ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ހުރި ބިލު ތަކުގެ ތެރެއިން، ފަސް ބިލެއްގެ މަސައްކަތް، މަޖިލިސް މެންބަރުން ހޭލައި ތިއްބަވައިގެންވެސް ނިންމެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ރިޔާސަތުން އަންގާ އެންގުމުގެ ގޮތުގައި މަޖިލިސް ރައީސް ވިދާޅުވީ، އާއްމު ގަވާއިދުތަކާބެހޭ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ބިލު ތަކެއްގެ ތެރެއިން އެ ގާނޫނުގެ ޖަދުވަލުގައި ހުރި ގަވާއިދުތަކާ ގުޅުންހުރި ފަސްބިލެއް މަޖިލިސް ކޮމިޓީތަކުގައިވާ ކަމަށް މަޖިލީހުގެ ގަވާއިދު ކޮމިޓީން ފާހަގަ ކޮށްފައިވާ ކަމަށެވެ.

މިހާރު އަމަލުކުރަމުން މިދާ ފެހި ގާނޫނުއަސާސީއަށް 2008 ވަނަ އަހަރު އަމަލުކުރަން ފެށުމާއެކު ގާނޫނުއަސާސީއާ އެއްގޮތަށް ބަދަލު ކުރަން ޖެހޭ ގަވާއިދުތަކެއް، ފާހަގަ ވެގެން ދިޔައިރު އެ ގަވާއިދުތަކަށް ބޭނުންވާ ގާނޫނުތައް ހެދުމަށް ފުރުސަތު ދިނުމުގެ ގޮތުން، ވަކި ގާނޫނަކުން އެ ގަވާއިދުތަކަށް ވަނީ ގާނޫނީ ބާރު ދީފައެވެ.

ގާނޫނު އަސާސިއަށް އަމަލު ކުރަން ފަށައި، އެ ގާނޫނުތައް ހަދަން ފުރަތަމަ ދިނީ އެއް އަހަރު ދުވަހުގެ މުއްދަތެވެ. ނަމަވެސް އެކި ފަހަރުމަތިން އެ މުއްދަތު އިތުރުކޮށް މިއަދާ ހަމައަށަ އައިއިރުވެސް އެ ގާނޫނުތައް ވަނީ ނުހެދިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ އެ ގާނޫނުތައް ސެޕްޓެމްބަރު މަހަށް ނިންމަން ޖެހޭ ކަމަށެވެ.

"ގާނޫނުއަސާސީއާ އެއްގޮތަށް ގަވާއިދުތައް ބެހެއްޓުމަށް ޓަކައި ވަރަށް ގިނަ ގަވާއިދުތަކަށް ހުރީ ބެލެނިވެރިކަން ދެވިފައި މި ގާނޫނުގެ ތެރެއިން، ދެން ގާނޫނުއަސާސީގެ އިންތިގާލީ މުއްދަތުގެ ތެރޭގައި ބުނެފައި އޮތީ އެ ހުރިހާ ގާނޫނެއް އެއް އަހަރު ދުވަސް ތެރޭގައި ހަދަން، އެ އަހަރުގެ ގޯލް ޕޯސްޓް ފަހަތަށް ދަމުން ދަމުންގޮސް މީ 21 ވަނަ އަހަރު،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެ ގާނޫނުތައް ހަދަން އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދީފައިވާ މުއްދަތު، ދެން ފަހަތަށް ނުޖެއްސޭނެ ކަމަށެވެ.

"މިހާރު ހުރި ގާނޫނެއް ހުރީ، ނެތް ގާނޫނެއް ނެތުމުގެ ސަބަބުން ހައްޔަރު ކުރަން ޖެހޭ ބަޔަކު ހައްޔަރުކޮށް ދޭން ޖެހޭ އުގޫބާތެއް ދޭންވީ، ދެނެއް އަޅުގަނޑު ނުދެކެން މީގެ މުއްދަތު އިތުރު ކުރާކަށް ސެޕްޓެމްބަރު މަހުގެ ފަހަތަކަށް، މިތަނުގެ ކޮމިޓީގައި ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލް އެބަވޭ، ތަފާސް ހިސާބުގެ ބިލް އެބަވޭ، މަނިޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އެބަވޭ، މަތީތައުލީމުގެ ބިލް އެބަވޭ، މަދަނީ އިޖުރާއަތުގެ ބިލް އެބަވޭ، މިބިލުތައް ތިބޭފުޅުން ހޭާ ތިއްބަވައިގެން ވެސް ނިންމަވައި ދެއްވުމަށް އެދެން،" މަޖިލިސް ރައީސް ވިދާޅުވި އެވެ.