މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވެފައިވާތީ، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އެލްކޭޖީން ފެށިގެން ގުރޭޑް 6 ގެ ދަރިވަރުންނަށް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ވެސް އޮންލައިންކޮށް ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް މާލެ ސަރަހައްދުގެ އެލްކޭޖީން ފެށިގެން ގުރޭޑް 6 އާ ހަމައަށް ކިޔަވައިދޭނީ އޮންލައިންކޮށް ކަމަށެވެ. ނަމަވެސް ގުރޭޑް 7 އިން 12ގެ ދަރިވަރުން ސްކޫލަށް ހާޒިރުވާން ޖެހޭނެ އެވެ.

ކޮވިޑު ކޭސްތައް އިތުރުވުމާ ގުޅިގެން މިމަހުގެ 12 އިން ފެށިގެން މާލެ ސަރަހައްދުގެ ގުރޭޑް 1 އިން 6ގެ ދަރިވަރުން ސްކޫލަށް ހާޒިރުނުކޮށް، ކިޔަވައި ދެމުން އަންނަނީ އޮންލައިންކޮށެވެ. އަދި މިދިޔަ މަހުގެ 28 އިން ފެށިގެން ގްރޭޑް 8 އިން ދަށަށް ވެސް އައީ އޮންލައިންކޮށް ކިޔަވައިދެމުންނެވެ.

ކޮވިޑުގެ ސަބަބުން މާލޭގެ ސްކޫލުތައް ބަންދުކޮށްފައި ހުންނަތާ އަހަރެއްހާ ދުވަސް ފަހުން އަލުން ސްކޫލުތައް ހުޅުވައި ކިޔެވުން ފަށާފައިވަނީ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ. ނަމަވެސް ކޮވިޑުގެ ކޭސްތައް އިތުރުވާން ފެށުމުން ބެލެނިވެރިންނާއި އާންމުން ވަނީ ސްކޫލުތައް ބަންދު ކުރުމަށް ގޮވާލަމުންނެވެ.