ހުޅުމާލޭގެ ހިންގުން މާލޭ ސިޓީ ކައުންސިލާ ހަވާލު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގެ ހިންގުން މިހާރު ހަވާލުކޮށްފައި އޮންނަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެވެ.
އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕެއިންގައި ރޭ މާލެ ސަރަހައްދުގެ ކެންޑިޑޭޓުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ހުޅުމާލެ ހިންގަން ޖެހޭނީ ކައުންސިލުން ކަމަށެވެ. އެހެންކަމުން އެކަން އެގޮތަށް ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"ހުޅުމާލެ ހިނގަމުން މިދަނީ މިހާރު ކުންފުންޏެއްގެ ދަށުން، އެޗްޑީސީގެ ދަށުން. ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުތަކާއެކު ހިންގުމުގެ ކަންކަން އެބަޖެހޭ ކައުންސިލް ތަކަށް ބަދަލުވާން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރުމުގައި ކުރިއަށްދާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މުނިލްސިޕަލް ހިންގުމާއި އިދާރީ ހިންގުންތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރައްވާނެ ކަމަށާއި އަދި ގާނޫނުގައި ހުރަސްތައް ހުރިނަމަ، އެ ހުރަސްތައް ނައްތާލައި އެކަން ކުރައްވާނެ ކަމަށެވެ.
ރައީސް މިގޮތަށް ވިދާޅުވެފައިވާއިރު، މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާފައިވާ އަނަސް އަބްދުއްސައްތާރު ވެސް ވަނީ ހުޅުމާލޭގެ ހިންގުން މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު