ކުއްލި ޚަބަރު

އެމްޕީއެލް ސަރަހައްދުގައި މަޖޫރީން އިހުތިޖާޖު ކޮށްފި

ރިފާ ހަލީލު

މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި މަސައްކަތް ކުރާ މަޖޫރީންތަކެއް އިހުތިޖާޖު ކޮށްފި އެވެ.

ގިނަ އަދަދެއްގެ މަޖޫރީންތަކެއް އިހުތިޖާޖު ކުރީ ކޮންޓެއިނާތައް ޝިފްޓް ކުރަންދެން މަޖޫރީން ތިބޭ ސަރަހައްދުގައި މަޑުކުރުމަށް އެދުމުން އެކަމާ ހިތްހަމަ ނުޖެހިގެން ކަމަށް އެ ސަރަހައްދުގައި އެ ވަގުތު ހުރި މީހަކު ވަނީ "ވަން" އަށް މައުލޫމާތު ދީފަ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް)ގެ މީޑިއާ އޮފިސަރު "ވަން" އަށް މައުލޫތު ދެއްވަމުން މިއަދު ވިދާޅުވީ މަޖޫރީން އިހުތިޖާޖު ކުރީ ފާއިތުވި ދުވަސްތަކުގައި ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްތަކާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅެއްގެ ގޮތުން ކޮންޓެއިނާތައް އެއް ތަނުން އަނެއްތަނަށް ބަދަލު ކޮށް ނިމެންދެން މަޖޫރީން ޕޯޓު ތެރެއަށް ނުވެއްދުމަށް ނިންމުމާ ގުޅިގެން ހިތް ހަމަ ނުޖެހިގެން ކަމަށެވެ.

ނަމަވެސް މިއީ އެމީހުންގެ ސަލާމަތަށް އެޅި ފިޔަވަޅެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު އިހުތިޖާޖުގެ ބައިވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރުމަށްފަހު އިހުތިޖާޖު ކުރުން މިހާރު ވަނީ ހުއްޓާލާފަ އެވެ.

ދާދި ފަހުން އެމްޕީއެލްގައި ހިނގި ނުރައްކާތެރި ދެ އެކްސިޑެންޓެއްގައި އެ ތަނުގައި މަސައްކަތް ކުރަމުން ދިޔަ ދެ މަޖޫރީ އަކު ވަނީ މަރުވެފަ އެވެ.