މިފްކޯއިން މަސްވެރިންނަށް ބޮޑު އަގުގައި ތެޔޮ ވިއްކާ މައްސަލައިގައި މިފްކޯގެ އިތުރުން އެސްޓީއޯ އާއި އެ ކުންފުނީގެ ސަބްސިޓަރީ ތެޔޮ ކުންފުނި ކަމަށްވާ ފިއުލް ސަޕްލައި (އެފްއެސްއެމް) ގެ އިސް ވެރިން ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
އެ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަން ނިންމީ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި އެ ކޮމެޓީގެ މެންބަރު ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.
އެ މައްސަލަ ހުށަހަޅުއްވަމުން މުޣުނީ ވިދާޅުވީ މަސް ކިރުމަށްފަހު މިފްކޯއިން ދޫކުރާ ތެޔޮ އަގު ބޮޑުވުމުގެ މައްސަލައަކީ މަސްވެރިންނަށް ދިމާވެފައިވާ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
އެކަމާ ބެހޭ ގޮތުން ނުރަސްމީކޮށް މިފްކޯގެ އިސް ފަރާތްތަކާ ވާހަކަ ދެއްކެވި ކަމަށާއި، "އެ ބޭފުޅުން ދެއްވި ޖަވާބަކީ މިފްކޯއަށް ލިބޭ ބޭރު ފައިސާ ލިބޭ ހުރިހާ ޑޮލަރެއް އެޑްވާންސްކޮށް އެސްޓީއޯއަށް ދެއްކީމަ ތެޔޮ ދޭކަމަށް، އެގޮތަށް ތެޔޮ ދެނީވެސް އަގުބޮޑުކޮށް، އެހެން ކަމުން މަސްވެރިންނަށް ދޫކުރާ ތެލަށް ލުޔެއް، ކުރެޑިޓެއް ދެވެން ނޯންނަ،" ކަމަށެވެ.
މެންބަރު މުޣުނީ ވިދާޅުވީ މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކަނީ އެއްގަމުން ލިބޭ އަގަށްވުރެ ވެސް ބޮޑު އަގުގައި ކަމަށެވެ. އަދި އެެ މައްސަލައިގައި ކަމާބެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް އެކަމާ ބެހޭ ގޮތުން ސުވާލުކޮށް ހައްލު ހޯއްދެވުމަށް ވެސް މެންބަރު ހުށަހެޅުއްވިއެވެ.
މުޣުނީގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ، މަސްވެރިން މިފްކޯއަށް މަސް ކިރުވުމަށްފަހު ފައިސާ ލިބެން ހަފުތާއެއްހައި ދުވަސް ނަގާ ކަމަށެވެ.
މިފްކޯގެ ބޯޑުތަކުން ތެލާއި ފެނާއި އައިސް ލިބެން ހުރި ނަމަވެސް މަސް ކިރުވައިފައި ލިބެން ޖެހޭ ފައިސާއިން ކެނޑޭ ގޮތަށް ފުރުސަތު އޮވެ، މަހުގެ ހަމަ އަގުން ނެއްޓި އަގު ކުޑަ ކުރެވިފައިވާ ހިނދެއްގައި އެގޮތަށް ތެޔޮ އަގު ބޮޑުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު ވިދާޅުވީ، ރާއްޖޭގެ ދެކުނުގައި އެކަން ހިނގާ ގޮތަށް އުތުރުގައިވެސް ކަން ހިނގަނީ އެގޮތަށް ކަމަށެވެ.
އެގޮތުން ފެލިވަރުން މަސްވެރިންނަށް ތެޔޮ ވިއްކަނީ، ބަނދަރުގައި އޮންނަ ދޯންޏަށް އާއްމު މީހާ ގޮސް ތެޔޮ އަޅައިދޭ އަގަށް ވުރެ ބޮޑުކޮށް ކަމަށް މެންބަރު ވިދާޅުވިއެވެ.
ސަރުކާރު ކުންފުންޏަކުން އާއްމު މީހާ ތެޔޮ ގަނެގެން ގެންގޮސް އަޅައިދޭ ވަރަށްވުރެ އަގު ބޮޑުކޮން މިފްކޯ ކަހަލަ ބޮޑު ކުންފުންޏަކުން އެގޮތަށް ކަންތައް ކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށްވެސް ވިދާޅުވިއެވެ.