އަންނަ އޭޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިިހާބުގެ ކެމްޕެއިނަށް، ކަރަންޓީން ނުވެ، ރަށްރަށަށް ދެވޭނެ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލު ބަދަލުކޮށްފިއެވެ.
އެޗްޕީއޭ އިން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އާންމުކުރި ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުގައިވާ ގޮތުން ކެމްޕެއިނަށް ރަށްރަށަށް ދަތުރުކުރާ މީހުން 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަން ޖެހެއެވެ.
ނަމަވެސް އެކަމާ ގުޅިގެން ސިޔާސީ ޕާޓީތަކަށް، ހާއްސަކޮށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ކަންބޮޑުވުން ފާޅުކުރި އެވެ.
އެޗްޕީއޭ އިން މިއަދު ވަނީ ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުގައި ކެމްޕެއިނަށް ރަށްރަށަށް ދެވޭ މާއްދާ އިސްލާހުކޮށްފަ އެވެ.
އެޗްޕީއޭ އިން ގެނައި އިސްލާހުގައި ބުނެފައިވަނީ ތާއީދު ހޯދުމާއި ކެމްޕޭނުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރަންވާނީ އެ އެޖެންސީން އެކަމަށް ކަނޑައަޅައި އާންމުކުރާ ހާއްސަ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.
ނަމަވެސް އެ ގައިޑްލައިނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް އެއްވެސް ކެނޑިޑޭޓަކު ނުވަތަ ތާއީދު ހޯދަންދާ ފަރާތްތަކުން އަމަލުކޮށްފިނަމަ، އެ މީހަކަށް އެއް ރަށުން އަނެއް ރަށަށް ދެވޭނީ 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރުމަށްފަހު ކަމަށް ވެސް އިސްލާހުގައިވެ އެވެ.
އެޗްޕީއޭ އިން އުސޫލަށް ލުއި ގެނެސްފައި މިވަނީ، މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސާސާތަކުގެ ކޮމެޓީގައި އުސޫލު އޮތް ގޮތުން ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތުތަކެއް ލިބިގެން ނުދާނެ ކަމަށް ވިދާޅުވެ، އިލެކްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.
ގާނޫނު ބުނާ ގޮތުން ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތުތަކެއް ދޭން ޖެހެއެވެ. އަދި އެންމެ މަދުވެގެން 28 ދުވަސް އެކަމަށް ދޭން ޖެހެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު