ރިޕޯޓް

ކޮވިޑާ އެކު އަހަރެއްވީ އިރުވެސް ނުރައްކަލުގެ ރަނގަބީލުގެ އަޑު މަޑެއް ނުވި، އޮތް ހަމައެކަނި ހައްލަކީ ބަސްއެހުން!

އަލީ ޔާމިން

ޗައިނާގެ މައި ދޮރާށިން ނުކުމެ ފަހަރަކު ގައުމަކަށް މޫލަމުން އައިސް ދިވެހި ރާއްޖެއިން ކޮވިޑު ފެނުނީ މީގެ އެއް އަހަރު ކުރިން 7 މާޗު 2020 ގައެވެ. އެ ދުވަހު ޕޮޒިޓިވް ވީ ޅ. ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީންނެވެ. އެ ދެމީހުން ކޮވިޑަށް ޕޮޒިޓިވް ވުމުން ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގައި ނެރޭ އެލާޓް ކަމުގައިވާ، ޔެލޯ އެލާޓަށް މުޅި ރާއްޖެ ނެރެ، ރާއްޖެއިން ބޭރުން އައި މީހެއްގެ ފަރާތުން ރާއްޖޭގައި ހުރި މީހަކަށް ބަލި ފެތުރޭ ހާލަތު ކަމުގައިވާ އޮރެންޖު އެލާޓަށް ކުރެއްދޫ ރިސޯޓް ގެނައެވެ. އޭގެ ދެ ދުވަސް ފަހުން އއ. ސޭންޑީސް ބަތަލާ ރިސޯޓުންވެސް ދެމީހަކު ޕޮޒިޓިވް ވިއެވެ.

ރާއްޖެއިން ކޮވިޑް ފެނުމާއެކު އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން މުޖުތަމައުގެ ތެރޭގައި ބަލި ފެތުރުން ލަސްކުރެވިގެން ދިޔައެވެ. އެގޮތުން މާލެއިން ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ވެ، މާލޭގެ މުޖުތަމައުގެ ތެރޭގައި ބަލި ފެތުރެމުންދާ ކަމަށް ނިންމައި މާލޭގެ އެލާޓް ލެވެލް ރަތަށް ބަދަލުކޮށް މާލެ ފުރަބަންދު ކުރީ 15 އޭޕްރީލް 2020 ގައެވެ. މާލެއިން ފުރަތަމަ ކޮވިޑަށް ޕޮޒިޓިވް ވީ، ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ދިވެހި އަންހެނެކެވެ.

މާލެއިން ކޮވިޑްގެ ކޭހެއް ފެނުމުން ހެދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިންނާއި އިތުރު ބައެއް ގޮތްގޮތުން މީހުން ޕޮޒިޓިވް ވެ ހަލުވިކަމާއެކު މާލޭގައި ކޮވިޑް ފެތުރިދާނެ ކަމުގެ ބިރު ހީވިއެވެ. ކަން ވީވެސް އެހެންނެވެ. މާލެއިން ބަލި ފެނުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކޮވިޑްގެ ކުރިތައް ފަޅައި، ހަލުވިކަމާއެކު މުޅި މާލެ ތެރެއަށް ކޮވިޑް ފެތުރެން ފެށިއެވެ. ކޮވިޑްގެ ނަންބަރުތައް އިތުރުވެ، ސިއްހީ ދާއިރާއަށް ބާރު ބޮޑުވިއެވެ. ހަސްފަތާލުފައި އެނދުމަތި ކުރަން ޖެހޭ މީހުން ގިނަ ވިއެވެ. ބިރުވެރިކަމެއްގެ ތެރެއަށް ވެރިރަށް މާލެ ވެއްޓުނެވެ.

ބޯޑަރު ބަންދުކޮށް ރާއްޖެ ހުއްޓުމަކަށް!

ރާއްޖެއިން ކޮވިޑްގެ ކޭހެއް ފުރަތަމަ ފެނުނުތާ ތިން ހަފުތާއެއްހާ ދުވަސް ފަހުން 27 މާޗު 2020 ގައި ރާއްޖެއިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލައި ރާއްޖޭގެ ބޯޑަރުތައް ބަންދުކުރިއެވެ. އިތުރު ގޮތެއް ނެތި، އިގްތިސޯދުގައި ބޮޑު ތަޅު އެޅުވިއެވެ. ފަތުރުވެރިކަމުގެ ދޮރުތައް ބަންދުކުރިއެވެ. އެއާއެކު މާލީ ގޮތުންނާއި އިގްތިސޯދީ ގޮތުންނާއި އިޖްތިމާއީ ގޮތުން އެތައް ހާސް ބަޔަކަށް ގެއްލުން ވިއެވެ. ވަޒީފާތައް ގެއްލި އެތައް ބަޔަކު މަގުމަތި ވިއެވެ. ކުރިން ހަމަޖެހިގެން އުޅުނު އެތައް ބައެއްގެ ދިރިއުޅުން ވިއްސިވިހާލި ވިއެވެ. ސިއްހީ ފަރުވާއާއި އެނޫންވެސް ބޭނުންތަކަށް ރާއްޖެއިން ބޭރަށް ނުދެވުމުގެ ސަބަބުން އެކަމުގެ ގެއްލުންވެސް އެތައް ރައްޔިތަކަށް ކުރިމަތިވިއެވެ.

ބޯޑަރު ބަންދުކުރުމުން އޭގެ ގެއްލުން އެންމެ ބޮޑަށް ކުރީ ވިޔަފާރިތަކަށެވެ. ރާއްޖެއަކީ ބޭރުން މުދާ ގެނެސް ވިއްކާ ގައުމެއްކަމުން ބޯޑަރު ބަންދުކުރުމާއެކު މުދާ ގެނެވޭނެ ގޮތެއް ނެތުމާއި އެނޫންވެސް ސަބަބުތަކާ ހުރެ އެތައް ވިޔަފާރިއެއް ބަންދުކުރިއެވެ. ބޯޑަރު ބަންދުކުރުމާއެކު މުޅި ގައުމު ހުއްޓުމަކަށް އައެވެ. އެތައް ބަޔަކަށް އާމްދަނީ ލިބުމުގެ ހުރިހާ ދޮރެއް ބަންދުވެ ވަޒީފާތައް ގެއްލުނީ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގަ އެވެ.

ކޮންޓްރޯލެއް ނެތި އަދަދުތައް މައްޗަށް!

މާލެއިން ކޮވިޑަށް ޕޮޒިޓިވް މީހެއް ފެނުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި މާލޭ ސަރަހައްދުގެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވިއެވެ. ކުރިއަކަށް ފަހު ކުރިއެއް ފަޅައި ކޮންޓެކްޓް ޓްރޭސިންއަށް އުނދަގޫވާ ހިސާބަށް ދިޔައެވެ. ކޮވިޑްގެ ފުރަތަމަ ރާޅުގައި އެންމެ ގިނަ ބަޔަކު ޕޮޒިޓިވް ވީ، މޭ، ޖޫން މަހުގައެވެ. ނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ކޭސްތައް މަދުވުމުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނެވެ. އެގޮތުން، މާޗު މަހު ބަންދުކުރި ބޯޑަރު 15 ޖުލައި 2020 ގައި ހުޅުވާލައި ރާއްޖޭގެ އިގްތިސޯދު އަލުން ކޮޅަށް ޖެހުމުގެ މަސައްކަތް ފެށިއެވެ.

ލުއިތަކާއެކު ކޭސްތައް މައްޗަށް!

ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު މަދުވާން ފެށިއެވެ. އެގޮތުން ޖޫން މަހުގެ ފަހުކޮޅަށް ދިޔައިރު ކޭސްތައް ވަރަށް ބޮޑަށް ދަށްވިއެވެ. އެވްރެޖުކޮށް ދުވާލަކު ޕޮޒިޓިވް ވާ މީހުންގެ އަދަދު ދެ ޑިޖިޓަށް ވެއްޓުނެވެ. އެއާއެކު ބޮޑެތި ލުއިތަކެއް ދިނެވެ. މިސްކިތްތަކާއި ސްކޫލުތަކާއި ކޮލެޖު ޔުނިވާސިޓީތައް ހުޅުވައިގެން ކިޔަވައިދިނުމުގެ ހުއްދަ އަލުން ދިނެވެ. ކެފޭ ރެސްޓޯރެންޓްތަކުގައި ތިބެ ހިދުމަތް ހޯދުމުގެ ފުރުސަތު ދިނެވެ. މާލޭ ސަރަހައްދުގައި އިއުލާން ކުރި ކާފިއުއަށް ބޮޑު ލުޔެއް ދިނެވެ. އެ ހުރިހާ ލުއިތަކެއްދިން އިރުވެސް ސިއްހީ މާހިރުންގެ އިލްތިމާސެއް އޮތެވެ. އެއީ ފަރުވާކުޑަ ނުކުރުމަށެވެ. ކޮވިޑުން ރައްކާތެރިވުމަށް ފަރުދީ ޒިންމާ ނެގުމަށެވެ. ނަމަވެސް ފެނިގެން ދިޔައީ މުޅީން ތަފާތު މަންޒަރެކެވެ. ލުއިތަކާއެކު މަގުތައް ފުރި ބާރުވިއެވެ. ކެފޭ/ރެސްޓޯރެންޓްތައްވެސް އޮތީ ތޮއް ޖެހިފައެވެ. ހަފުލާތަކާއި އެނޫންވެސް އެއްވުންތައް ހައްދެއް ނެތި ބާއްވަމުން ދިޔައެވެ. ނަތީޖާއަކަށް ވީ، ކޮވިޑްގެ ތިންވަނަ ރާޅެއްގެ ރަނގަބީލުގެ އަޑު ގަދަވާން ފެށުމެވެ. އެގޮތުން މިދިޔަ އަަހަރުގެ ފަހުކޮޅުން ފެށިގެން ކޭސްތައް އަނެއްކާވެސް މިވަނީ އިތުރުވެފައެވެ. ކުރިން ދެ ފަހަރާ ހިލާފަށް ކޮވިޑްގެ ތިން ވަނަ ރާޅުގައި ޕޮޒިޓިވް ވާ މީހުންގެ އަދަދު ގިނައެވެ. ބަލީގައި އެނދުމަތި ކުރަން ޖެހޭ އަދަދުވެސް އެތައް ތަނަކުން ގިނައެވެ.

ތިންވަނަ ރާޅުވެސް ބިންދާލައިފި، އޮތް ހަމައެކަނި ގޮތަކީ ބަސް އެހުން!

ކޮވިޑްގެ ކޭސްތައް މަދުވުމުން ދިން ލުއިތަކާއެކު އަނެއްކާވެސް ކޮވިޑްގެ ކޭސްތައް އިތުރު ވެ، ތިން ވަނަ ރާޅަކާ މިވަނީ ކުރިމަތިލާން ޖެހިފައެވެ. އައިޖީއެމްއެޗުގެ ޑޮކްޓަރު އަދި މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ ނައިބު ރައީސް ޑރ. މުހައްމަދު އަލީ ވިދާޅުވި ގޮތުގައި ތިންވަނަ ރާޅެއް ރާއްޖެއަށް ބިންދާލީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ޑރ. މުހައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އުންމީދު ކަނޑާ ނުލައި އެކަކު އަނެކަކަށް އިނގިލި ދިށް ނުކޮށް، އެންމެން ގުޅިގެން ތިންވަނަ ރާޅުންވެސް ސަލާމަތް ވެވޭނެ އެވެ. ކޮވިޑްގެ ތިންވަނަ ރާޅު ރާއްޖެއަަށް ބިންދާލީ ކޮވިޑްގެ އާ ވޭރިއަންޓާވެސް އެކުގައެވެ. އެކަކު ގައިން އަނެކަކަށް ބަލި ޖައްސުވާ މިންވަރު ހަތަރު ގުނަ އަވަސް އެ ވޭރިއަންޓާއެކު މި ފަހަކަށް އައިސް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އުޅެނީ 100 އިން މަތީގައެވެ. ބައެއް ދުވަސް ދުވަހު 200 ފަހަނައަޅައިވެސް ދެއެވެ.

ތިންވަނަ ރާޅާއެކު މާލޭ ސަރަހައްދުގައި އަނެއްކާވެސް މިވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. ރޭގަނޑުގެ ބޮޑު ބައެއްގައި ކާފިއު ހިންގާއިރު، އިރުއޮއްސި 6:00 އަކުން ހެނދުނު 6:00 އަކަށް އެއްގަމު އުޅަނދު ދުއްވުން މިވަނީ މަނާ ކޮށްފައެވެ. ރޭގަނޑު 8:00 ގެ ފަހުން ކެފޭ/ރެސްޓޯރެންޓްތަކުގައި ތިބެގެން ހިދުމަތް ދިނުން މިވަނީ މަނާކޮށްފައެވެ. މި ނޫންވެސް އެތައް ފިޔަވަޅެއް ވަނީ އަޅާފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅި ނަމަވެސް ބަލި ކޮންޓްރޯލް ކުރެވޭނީ އާންމުންގެ އެއްބާރުލުމާ އެކުގައެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ބަލި ކޮންޓްރޯލް ކުރުމަށް ފަރުދީ ޒިންމާ ނެގުން މުހިންމެވެ. ކޮވިޑްގެ ތިންވަނަ ރާޅުގެ ނުރައްކާ ބޮޑުވަމުންދާއިރު އެ ރާޅުގެ ބާނިތައް ތިރިކޮށް އާންމު ހާލަތަށް ރުޖޫއަ ވެވޭނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާބެހޭ އިދާރާތަކާއި ވުޒާރާތަކުން އެކުލަވާލައިފައިވާ ގައިޑްލައިންތަކާއި ދޭ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކޮށްގެނެވެ. ދެވަނަ ގޮތެއް ނެތެވެ. އެހެން ބަޔަކަށް ކުރެވޭނެ ކަމެއްވެސް ނެތެވެ. ހައްލަކީ ފިޔަވަޅުތައް ހަރުކަށިކޮށް މީހުން ބަންދުގައި ބޭތިއްބުމެއް ނޫނެވެ. އެއީ ހައްލު ނޫން ކަން އެންމެނަށް ވެސް އެނގެ އެވެ. ހައްލަކީ އަހަރެމެން ބަސް އެހުމެވެ. އަދަދުތައް ތިރިޔަށް ދިއުން އަދިވެސް އޮތީ ބިނާވެފައި ވަނީ އަހަރެމެން ބަސް އެހި މިންވަރެއްގެ މައްޗަށެވެ.