ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ތިން އަހަރުގެ މި އެއްބަސްވުމުގެ ދަށުން، ނެޓްބޯލް އެސޯސިއޭޝަނުން ކޮންމެ އަހަރަކު ބާއްވާ އިންޓަސްކޫލް ނެޓްބޯލް ޓޯނަމެންޓް (ބީއެމްއެލް ރާއްޖެ ޖޫނިއާ ނެޓްބޯލް ޗެމްޕިއަންޝިޕް) އަދި ޖޫނިއާ ޗެމްޕިއަންޝިޕް ޓޯނަމެންޓްއަށް ބޭންކުގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ރާއްޖޭގައި ނެޓްބޯޅަ ކުރިއަރުވައި ތަރައްގީކޮށް، ޒުވާނުންގެ ހުނަރު ކުރިއެރުވުމަށް އަމާޒުކޮށްގެން ނެޓްބޯލް އެސޯސިއޭޝަނުން މިފަދަ މުބާރާތްތައް ގަވާއިދުން ބާއްވައެވެ.

ބީއެމްއެލުން އަންނަނީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ކުޅިވަރު ހަރަކާތްތަކާއި ގައުމީ އެސޯސިއޭޝަންތަކާއެކު ގާއިމުކުރާ ސްޓްރެޓީޖިކް ޕާޓްނަރޝިޕްތަކުގެ ޒަރިއްޔާއިން، މުޅި ރާއްޖޭގައި ކުޅިވަރުގެ ހުނަރުތައް ތަރައްގީކުރުމަށް މަސައްކަތް ކުރަމުންނެވެ.

މީގެ ތެރޭގައި ފުޓްބޯލް އެސޯސިއޭޝަން، ބާސްކެޓްބޯލް އެސޯސިއޭޝަން، މޯލްޑިވްސް އެކުއަޓިކްސް އެސޯސިއޭޝަން، ސާފިން އެސޯސިއޭޝަން، ޓެނިސް އެސޯސިއޭޝިއަންގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ހިމެނެއެވެ.