ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަދާނެ އެއްޗެއް ހަދަން ދޫކޮށްފި ނަމަ، މިހާރު މިއޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދެމި އޮވެދާނެ ކަމާ މެދު ޝައްކު ކުރައްވާ ކަމަށް މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަގާމުން ވަކިކުރި، ކުރީގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްޕް ގްރޫޕުގައި މަޖިލިސް ރައީސް އަދި އެމްޑީޕީގެވެސް ރައީސް މުހައްމަދު ނަޝީދު، އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް އިންޒާރު ކުރެއްވުމާ ގުޅިގެންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕު މެދުވެރި ކުރައްވައި ރައީސް ނަޝީދު ފައްޔާޒަށް އިންޒާރު ދެއްވާފައި ވަނީ މިނިސްޓަރު ފައްޔާޒު ނުފޫޒު ފޯރުވައިގެން ޝަރުތު ފުރިހަމަ ނުވާ ބަޔަކަށް ހުޅުމާލެ ކްލިނިކް ދިފައިވާކަމަށް ބުނާ މައްސަލައެއްގައެވެ.

އެ މައްސަލައިގައި ފައްޔާޒަށް އިންޒާރު ދެއްވައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، "ފަޔާ އަޅުގަނޑު މިހުރީ ތިޔަ ކަން ތިޔަހެން ދާން ދޫކުރާކަށް ނޫން. ކުރީގައިވެސް ބުނިން،" ކަމަށެވެ.

އެކަމާ ގުޅިގެން ފައްޔާޒުވެސް ވަނީ އެ ގްރޫޕުގައި ރައީސް ނަޝީދަށް ރައްދު ދެއްވައިފައެވެ.

ފައްޔާޒު ވިދާޅުވެފައި ވަނީ، އެކަމުގައި ނޫޅުއްވާ ކަމަށް ކުރިންވެސް ދަންނަވާފައި ވާނެ ކަމަށެވެ. އަދި އެމަނިކުފާނަށް ނުފޫޒު ފޯރުވޭ ކަންކަމާއި ނުފޯރުވޭ ކަންކަން ހުންނާނެ ކަމަށާއި، ނުފޫޒު ފޯރުވާ ނަމަ އެކަމަށް އެއްބަސްވާން ޖެހިލުންވެވަޑައި ނުގަންނަވާ ކަމަށްވެސް ފައްޔާޒު ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅިގެން މަލީހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވަޒީރުންގެ މަޖިލިސް ބަލިކަށި ވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ފައިބުޑަށް ވަޒީރުން ވެއްޓެން ޖެހުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެއް ކަމަށެވެ.

އަސާސެއް ނެތި ވަޒީރުންނާ ދިމާކުރާނަމަ މަޖިލިސް ރައީސަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށްވެސްް މަލީހު ވިދާޅުވިއެވެ.

މިމަހުގެ އެއްވަން ދުވަހު މަޖިލީހުން އިތުބާރު ނެތްކަމަށް ވޯޓުނަގައި، މަލީހު މަގާމުން ވަކި ކުރީ، ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތަކެއް ނަހަދާ މައްސަލަ އާއި، އިންޓަނެޓްގެ އަގު ހެޔޮ ނުވާ މައްސަލައިގައެވެ.