އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީން ރަށުން ބޭރުގައި ފުލްހަމް ބަލިކުރިއިރު، ޗެލްސީން ލީޑްސްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.
ޗެލްސީން ލީޑްސްއާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރުވެގެން ނިމިފައިވާއިރު، އެޓީމަށް ލިބުނު ހިތްހަމަޖެހުމަކީ އިތުރު ކްލީންޝީޓެއް ދެމެހެއްޓުމެވެ. ފްރޭންކް ލެމްޕާޑަށްފަހު ޗެލްސީއާ ހަވާލުވި ކޯޗު، ތޯމަސް ޓުޗެލްއާއެކު އެޓީމުން މިހާތަނަށް ކުޅުނު 12 މެޗުންވެސް ބަލިވެފައެއް ނުވެއެވެ. ކޮޅަށް އެންމެ ދެ ގޯލް ވަދެފައިވާއިރު، ޗެލްސީ ގޯލްކީޕަރު އެޑުއާޑް މެންޑީ ވަނީ 14 މެޗުގައި ކްލީންޝީޓް ދަމަހައްޓާފައެވެ.
ޗެލްސީން ކުޅުނު މެޗުގައި ފޯވަޑަށް ކުޅުނު ކައި ހަވާޓްސް އާއި ކްރިސްޓިއަން ޕްލިސިޗަށް ލިބުނު ހަމަލާތައް ފާހަގަވެގެން ގޮސްފައިވާއިރު، އަނެއްކޮޅުންވެސް ވަނީ ނުރައްކާ ކޮށްފައެވެ.
ސިޓީން ރޭ ފުލްހަމްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ސިޓީއަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކެޕްޓަން ބޭންޑާއެކު މެޗަށް ނުކުތް ސާޖިއޯ އަގުއޭރޯ ގޯލް ޖެހުމެވެ. މިދިޔަ ސީޒަނުން ފެށިގެން އަނިޔާގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، އަގުއޭރޯއަށް ގިނަ މެޗުތަކެއް ގެއްލިފައިވާއިރު، އަނިޔާއިން ރަނގަޅުވެ އެނބުރި އައިތަނުން ކޮވިޑް 19 ޖެހިގެންވެސް އަގުއޭރޯއަށް ވަނީ މެޗުތަކެއް ގެއްލިފައެވެ.
މިދިޔަ އަހަރު ޖެނުއަރީއަށްފަހު އަގުއޭރޯ ޖެހި ފުރަތަމަ ލީގު ގޯލާއެކު ދެން ސިޓީއަށް މެޗުގައި ގޯލްތައް ޖަހައިދިނީ ޑިފެންޑަރު ޖޯން ސްޓޯންސްގެ އިތުރުން ގެބްރިއަލް ޖީސަސްއެވެ.
ލީގުގައި ސިޓީން އެންމެފަހުން ރަށުން ބޭރުގައި ކުޅުނު އަށް މެޗުވެސް ކާމިޔާބު ކޮށްފައިވާއިރު، އެ އަށް މެޗުގައި އެޓީމުން ވަނީ 22 ގޯލް ޖަހާފައެވެ. ކޮޅަށް ވަދެފައި ވަނީ އެންމެ ތިން ގޯލެވެ. މުޅި ޔޫރަޕްގައިވެސް އެންމެ ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނަ އެއް ޓީމު ކަމަށްވާ ސިޓީން ރޭ ހޯދި މޮޅާއެކު އިނގިރޭސި ތާވަލުގެ އެއްވަނައިގައި ވަނީ 17 ޕޮއިންޓްގެ ލީޑެއްވެސް ދަމަހައްޓާފައެވެ.
ދެވަނަގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 54 ޕޮއިންޓް ލިބިފައިވާއިރު، ސިޓީއަށް ވަނީ 71 ޕޮއިންޓް ލިބިފައެވެ. ޔުނައިޓެޑަށް އޮތް ފައިދާއަކީ އަތުގައި ދެ މެޗު އޮތުމެވެ. ސިޓީން 30 މެޗު ކުޅެފައިވާއިރު، ޔުނައިޓެޑުން މިހާތަނަށް ކުޅެފައި ވަނީ 28 މެޗެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު