. މިގޮތުން ގޯވާގެ ޕޯޗުގީޒުންނަށް ދިވެހިރާއްޖެއިން އެމަނިކުފާނަށް ލިބޭ މުދަލުގެ ވަކި މިންވަރެއް ދެއްވަން އެއްބަސްވެވަޑައިގެން އެމީހުންގެ ގުރާބުތަކެއް ރާއްޖެ ފޮނުއްވިއެވެ. އަދި މިފޮނުއްވި ދަތުރުގައި ރާއްޖޭގެ ވަޒީރުންނާއި ކުރިޔަށް ތިއްބެވި ބޮޑުން ހައްޔަރުކޮށްގެން ގެނައުމަށްވެސް އެންގެވިއެވެ.

މާތްރަސްކަލާނގެ އިރާދަފުޅުން ހަސަން ރަސްގެފާނު ފޮނުއްވައިގެން ރާއްޖެ ހިފަން އައި ޕޯޗުގީޒުންނަކަށް އެކަމެއް ވާގޮތެއް ނުތްވެވެ. އޭރު ރާއްޖޭގެ ތަހުތު ހުރީ ހުސްކޮށެވެ. ގައުމުގެ ކަންކަން ހިންގަވާން އިސްވެ ތިއްބެވީ އިބްރާހީމް ފާށަނާ ކިލަގެފާނުން ގެ ދަރިކަލުން އަބޫބަކުރާއި އަބްދުއްރަހުމާން ދޮށިމޭނާ ކިލަގެފާނުގެ ދަރިކަލުން އަލީއެވެ. މި ދެބޭކަލުންގެ ވެރިކަމުގައި އެޕޯޗުގީޒުންނާ ހަނގުރާމަކުރައްވައި އެބައިމީހުންގެ ގުރާބުތައް ދިވެހީންގެ އަތްދަށަށް ގެނެސް އެގުރާބުތަކުން އައި ބަޔަކުވިއްޔާ ހައްޔަރުކުރީއެވެ. އެފަހަރުގެ ނާކާމިޔާބީއަށްފަހު ދެވަނަ ފަހަރަށްވެސް ހަސަން ރަސްގެފާނު ޕޯޗުގީޒުންގެ އާ ގުރާބުތަކެއް ފޮނުއްވިއެވެ. މިފަހަރުވެސް އެބައިމީހުންގެ މައްޗަށް ދިވެހީން ނަސްރު ހޯދިއެވެ.

ހަސަން ރަސްގެފާނު ތަހުތުން ފައިބައިވަޑައިގެން ކަރައަށް ވަޑައިގެންނެވިތާ ހަތަރު އަހަރެއްހާ ދުވަސްވަންދެން ހުސްކޮށް ހުރި ދިވެހި ތަހުތަށް ކުރިން ދެންނެވި އިބްރާހީމް ފާށަނާ ކިލަގެފާނުންގެ ދަރިކަލުން އަބޫބަކުރު އިސްކުރެވުނެވެ. އެހެންނަމަވެސް ރަސްކަމަށް ހަތަރުވަރަކަށް މަސް ވީތަނާ ގައުމުގެ ތެރޭގައި އޮތް ގޮތް ނޭނގޭ ފިތުނަވެރިކަމެއްގެ ތެރޭގައި ކުރެވުނު ހަނގުރާމައެއްގައި އަބޫބަކުރު ރަސްގެފާނު ޝަހީދުވިއެވެ. އެއީ މީލާދީން 1555 ހައިތަނުގައެވެ. އެއަށްފަހު ދުވަސްކޮޅެއް ވަންދެން ތަހުތި ހުސްކޮށް ހުރުމަށްފަހު ރަސްކަމަށް ވަޑައިގެންނެވީ ކުރިން ދެންނެވުނު އަބްދުއްރަހުމާން ދޮށިމޭނާ ކިލަގެފާނުގެ ދަރިކަލުން އަލީއެވެ. އާދެ، އައްސުލްތާނު އަލީ 6 ކަމުގައިވި ޝަހީދުވީ އަލިރަސްގެފާނެވެ. އަލިރަސްގެފާނު ރަސްކަންކުރައްވާތާ ދެ މަހާއި ފޮއި ދުވަސް ވީތަނާ ގޯވާގައި ހުންނެވި ކާފަރުވި ހަސަން ރަސްގެފާނު ތިންވަނަ ފަހަރަށް ދިވެހިރާއްޖެ ހިއްޕަވާން ޕޯޗުގީޒުންގެ ލަޝްކަރެއް ފޮނުއްވިއެވެ. މި ލަޝްކަރުގެ ވެރިއަކަށް ހުރީ މަޝްހޫރު އަނދިރި އަނދިރީންނެވެ.

ބުނެވޭ ގޮތުގައި މީނާއަކީ ރާއްޖޭގައި ވިހައި ބޮޑުވި ޕޯޗުގީޒުންގެ މީހެކެވެ. ކަޅު މުހައްމަދު ރަސްގެފާނުންގެ ރަސްކަމުގައި ރާއްޖޭގެ ދެކުނަށް (އައްޑޫ ނުވަތަ ހުވަދޫއަށް) ޕޯޗުގީޒު ނަވެއް އައެވެ. މިއީ ދެކޮޅުވެރިކަމުގައި އައި ނަވެއް ކަމުގައި ބުނެވެއެވެ. މި ނަވުގެ ވެރިއަކަށް ހުރީ ގޯވާގެ ޕޯޗުގީޒު ވައިސްރޯއީގެ ތިމާގެ މީހެކެވެ. އޭނާގެ ޒުވާން މާބަނޑު އަންހެނުންވެސް ނަމުގައި އިނެވެ. މި ނަވާ ތޮޅެން ކަޅު މުހައްމަދު ރަސްގެފާނު ފޮނުއްވީ ގާފަރު ކަޅު އިބްރާހީމް ފާށަނާ ތަކުރުފާނެވެ. އާދެ ބުރަކިރަނީން ވާހަކައިގައި ބުނެވިދިޔަ ކަޅު އުނބުށޭމެވެ. ކަޅު އުނބުށޭމުގެ ވެރިކަމުގެ ދަށުން އެނަވާ ދިމާކުރާން ދިޔަ ދިވެހީން އެބައިމީހުންގެ މައްޗަށް ކާމިޔާބު ހޯދައި ނަވުގެ ވެރިޔާގެ މާބަނޑު އަންހެނުން ނޫން އެންމެން ގަތުލިކުރިއެވެ. އަދި ކަޅު އުނބުށޭމު އެ އަންހެންމީހާ ގެންގުޅެ އޭނާ ވިހެއުމުން، ވިހޭ ދަރިއަށް މުހައްމަދޭ ކިޔައި ނަންދީ އޭގެ ފަހުން އެ އަންހެންމީހާއާ ކާވެނިކުރިއެވެ. އެ އަންހެންމީހާ މަޝްހޫރުވީ ކާންޒީކަމަނާގެ ނަމުންނެވެ. ކަޅު އުނބުށޭމާއި ކާންޒީކަމަނާއަށްވެސް ދަރިއަކު ލިބުނެވެ. އެކުއްޖާގެ ނަމަކީ މަތުއްކަލާއެވެ. ބުނެވޭ ގޮތުގައި ކާންޒީކަމަނާގެ ދޮށީދަރި މުހައްމަދު ބޮޑުވުމުން ކާންޒީކަމަނާ އޮތީ އޭނާގެ ބައްޕަގެ ވާހަކަ ކިޔައިދީފައެވެ. ދެން މިހެން އުޅެމުން މުހައްމަދު އޭނާގެ އެއްބަނޑު ކޮއްކޮ މަތުއްކަލާ ގަތުލުކޮށްފައި ރާއްޖެ ދޫކޮށް ގޯވާއަށް ފިލައިގެން ދިޔައީއެވެ. އޭގެ އަހަރުތަކެއް ފަހުން އަލިރަސްގެފާނުންގެ ރަސްކަމުގައި، ކާފަރުވި ހަސަން ރަސްގެފާނު ފޮނުއްވައިގެން ގޯވާއިން އައި ޕޯޗުގީޒުންގެ ތިންވަނަ ލަޝްކަރުގެ ކޮމާންޑަރަކަށް ހުރީ މިދެންނެވި މުހައްމަދެވެ. އާދެ، އަނދިރި އަނދިރިންގެ ގޮތުގައެވެ.

އަނދިރި އަނދިރިން ޕޯޗުގީޒުންގެ ހަނގުރާމަމަތީ ތިން ގުރާބައިގެން އައިސް ބަނދަރުކުރީ މާލޭގެ ހުޅަނގުކޮޅުގައެވެ. އަދި ފަތިސް ގަޑީގައި އެދިމާއިން މާލެ އަރަން ދިމާކުރިއެވެ. އޭރު އަލި ރަސްގެފާނު ބޮޑުވަޒީރާއި ލަޝްކަރައިގެން މާލޭގެ ހުޅަނގުކޮޅަށް ވަޑައިގެންނެވިއެވެ. ރަދުން، އީދު މިސްކިތާ ހަމަޔަށް ވަޑައިގެންފައި ފަސްއެނބުރި ބެއްލެވިއިރު ބޮޑުވަޒީރާއި ހައްދާމުންގެ އެކަކު މެނުވީ އިތުރު މީހަކު ފެންނާކަށް ނެތެވެ. އޭރު ގުރާބުތަކުން ކުދި އުޅަނދުތަކުގައި ޕޯޗުގީޒުންގެ މީހުން މާލެ އަރަން ދިމާކުރަނީއެވެ. ދެން ހިއްވަރު ދޫނުކުރައްވައި ރަދުންނާއި އަރިހުގައި ތިއްބެވި ދެބޭކަލުން ހަތިޔާރައިގެން ޕޯޗުގީޒުންގެ ލަޝްކަރާ ދިމާކުރެއްވިއެވެ. ހަނގުރާމައިގެ ތެރޭގައި ދުޝްމިނުންގެ އުންޑައެއް ގައިކޮޅަށް އަރައި އަލިރަސްގެފާނު ވެއްޓިވަޑައިގެންނެވިއެވެ. ގައުމުގެ ދިފާއުގައި ޝަހީދުވެ ވަޑައިގެންނެވިއެވެ. އަދި ހިއްވަރު ގަދަ އަނެއް ދެ ބަތަލުންވެސް ޝަހީދުވިއެވެ. ދެން ޕޯޗުގީޒުންގެ މީހުން މާލެ އަރައި ވެރިކަމުގެ މައްޗަށް ގަދަވެގެންފިއެވެ. ދެން އެއަށް ފަހު ދިވެހީންގެ ތެރެއިން ބަޔަކު ހަނގުރާމަކުރެވުނު ތަނަށް ގޮސް އަލިރަސްގެފާނާއި ބޮޑުވަޒީރާއި ހައްދާމުގެ ހަށިކޮޅު، އެތިންކަލުން ޝަހީދުވެގެން ވެއްޓިވަޑައިގަތް ތަނުގައި ފަސްދާނު ލައިފިއެވެ. އެއީ ހިކި ދިޔައިގައި ހިކިފައި އޮންނަ ބޮޑުދިޔައިގައި ލޮނުގަނޑު އޮންނަ ތަނެކެވެ. އެހެންކަމުން މަގުބަރާގެ ވަށައިގެން ބޮޑެތި ގާ ޖައްސައިގެން ފާރެއް ފަދައިން ވަރުގަދަކޮށް އެތަން ހެދިއެވެ. ފަހުގެ ޒަމާނެއްގައި ފާލަމަކުން ދެވޭ ގޮތަށް އެތަންކޮޅު ހިކިފަސް ތަނަކަށް ހެދީއެވެ. އޭގެ ފަހުން މާލޭގެ ހުޅަނގު ފަރާތު ފަޅު ހިއްކައި މާލޭގެ ބިން ބޮޑުކުރެވުނުއިރު އަލިރަސްގެފާނު ޒިޔާރަތް ރަށުގެ އެތެރެއަށް ވަނީއެވެ.

އަލިރަސްގެފާނު ޝަހީދުވެ ދިވެހިރާއްޖޭގެ މައްޗަށް ކާފަރުވި ހަސަން ރަސްގެފާނު ފޮނުއްވި ގޯވާގެ ޕޯޗުގީޒުން ވެރިކަންކުރަން ފެށިކަމަށް ތާރީހު ބުނަނީ ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ ފުރަތަަމަ ދުވަހެވެ. އަލިރަސްގެފާނު ޝަހީދުވި ހާދިސާއިންނާއި މިހާދިސާ އާއި ހަމައަށް ގައުމުގެ ކަންކަން ފޯރާން މެދުވެރިވި ތަފާތު ހަދިސާތަކަކީ އެއިން އިބުރަތްތެރި ފިލާވަޅުތަކެއް ލިބިގެންދާނޭ ހާދިސާތަކެއްކަން ކަށަވަރެވެ. ކޮއިމަލާކަލޯ މިރަށްތަކުގައި ގައުމެއް ބިނާކޮށް ވެރިކަމެއް ގާއިމުކުރެއްވި ފަހުން މިއަދާ ހަމައަށް މިނިވަންކަންމަތީ އަދި ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިގެން އައީ ގައުމަށްޓަކައި ޖާނު ގުރުބާންކޮށްލި އެތަކެއް ޝަހީދުންނަކާއި ބަތަލުންތަކެއްގެ ހިއްވަރު ގަދަ މަސައްކަތުންނެވެ. ޝަހީދުންގެ ދުވަހު މިއެންމެހާ ޝަހީދުންނަށް ޝުކުރުގެ ޖިޒީއެއް ވެދުންކުރަމެވެ.

ފަހުރާއި ޝަރަފު ގައުމަށް ހޯދައިދެއްވި ބަތަލުންނަށް
ޒިކުރާގެ މަތިވެރި ޅެންތަކުން އަދުގައި ކުރީމެ ސަލާމް


މަރުޖިއުތައް:
ތާރީހު އިސްލާމި ދީބާމަހަލް
ދިވެހި ތާރީހު
ތަންގީހު ކުރެވުނު ދިވެހިރާއްޖޭގެ ތާރީހުގެ ތަންތަންކޮޅު
The Máldive Islands. Monograph on the History, Archaeology and Epigraphy, HCP Bell
Kalu Muhammad Hilali, Sultan of the Maldives (1491-1528), Jorge M. dos Santos Alves

އެޑިޓަރުގެ ނޯޓް: މުހައްމަދު ނާޖިހް އަކީ ގާނޫނީ ވަކީލެކެވެ. މިހާރު މަސައްކަތް ކުރައްވަނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް ގެ މަގާމުގަ އެވެ. އަމިއްލަ ގޮތުން ވެސް، ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރައްވައި އެ މައުލޫމާތު އެއްކުރައްވައި އެ ދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. މީގެ އިތުރުން އޭނާއަކީ، ދިވެހި ބަހުގެ ދިރާސާތައްވެސް ކުރައްވާ، ބަހަށް ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ދިވެހި ބަހުގެ އެންމެ ބޮޑު މީސްމީޑިއާ ޕްލެޓްފޯމްކަމަށްވާ ބަސް ޖަގަހައިގެ ވެސް އެއް ފައުންޑަރ މެންބަރެވެ.