ބާސެލޯނާގެ ރައީސް ކަމުގެ އިންތިހާބު ކާމިޔާބުކޮށް، ކުރިންވެސް ކްލަބުގެ ރައީސްކަން ކޮށްފައިވާ ޖޯން ލަޕޯޓާ އަނެއްކާވެސް ކްލަބާ ހަވާލުވެއްޖެއެވެ.
ކްލަބުގައި ކެޕްޓަން ލިއޮނަލް މެސީ މަޑުކުރުވާނެ ކަމަށް އިންތިހާބުގައި ވައުދުވެވަޑައިގެން ކެމްޕޭން ކުރެއްވި ލަޕޯޓާ މަގާމަށް އިންތިހާބުވެފައި ވަނީ 54 އިންސައްތަ ވޯޓާއެކުގައެވެ. އުމުރުން 58 އަހަރުގެ ލަޕޯޓާ ވަނީ މީގެ ކުރިން 2003 ވަނަ އަހަރުން 2010 ވަނަ އަހަރާ ހަމައަށް ކްލަބުގެ ރައީސްކަން ކޮށް، އެ ކްލަބަށް ކާމިޔާބީތަކެއް ހޯދައިދީފައެވެ.
އިންތިހާބުގައި ދެވަނައަށް ދިޔައީ ވިކްޓޯ ފޮންޓްއެވެ. އޭނާއަށް 30 އިންސައްތަ ވޯޓް ލިބިފައިވާއިރު، ޓޯނީ ފްރޭޒާ އޮތީ މާ ބޮޑަށްވެސް ފަހަތުފައެވެ. ބާސާއިން ބުނެފައި ވަނީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 109،531 މީހުންގެ ތެރެއިން 55،611 މީހުން ވޯޓު ލާފައިވާ ކަމަށެވެ. އިންތިހާބު ކުރިން ބާއްވަން އޮތީ ޖެނުއަރީގައި ނަމަވެސް ކޮވިޑާއި ގުޅިގެން ފަސްކުރީއެވެ.
މެސީއާއި ޓީމުގެ ގިނަ ކުޅުންތެރިންވެސް ބާސާގެ އިންތިހާބުގައި ވޯޓު ލާފައިވާއިރު، މެސީ ބާސާ ދޫކޮށްލާނެ ކަމަށް ބެލެވިފައި އޮތް އޮތުމަށް ލަޕޯޓާއާއެކު ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ލަޕޯޓާއަކީ ބާސާއަށް ބްރެޒިލްގެ ތަރި ރޮނާލްޑީނިއޯ އާއި ސެމިއުލް އެޓޫ ގެންގޮސް، ޗެމްޕިއަންސް ލީގު ދެފަހަރު، ލީގު ހަތަރު ފަހަރަށް ހޯދައިދިނުމުގައި މުހިއްމު ރޯލެއް އަދާކުރި ރައީސެކެވެ.
ބާސާއަށް ފައިސާގެ ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާއިރު، ލަޕޯޓާގެ އެންމެ މުހިއްމު ރޯލަކަށް ވާނީ ބާސާ އަލުން އާރާސްތުކޮށް، ފައިދާގައި ކްލަބު ހިންގުމެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު