ކަންކަން ފަސްކުރުމުގެ އާދަ އަށަގަންނަނީ ކީއްވެގެންތޯ ބެލުމަށް 2006 ވަނަ އަހަރު ހާވަރޑްގެ ދެ ޕްރޮފެސަރުން ދިރާސާއެއް ކުރިއެވެ. ކޮންމެހެން ކުރަން ޖެހޭ ކަންތައްތައް ހުރިކަން އެނގި ހުރެވެސް އެކަމެއް ފަސްކުރުމުގެ އާދައަކީ ވަރަށް ގިނަ މީހުންގެ ހުންނަ ކަމެކެވެ.
ޕްރޮފެސަރު ޓޮޑް ރޮޖަސް އަދި މެކްސް ބެޒަރމެން ހިންގި ދިރާސާއެއްގައި، ބައިވެރިން ކުރެ އަހާފައިވަނީ މުސާރައިގެ 2 ޕަސެންޓު އޮޓޮމެޓިކުން ސޭވިންގްސް އެކައުންޓަށް ޖަމާވާ ގޮތަށް އެކުލެވިފައިވާ ސޭވިންގްސް ޕްލޭނެއްގައި ބައިވެރިވާނަންތޯ އެވެ. ދިރާސާގެ ގާތްގަނޑަކަށް ހުރިހާ ބައިވެރިން ގޮތަށް މި ޕްލޭނަކީ ފަހަށް ރައްކާކުރެވޭނެ، ރަނގަޅު ޕްލޭނެއް ކަމުގައި ގަބޫލުކުރި އެވެ. ނަމަވެސް ބައިވެރިން އެކަމާ ކުރިމަތިލިގޮތް ތަފާތެވެ.
ބައިވެރިންނާ ސުވާލު ކޮށްފައި ވަނީ ދެގޮތަކަށެވެ. ފުރަތަމަ ސުވާލުކުރީ ވީއެންމެ އަވަހަކަށް މި ސޭވިންގްސް ޕްލޭންގައި ބައިވެރިވާން ބޭނުންވަނީ ކޮންބައެއްތޯ އެވެ. މިކަމަށް ބައިވެރިން ތެރެއިން އެއްބަސްވީ 30 ޕަސެންޓް މީހުންނެވެ.
ދެން ސުވާލު ކުރީ ފަހުން ބައިވެރިވާ ގޮތަށް ހުޅުވާލާނެ ސޭވިންގް ޕްލޭންގައި (ގާތްގަނޑަކަށް އަހަރު ދުވަސް ފަހުން) ބައިވެރިވާނަންތޯ އެވެ. ބައިވެރިންގެ ތެރެއިން 77 ޕަސެންޓް މީހުން މިޕްލޭންގައި ބައިވެރިވުމަށް އެއްބަސްވިއެވެ.
މިތަނުގައި ފަހަށް ރައްކާކުރުމުގެ މުހިއްމުކަން އެނގި ހުރެވެސް، އެކަން ވަގުތުން ކުރުމަށް ވުރެ ގިނަ މީހުންނަށް ބުރަވެވިފައި ވަނީ ފަހުން އެކަންކުރަންކަން ފާހަގަވެއެވެ. މީގެން އެނގެނީ މުހިއްމުކަމެއް ކަން އެނގިހުރެވެސް، ވަގުތުން ކުރުމުގެ ބަދަލުގައި ފަހުން ކުރަން އިސްކަންދިނުމުގެ ތަބީއަތެއް ހުންނަކަމެވެ.
ގިނަ މީހުންނަށް ފަހަށް ވިސްނުމަށް ވުރެ އިސްކަންދެވެނީ ވަގުތީ ފައިދާއަށެވެ. ހާއްސަކޮށް ފަހުން ލިބިދާނެ ގެއްލުމެއް އޮތް ނަމަވެސް، އެވަގުތަކު މާބޮޑު ގެއްލުމެއް ނުފެންނަ ނަމަ ފަހަށް އޮތް ފައިދާއަށް އިސްކަން ދީގެން އެކަމާ އުޅުމަށް ސަމާލުކަމެއް ނުދެވެއެވެ.
މިސާލަކަށް އެނާޖީ ޑްރިންކް ބުއިން ނުވަތަ ގިނަ އަދަކަށް ފެޓްސް ހުންނަ ކެއުން އާންމުކޮށް ކެއުން އަދި ސިނގެރޭޓު ބުއިން ފަދަ ކަންކަމުން ހަށިގަނޑަށް ނޭދެވޭ އަސަރުކުރާކަން އަބަދުވެސް އެނގެއެވެ. ނަމަވެސް ކަސްރަތުކުރުން ދެތިން ދުވަހު ހުއްޓާލުމަކުން މާބޮޑު ބަދަލެއް ނަޔަސް، މަސްދުވަހަށް ދެމިގެން ދިއުމުން، އޭގެ ގެއްލުން ފެނެއެވެ.
އަލަށް ނުކުންނަ ފޯނެއް ގަތުމަށް އަވަސްވެގަންނައިރު، ރިޓަޔަމަންޓަށް ފައިސާ ރައްކާކުރުމުގެ މުހިއްމުކަމަށް ސަމާލުކަމެއް ނުދެވެއެވެ.
ޓެކްނޮލޮޖީގެ މިޒަމާނުގައި ބޭނުން ކުރެވޭ އިލެކްޓްރިކަލް ތަކެތިން ވަގުތީ ފައިދާ އޮތް ނަމަވެސް، އެކަމުގެ ސަބަބުން ޖައްވަށް ބޭރުވާ ވިހަ ގޭސްތަކާއި ވެއްޓަށް ކުރާ ނޭދެވޭ އަސަރު އަހަރުތަކެއް ފަހުން ނޫނީ ނުފެނެއެވެ.
ނަމަވެސް ފަހުން ވާނެ ގެއްލުންތަކާ މެދު ފުންކޮށް ވިސްނާލަން ވަގުތު ދެވިއްޖެނަމަ، މި ވިސްނުމަށް ބަދަލު އާދެއެވެ. މީގެ އެއް އަހަރުފަހުން، ތިމާ ހުންނަން ބޭނުން ވަނީ ކެއުމަށް މާބޮޑު ސަމާލުކަމެއް ނުދީ ފަލަކޮށްތޯ ނޫނީ ކަސްރަތުކޮށް ރަނގަޅު ސިއްހަތެއްގައިތޯ ސުވާލުކޮށްލާށެވެ! ފައިދާކުރާނީ ކޮންގޮތަކުންކަން އެނގެއެވެ. ނަމަވެސް އެ ބަދަލަށް ވަގުތުން މަސައްކަތް ކުރުމަށް ފަސް ޖެހެވެއެވެ.
މާދަމާއަށް ވިސްނާ މީހާއަށް، އެކަމަށް ވާސިލު ވުމަށް މަސައްކަތް ފަށަންވީ މިހާރުން މިހާރަށްކަން އެނގެއެވެ. ނަމަވެސް މިހާރަށް ވިސްނާ މީހާއަށް ވަގުތުން ހެޔޮ ބަދަލު ނުފެންނާތީ، އެކަމަށް މަސައްކަތްކުރުމަށް މާބޮޑު ސަމާލުކަމެއް ނުދެވެއެވެ.
އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ފަހުން ފެންނާނެ ފައިދާއަށް ވިސްނައިގެން މިހާރު ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ އާދައެއް އަހަރެމެން އެންމެންގެ މެދުގައި ގެންގުޅެ އެކަމަށް ހިތްވަރުދިނުމުގެ ސަގާފަތެއް އަށަގަންނުވަން މަސައްކަތް ކުރުން އެއީ ހެޔޮ ފައިދާއެއް ކުރާނެ ކަމަކަށް ވާނެ އެވެ.
މީގެ އިތުރުން ފަހަށް ފައިސާ ރައްކާކުރުމުން ލިބޭނެ ފައިދާތަކާ މެދު ގިނަގިނައިން ވިސްނައި އަމިއްލަ ނަފުސަށް ހަނދާންކޮށްދިނުމަކީ ވެސް މި މަގަށް ވާސިލުވުމަށް ހިތްވަރު ލިބޭނެ ކަމަކަށް ވާނެ އެވެ.
އެކަނި ކަސްރަތުކުރާ މީހަކު ދުވަހެއް ނޫނީ ހަފުތާއެއް ދޫކޮށްލުމަކުން އޭގެ މާބޮޑު އަސަރެއް ވަގުތުން ނުފެނިދާނެއެވެ. ނަމަވެސް އެގޮތަށް ދުވަސްތައް ދޫކުރަމުން ދާނަމަ، އޭގެ ގެއްލުން ދެތިން މަސް ފަހުން ވެސް ފެނެއެވެ. ނަމަވެސް، މިކަމަށް ބައިވެރިޔަކާއެކު ކުރީބައިގައި ގަޑިއަކާއި ދުވަހެއް ސެޓު ކުރުމުން، އެ ދުވަސް ދޫކޮށްލުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. އެހެނީ ތިމާ ކަސްރަތަށް ދާން ބޭނުން ނުވާ ދުވަހުވެސް ހިތްވަރު ދީގެން ގެންދާން ބާރު އަޅާނެ މީހަކު އޭރުން ހުންނާނެ އެވެ.
މިސާލަކަށް ތިއީ ކަސްރަތު ކުރާ މީހަކަށް ވެފައި، ކަސްރަތު ކުލާސްތައް ދޫކޮށްލެވެނީ ނަމަ ދޫކޮށްލާ ކޮންމެ ކުލާހަކަށް ނުވަތަ ސެޝަންއަކަށް އަމިއްލައަށް ދައްކަން ޖެހޭ ޖޫރިމަނާއެއް ކަނޑައެޅުމަކީ ވެސް ހިތްވަރަކަށް ވާނެ އެވެ. އޭރުން އަނެއްކާވެސް ކުލާސް ފަސްނުކޮށް ކަސްރަތަށް ދެވޭނެ އެވެ.
ރަނގަޅު ކާނާ ކެއުމަކީ ސިއްހަތަށް އެންމެ ފައިދާ ހުރި ގޮތް ކަން އެނގުނު ނަމަވެސް، އަދި އެއީ މާ ބޮޑު ހަރަދެއް ނުކޮށް ކުރެވިދާނެ ކަމެއް ކަން އެނގުނު ނަމަވެސް، އަހަރެމެންނަށް އަބަދުވެސް ކަން ކުރެވޭ ގޮތަކީ ރަނގަޅު ކާނާ ނުކައި ޖަންކު ފުޑާއި ތެޔޮލީ އެއްޗެހި ފަދަ ކެއުމާއިގެން ކުރިޔަށް ދިއުމެވެ. ބަދިގޭގައާއި ފުރިޖުގައި މި ދެބައި ހުއްޓަށް އިހުތިޔާރު ކުރެވެނީ އެންމެ ރަނގަޅު ނޫން ތަކެއްޗެކެވެ. އަބަދުވެސް ހިތުލެވެނީ ސިއްހަތު ރަނގަޅު ކުރުމުގެ ބައި ގެންދާނީ ކަމަށެވެ. އެކަން ހަގީގަތަކަށް ވާނެ ތަނެއް ނާދެ އެވެ.
މިކަމަށް ހައްލެއް ހޯދުމަށް ޓަކައި، ޖަންކު ފުޑާއި އެނޫންވެސް އަނގަޔަށް މީރު އެކަމަކު ސިއްހަތަށް ގޯސް ކާބޯތަކެތި ގަތުން މަދުކޮށްލަން އަޒުމު ކަނޑައަޅަން ޖެހެ އެވެ. ބަދިގެ ތެރޭގައާއި ފުރިޖުގައި އެތަކެތި ފެންނާން ހުންނަ މިންވަރު ދަށްކޮށް ރަނގަޅު ކާނާއި ބުއިންތައް ގިނަކުރަން ނިންމަން ޖެހެ އެވެ.
މ މަރުހަލާތައް ތަންފީޒު ކުރަން ކުޑަކޮށް އުނދަގޫ ވެދާނެ އެވެ. އެކަމަކު ކުޑަ ހިތްވަރަކުން ކާމިޔާބު ކޮށްލެވޭނެ އެވެ. ކާމިޔާބުވުމަށް ފަހު، ދެން އަންނަ މަރުހަލާގައި ދިރިއުޅުމުން ފެންނަ ކާމިޔާބުތަކާއި ހަށިގަނޑުން ފެންނަ ތަފާތުތައް ފެނުމުން އުފާކުރެވޭނެ އެވެ. އެހެން މީހުންގެ ތައުރީފު ވެސް ލިބެން ފަށާނެ އެވެ. އެހެން ކަމުން ކަންކަން ފަސް ނުކުރާން މިއަދު އަޒުމު ކަނޑައަޅާށެވެ! ފައިދާއެއް ހުރި ރަނގަޅު ކަމެއް ނަމަ އެ ކަމެއް ނިންމަމުން ގެންދިއުމަށް އާދަކުރާށެވެ!
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް