ކުޅިވަރު

ކުޅުންތެރިޔަކު މަދުކޮށް ކުޅެ ޕޯޓޯއިން ޔުވެންޓަސް ކަޓުވާލައި މާޔޫސްކޮށްލައިފި

މުޙައްމަދު ޝަމްޢޫން

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ހައިރާން ކުރުވަނިވި ގޮތަކަށް ޕޯޓޯއިން ޔުވެންޓަސް ކަޓުވާލައިފިއެވެ.

ރޭގެ މެޗުން ޔުވެންޓަސް 3-2ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް، ޕޯޓޯއިން ކުއާޓާ ފައިނަލަށް ދަތުރުކުރީ އަވޭ ގޯލްގެ ގަވާއިދުންނެވެ. މެޗުގެ ބޮޑު ބައެއް ޕޯޓޯއިން ކުޅުންތެރިޔަކު މަދުކޮށް ކުޅެފައިވާއިރު، ޔުވެންޓަސްއިން މެޗު ކާމިޔާބު ކުރި ގޯލް، 115 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސާޖިއޯ އޮލިވިއެރާއެވެ.

އޮލިވިއެރާ ދުރުން ޖެހި ހިލޭ ޖެހުން ގޯލަށް ވަނީ ފާރުގައި ހުރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފައިތެރެއިން ގޮހެވެ. އެ ގޯލާއެކު މެޗުގެ ނަތީޖާ 2-2 އަކަށް އެނބުރި ޕޯޓޯއަށް އަވޭ ދެ ގޯލްގެ ބޮޑު ފައިދާއެއް ލިބުނެވެ. އެ ގޯލަށް ފަހުވެސް ޔުވެންޓަސްއިން ހިތްވަރުކޮށް، އެޑްރިއަން ރެބިއޮޓްގެ ގޯލާއެކު ނަތީޖާ 3-2 އަކަށް ބަދަލުކޮށްލި ނަމަވެސް، އެޓީމަށް ހިތްދަތިވީ ފަހު މިނެޓްގައި ޖެހި ބޯޅަ ޕޯޓޯގެ ގޯލްކީޕަރު ހުޝިޔާރުކަމާއެކު މަތަކުރުމުންނެވެ.

ރޭގެ މެޗަށް ނުކުތްއިރު، ޕޯޓޯއިން ފުރަތަމަ ލެގު ކާމިޔާބު ކޮށްފައި އޮތީ 2-1 ގެ ނަތީޖާއަކުންނެވެ. އެންމެ ގޯލެއްގެ ލީޑަކާއެކުވެސް ޔުވެންޓަސްއަށް ކުއާޓާއަށް ދެވެން އޮތް ނަމަވެސް، މެޗުގެ 19 ވަނަ މިނެޓުގައި ޕޯޓޯގެ އޮލިވިއެރާ ޖެހި ގޯލާއެކު ޔުވެންޓަސްއަށް މަސައްކަތް ބުރަވިއެވެ. އެ ގޯލަކީ އެޓީމަށް ލިބުނު ޕެނެލްޓީއަކުން އޮލިވިއެރާ ޖަހައިދިން ގޯލެކެވެ.

މެޗުގެ ދެވަނަ ހާފުގައި ޔުވެންޓަސްއަށް ފެޑަރީކޯ ޗިއޭސާ ދެ ގޯލް ޖަހާ މެޗުގެ އެގްރިގޭޓް ނަތީޖާ ހަމަހަމަވެސް ކޮށްދިނެވެ. އަދި 49 ވަނަ މިނެޓުގައި ޕޯޓޯގެ ތެރެމީއަށް ދެއްކި ރަތްކާޑާއެކު ޔުވެންޓަސްއަށް އުންމީދުވެސް އާވިއެވެ. އެހެން ނަމަވެސް ފުރިހަމަ ވަގުތު ހަމަވިއިރު އިތުރު ގޯލެއް ނުޖެހި މެޗު ދިޔައީ އިތުރު ވަގުތުގެ ކުޅުމަށެވެ. އިތުރު ވަގުތުގެ ފަހުމިނެޓުގައި ރޮނާލްޑޯ އާއި ޔުވެންޓަސް ކަޓައިގެން ދިޔައީ ހިތްދަތި ކޮށެވެ.

ޖެހިޖެހިގެން ދެ ސީޒަނުގައިވެސް އަވޭ ގޯލެއްގެ ތަފާތުން ޔުވެންޓަސް ޗެމްޕިއަންސް ލީގުން ކަޓައިގެން ގޮސްފައިވާއިރު، ރޮނާލްޑޯއާ އެކު އެޓީމުން ހާސިލްކުރަން ބޭނުންވާ އެންމެ ބޮޑު ކާމިޔާބީއަކީވެސް ޗެމްޕިއަންސް ލީގެވެ. އެކަން ނުވެ އަނެއްކާވެސް ސީޒަން ނިންމާލަން ޖެހުމަކީ ބޮޑު މާޔޫސް ކަމެކެވެ.