ޕީއެސްޖީ އަތްދަށުވެ ބާސެލޯނާއިން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ކަޓައިގެން ދިޔައީ ރޭ ކުޅުނު ދެވަނަ ލެގު 1-1 އިން އެއްވަރުވެ، އެގްރިގޭޓް ނަތީޖާގައި 5-2 އިން ބަލިވެގެންނެވެ. ރޭގެ މެޗުގައި ބާސާއިން ރަނގަޅު ކުޅުމެއް ދައްކައި މެޗު އަނބުރާލަން މަސައްކަތް ކޮށްފައިވާއިރު، ކެޕްޓަން ލިއޮނަލް މެސީގެ ހިތްގައިމު ގޯލުގެ އިތުރުން އޭނާގެ ފަރާތުން މުހިއްމު ވަގުތެއްގައި ޕެނެލްޓީ ނާކާމިޔާބުވިކަން ފާހަގެވެގެން ގޮސްފައިވެއެވެ.
މެޗުގެ ފުރަތަމަ ގޯލް ޕީއެސްޖީއަށް ލިބުނު ޕެނެލްޓީއަކުން ކިލިއަން އެމްބާޕޭ ކާމިޔާބު ކޮށްދީފައިވާއިރު، ބާސާގެ ގޯލަކީ މެސީ ހާފްގެ މެދެއްހާ ހިސާބުން ފޮނުވާލި ބާރު ހަމަލާއެއް ގޯލްގެ މަތީ ކަނަށް އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ. ހާފް ނިމުމުގެ ކުރިން ލީޑު އިތުރަށް ފުޅާކުރުމަށް މެސީއަށް ލިބުނު ފުރުސަތު އޭނާ ނަގާލިއެވެ. މެސީ ޖެހި ބާރު ޕެނެލްޓީ މަތަކޮށް ބޭރުކޮށްލީ ޕީއެސްޖީގެ ގޯލްކީޕަރު ކޭލޯ ނަވާސްއެވެ.
މިދިޔަ ސީޒަނަށްފަހު ބާސާ ދޫކޮށްލަން މެސީ އެދިފައިވާއިރު، އޭނާ ކުރިން ހުރީ މި ސީޒަނަށްފަހު ބާސާ ދޫކޮށް ދާނެ ވިސްނުމެއްގައެވެ. ބާސާގެ ކޯޗު ރޮނަލްޑް ކޯމަން ރޭގެ މެޗަށްފަހު ބުނެފައި ވަނީ މެސީ ކްލަބުގައި މަޑުކުރާނެ ފަދަ އުންމީދީ މުސްތަގުބަލެއްގެ މަންޒަރު ރޭގެ މެޗުންވެސް ފެނިގެން ގޮސްފައިވާނެ ކަމަށެވެ.
"މިހާރު ބާސާގެ ކުރިއެރުން މެސީއަށް ފެންނަމުން ދާނެކަން ޔަގީން. އަހަރެމެން ކުރަމުން އައި، ގެންނަމުން އަންނަ ބަދަލު އެއީ،" ކޯމަން ބުނެފައިވެއެވެ.
ބާސާއާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ހޯދާފައިވާ މެސީއާ ގުޅިގެން ކޯމަން އިތުރަށް ބުނެފައި ވަނީ ބާސާގައި ކޮލިޓީ ރަނގަޅު ޒުވާން ކުޅުންތެރިންތަކެއް ތިބިކަން މިހާރު އެނގޭނެ ކަމަށާއި، ބާސާގެ މުސްތަގުބަލު އުޖާލާ ވާނެ ކަމަށް މެސީއަށްވެސް މިހާރު އެއްވެސް ޝައްކެއް ނުކުރެވޭނެ ކަމަށެވެ. ކޯމަން ބުނެފައި ވަނީ ރޭގެ މެޗުގައި ބާސާއިން ދައްކާލީ އަސްލު ފެންވަރުގެ ކޮންމެވެސް ވަރެއް ކަމަށާއި، ކަޓައިގެން ދިޔަ ނަމަވެސް ކުޅުން އެންމެނަށްވެސް ފެންނާނެ ކަމަށް ކޯމަން ބުނެފައިވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު