ރައްޔިތުންގެ މަޖިލިސް

އުސޫލާ ހިލާފަށް ސްޓެލްކޯ މުވައްޒަފުންނަށް ފްލެޓް ދީފައިވާ ކަމަށް ބުނާ މައްސަލައަށް މަޖިލީހުގައި ބަހުސް ފަށައިފި

އިބްރާހިމް ޒަކީ

1

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގެ ދަށުން، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، ކުންފުނިތަކާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން، ސްޓެލްކޯ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އެކުންފުނިން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ފްލެޓް ދޫކޮށްފައި ވަނީ ގޯހުން ކަމަށް ބުނެ، އެސްއޯއީ ކޮމިޓީން މަޖިލިސް ތަޅުމަށް ހުށަހެޅި މައްސަލައަށް ބަހުސް ފަށއިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން އެ މައްސަލަ ދިރާސާކޮށް އެކުލަވައިލި ރިޕޯޓާއެކު އެ މައްސަލަ ބަހުސް ކުރުމަށް މަޖިލިސް ތަޅުމަށް ހުށަހެޅުއްވީ، އެ ކޮމެޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބެވެ.

އެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުން މެންބަރު އިލިޔާސް ވިދާޅުވީ ސްޓެލްކޯގެ ވެރިންގެ ގާތް ތިމާގެ މީހުން އެތަނުގެ ވަޒީފާއަށް ވެއްދުމަށްފަހު، ފްލެޓް ލިބޭ ލިސްޓުގައި ހިމެނުމުން އެމީހުން ވަޒީފާއިން ވަކިވެފައިވާ މައްސަލަތަކެއް ވެސް ފާހަގަ ވެފައިވާ ކަމަށެވެ. އެގޮތަށް ފްލެޓް ދިނުމުގައި ސްޓެލްކޯއިން އުސޫލާ ހިލާފަށް ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށްވެސް އިލިޔާސް ވިދާޅުވިއެވެ.

ސްޓެލްކޯގައި މަސައްކަތްކުރާ ގިނަ ދުވަސްވީ އަދި ބޯހިޔާވަހިކަމުގެ ދަތިކަން ތަހައްމަލުކުރަން ޖެހިފައިވާ މުވައްޒަފުންނަށް ކުރިމަތިލުމުގެ ފުރުސަތު ހަނިވާގޮތަށް ސްޓެލްކޯއިން ފްލެޓް ދޭ އުސޫލުތައް އެކުލަވާލާފައިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެންގުމަށް ވެސް އެސްއޯއީ ކޮމިޓީން އެކުލަވައިލި ރިޕޯޓުގައި ވަނީ ހިމަނައިފައެވެ.

އެކަން އޭސީސީއަށް އެންގުމުގެ އިތުރުން ވެސް ގިނަ ކަންތައްތަކެއް ވަނީ ފާހަގަ ކޮށްފައެވެ.

އެގޮތުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި އެއްގޮތަށް ޕްލޭނިން މިނިސްޓްރީގެ ފަންނީ ލަފާގެ މަތިން މުވައްޒަފުންނަށް އެޕާޓްމަންޓް ދޫކުރުމަށް އެކުލަވާލާފައިވާ "އުސޫލު" މުރާޖައާ ކުރުމަށް ސްޓެލްކޯއަށް އެންގުމަށާއި ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން ފްލެޓް ހައްގުވާ މުވައްޒަފުންނަށް ފްލެޓް ލިބިގެންދާނެ ގޮތަކަށް އެޕާޓްމަންޓް ދޫކުރުމަށް އެކުލަވާލާފައިވާ އުސޫލް މުރާޖައާކޮށް ޕްލޭނިން މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ ފްލެޓް ދިނުމުގެ ކަންކަން ކުރިއަށް ނުގެންދިއުމަށް ސްޓެލްކޯއަށް ދެންނެވުމަށާއި އަދި އެކަން ބެލުމަށް ޕްލޭނިން މިނިސްޓްރީއަށް އެންގުމަށްވެސް ހިމަނާފައި ވެއެވެ.

ޕްލޭނިން މިނިސްޓްރީއާއެކު މަޝްވަރާ ކުރުމަށްފަހު ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން ފުލެޓް ހައްގުވާ މުވައްޒަފުން ކަނޑައެޅުމަށްފަހު، ފްލެޓް އިތުރުވާ ނަމަ، ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެ ފްލެޓުތައް ދެއްވާނެ ނިޒާމެއް ކަނޑައެޅުމަށް ސްޓެލްކޯއަށް އެންގުމަށްވެސް ވަނީ ފާސްކޮށްފައެވެ.

އެކަންތައްތައް ހިމަނައިގެން ކޮމިޓީން ފާސްކުރި ރިޕޯޓް ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުގައި، ސްޓެލްކޯއިން އެ ކުންފުނީނެ މުވައްޒަފުންނަށް 15 ފަންގިފިލާގެ 2 ރެޒިޑެންޝަލް ބިލްޑިންގް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަންނަނީ އިމާރާތް ކުރަމުންނެވެ.

ކޮންމެ ބިލްޑިންގެއްގައި އެއް ކޮޓަރީގެ 72 އެޕަޓްމެންޓާއި 2+1 ކޮތަރީގެ 120 އެޕާޓްމަންޓް ހިމެނޭ ކަމަށާއި އެހެންކަމުން ދެ ބިލްޑިންގުގައި 1 ކޮޓަރީގެ 144 އެޕާޓްމަންޓާއި 2+1 240 ހިމެނޭގޮތަށް 384 އެޕާޓްމަންޓް ހިމެނެއެވެ.

މީގެ ތެރެއިން 1 ކޮޓަރީގެ 72 އެޕާޓްމަންޓް ސަރުކާރުން ކަނޑައޅާފައިވާ އަގެއްގައި ސަރުކާރަށް ވިއްކަން ޖެހޭ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

ފްލެޓް މައްސަލައިގެ އިތުރުން ސްޓެލްކޯ މުވައްޒަފުންގެ ހެލްތު އިންޝުއަރެންސް ގެ މައްސަލަތަކެއްވެސް އެސްއޯއީ ކޮމިޓީން ވަނީ ބަލައިފައެވެ.

އިންހައުސް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ދިނުމުގެ ބަދަލުގައި ރާއްޖޭގައި ގާއިމުވެފައިވާ އިންޝުއަރެންސް ނިޒާމުގެ ތެރެއިން މުވައްޒަފުންނަށް އިންޝުއަރެންސްގެ ހިދުމަތް ދިނުމަށް ސްޓެލްކޯއަށް އަންގަން އެމައްސަލައާބެހޭ ގޮތުން ކޮމެޓީ ރިޕޯޓުގައި ވަނީ ހިމަނައިފައެވެ.

ކޮމިޓީ ރިޕޯޓުގައި ބުނެފައިވަނީ އާސަންދައިގެ ދަށުން ރާއްޖޭގައި ހެލްތު އިންޝުއަރެންސް ސްކީމެއް ގާއިިމު ކޮށްފައިވާއިރު އެ ސްކީމުގެ ދަށުން ހުރިހާ ދިވެހި ރައްޔިތުންނަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ދައުލަތުގެ ހަރަދުގައި ލިބޭތީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުންނަށް ވަކި ހެލްތު އިންޝުއަރެންސް ކުންފުންޏެއް މެދުވެރިކޮށް އިންޝުއަރެންސް ހިދުމަތް ދިނުމުން އެއް ހިދުމަތެއް ދެފަރާތަކުން ދެވި ހަރަދު ބޮޑުވެ އިސްރާފު ކުރެވޭ ކަމަށެވެ.

އާސަންދައިގެ ދަށުން ސްޓެލްކޯގެ މުވައްޒަފުންނަށް ވެސް ހެލްތު އިންޝުއަރެންސް ލިބިދޭތީ އެހެން ފަރާތްތަކާއެކު ހެލްތު އިންޝުއަރެންސްއާ ބެހޭ އެއްބަސްވުމެއްގައި ސޮއި ނުކުރުމަށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ނަމަވެސް 19 ޖޫން 2007 އިން 18 ޖޫން 2018 އަށް ސްޓެލްކޯގެ މުވައްޒަފުންގެ ހެލްތު އިންޝުއަރެންސް ދެމުން ގެންދިޔައީ އެލައިޑް އިންޝުއަރެންސުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

"ކުންފުންޏަށް އަދި އިންޝުއަރެންސްގެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ވީހާވެސް ގެއްލުން ކުޑަކޮށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދިނުމަށާއި އެކަށީގެންވާ އަވަސް ހިދުމަތެއް ދެއްވުމަށް މުވައްޒަފުންނާ މަޝްވަރާކޮށް ކުންފުނިން އިން-ހައުސް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށް ދިނުމަށް އުސޫލެއް އެކުލަވާލައި 19 ޖޫން 2018 ގައި ހިދުމަތް ދޭން ފަށާފައިވޭ،" ރިޕޯޓުގައިވެއެވެ.

ސްޓެލްކޯގެ އިންޝުއަރެންސްގެ ދަށުން ހިދުމަތް ލިބޭ ފަރާތްތަކަށް އަހަރު ދުވަހުގެ މުއްދަތަށް ޖުމްލަ ޕެކޭޖު ކަވަރޭޖުގެ ގޮތުގައި ހަމަޖައްސާފައިވާ މިންވަރަކީ 250،000 ރުފިޔާ ކަމަށާއި އަދި ތަފާތު އެކި ސިއްހީ ހިދުމަތްތަކަށް ސަބް ލިމިޓް ކަނޑައަޅާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އެހެންކަމުން ސްޓެލްކޯ އިން އިން-ހައުސްކޮށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ދިނުމަކީ ބެސްޓު ޕްރެކްޓިސްއެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.