ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އޮންލައިން މުއާމަލާތްތައް ކުރުމަށް ކަނޑައަޅާފައިވާ ލިމިޓްތަކަށް މި މަސް ނިމުމުގެ ކުރިން ލުޔެއް ދޭނެކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.
ބީއެމްއެލުން މިއަދު ބުނީ ކަސްޓަމަރުންނަށް މި ލުއިތަކުގެ ފައިދާ މި މަސް ނިމުމުގެ ކުރިން ފެންނަން ފަށާނެ ކަމަށެވެ.
ބީއެމްއެލް އިން ވަނީ އީ-ކޮމާސް މުއާމަލާތްތަކަށް ލިމިޓުތަކެއް ކަނޑައަޅައިފައެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވަނީ މި މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.
ބީއެމްއެލުން މިހާރު އަމަލުކުރަމުންދާ އުސޫލަށް ބަލާއިރު، ބޭރު ގައުމުތަކުގައި ޕީއޯއެސް މެދުވެރިކޮށް މަހަކު 1,000 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވެއެވެ. އަދި ބޭސްފަރުވާ، ތައުލީމް، އެއާލައިން ޓިކެޓް އަދި ހޮޓާ ބުކިން ފަދަ ކަންކަމަށް މަހަކު 3,000 ޑޮލަރުގެ ލިމިޓެއް ލިބެއެވެ.
ބީއެމްއެލް އިން ބުނީ މި ލިމިޓްތަކަށް މިހާތަނަށް ބަދަލެއް ގެނެސްފައި ނުވި ނަމަވެސް، ޒަރޫރީ ބޭނުންތަކަށް ފައިސާ ފޮނުވުމުގައި ދަތިވާ ފަރާތްތަކަށް ބޭންކުން އިތުރު އެހީތެރިކަން ދެމުންގެންދާނެ ކަމަށެވެ.
ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި އެ ބޭންކުން ވަނީ ޖުމްލަ 345 މިލިއަން ޑޮލަރު ވިއްކާފައެވެ. މީގެ ތެރެއިން 198 މިލިއަން ޑޮލަރު ވިއްކީ ކާޑު މުއާމަލާތްތަކަށެވެ. 147 މިލިއަން ޑޮލަރު ވިއްކީ ވިޔަފާރިތަކަށެވެ. މަހެއްގެ މައްޗަށް އެވްރެޖްކޮށް 69 މިލިއަން ޑޮލަރު ބީއެމްއެލްއިން ވިއްކާފައިވެއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 47 ޕަސަންޓުގެ ބޮޑު އިތުރުވުމެކެވެ.
މުހައްމަދު އިޝާން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ކޮމެންޓް