މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 100 އަށް ވުރެ ގިނަ ރަށްރަށުގެ ޖަމިއްޔާތަކާއި އާންމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މިދޔަ އަހަރުތެރޭ ކުރި މުހިންމު މަސައްކަތްތަކާއި މުޖުތަމައަށް އެހީތެރިވުމަށް މާލީ ގޮތުން ވެދީފައިވާ އެހީތެރިކަމާ ގުޅޭ މަައުލޫމާތު ހިމެނޭ ސަސްޓެއިނަބިލިޓީ ރިޕޯޓް މިއަދު ވަނީ އާންމު ކޮށްފަ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން، މުޖުތަމައުގެ ލާބަ އާއި މަންފާއަށް ރާއްޖޭގެ 100 އަށްވުރެ ގިނަ ރަށުގެ ޖަމިއްޔާތަކާއި އާންމު ފަރުދުންނަށް އަމާޒުކޮށްގެން އެ ބޭންކުން ހިންގި ޕްރޮޖެކްޓްތަކާއި ސްޕޮންސަޝިޕްތައް މެދުވެރިކޮށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ކޮވިޑް-19 ގެ ބަލި މަޑުކަމާއެކު ދިމާވި ދަތި އުނދަގޫތަކާއި އެކުވެސް ބޭންކުން ވަނީ ސީއެސްއާރް ޕްރޮޖެކްޓްތައް ހިންގައި، އާންމު ފަރުދުންނާއި މުޖުތަމައުތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
ކޮވިޑް-19 އާ ގުޅިގެން ގިނަ ދަތިތަކެއް ކުރިމަތިވެގެން ދިޔަ ނަމަވެސް ބޭންކުގެ އިޖުތިމާއީ ޒިންމާގެ ދަށުން މިދިޔަ އަހަރުވެސް ހަރަކާތްތަކެއް މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަނީ ހިންގާފަ އެވެ.
އެގޮތުން ދެމެހެއްޓެނިވި މަޝްރޫއުތަކެއްގެ ޒަރީއާއިން ވަކިވަކި ފަރުދުންނާއި ޖަމިއްޔާ ޖަމާއަތްތައް ބާރުވެރިކުރުމުގެ ގޮތުން ހިންގި އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް އެއްމިލިއަން ރުފިޔާގެ 20 މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަގައި ހިންގުމަށް އިންވެސްޓްކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
އެގޮތުން ސްކޫލްތަކުގެ ކްލާސްރޫމްތަކަށް ބޭނުންވާ ތަކެތި ހޯދުމާއި ލައިބްރަރީ ތަރައްގީކުރުމާއި، ޕާކު އަދި ޖިމް ހެދުމާއި ނޭޗަރ ޕާކް ތަރައްގީކުރުމާއި ސޯލަރ ލައިޓް ހަރުކުރުމުގެ ޕްރޮޖެކްޓްތަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދެވިފައި ކަމަށް އެ ބޭންކުން ބުނެއެވެ.
ރާއްޖޭގައި ހިންގާ ޖަމިއްޔާތަކުން މުޖުތަމައަށް އެހީފޯރުކޮށްދިނުމަށް ހިންގާ ގިނަ ޕްރޮޖެކްޓްތަކަށާއި މަސައްކަތްތަކަށް އެހީވުމަށް ބޭންކުން އަބަދުވެސް މަސައްކަތް ކުރާކަން ވަނީ ފާހަގަކޮށްފަ އެވެ.
އެގޮތުން މިދިޔަ އަހަރު ކެންސަރ ސޮސައިޓީ އޮފް ދަ މޯލްޑިވްސް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރަން ކުރާ މަސައްކަތަށް އެހީތެރިކަން ފޯރިކޮށްދީ ފެމެލީ ލީގަލް ކްލިނިކް ގެ ފަރާތުން ކުރިޔަށް ގެންދާ ލީގަލް އެއިޑް ޕްރޮގްރާމުގެ ދަށުން ގާނޫނީ ލަފާ ބޭނުންވާ ފަރާތްތަކަށް އެހީވުމަށާއި އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން މާލީ އެހީތެރިކަން ވަނީ ފޯރިކޮށްދީފައެވެ.
އެއާއެކު، ކޮވިޑް-19 ގެ ސަބަބުން އެހީތެރިކަމަށް ބޭނުންވެފައި ތިބި ކުދިންނަށް އެހީތެރިވުމަށް ހިންގި އާކް އެއިޑް ޕްރޮގްރާމަށް 150،000 ރުފިޔާ ހަދިޔާކޮށް 587 ކުދިން ހިމެނޭހެން 300 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ބޭންކުން ވަނީ ބައިވެރިވެފައެވެ.
އަތޮޅުތެރޭގައި ބޭންކިން ވިއުގަ ފުޅާކުރުމަށްޓަކައި މިދިޔަ އަހަރު ވަނީ އިތުރަށް އިންވެސްޓް ކޮށްފައި ކަމަށް ބޭންކުން ވަނީ ބުނެފަ އެވެ. އެގޮތުން ނުވަ ރަށެއްގައި އަލަށް ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރ ހުޅުވައި އިތުރު ފަސް ރަށެއްގައި ބެެހެއްޓިފައި ހުރި އޭޓީއެމް ސެލްފް ސަރވިސް ބޭންކިންގ ހިދުމަތްތައް ލިބޭނެހެން ބަދަލު ނެގެސްފައި ވެއެވެ. އަދި ކޭޝް އޭޖެންޓް ވިއުގަ ފުޅާކޮށް 200 އަށް ވުރެ ގިނަ އޭޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތްތައް ލިބޭނެ މަގުވެސް ވަނީ ތަނަވަސްކޮށްދީފައެވެ. މީގެތެރެއިން 40 އަށް ވުރެ ގިނަ އޭޖެންޓުން މެދުވެރިކޮށް މިހާރު ވަނީ ފައިސާ ޖަމާކުރުމާއި ލޯނަށް ފައިސާ ދެއްކޭނެ މަގުވެސް ފަހިކޮށްދީފަ އެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ އަދި އަމިއްލައަށް ވީލްޗެއަރ ބޭނުންކުރެވޭނެ ކޮންމެ މީހަކަށް ވީލްޗެއާއެއް ހަދިޔާ ކުރުމަކީ ބޭންކުން ވަރަށް ހާއްސަ ކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ.
އެ ޕްރޮގްރާމުގެ ދަށުން 65 ވީލްޗެއާ މިދިޔަ އަހަރު ވަނީ ހަދިޔާ ކޮށްފަ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް 1.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.
ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުންނާއި މި ހާލަތުން އަރައިގަނެވޭނެ މުއްދަތެއް އަދި އަންދާޒާ ކުރަން ދަތިވެފައިވީ ނަމަވެސް ބޭންކުން މިއަހަރު ތެރޭގައިވެސް ރާއްޖޭގެ ރައްޔިތުންނާއި މުޖުތަމައުގެ ލާބައާއި މަންފާއަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް