ކުރީގެ ރައީސް އަބްދުالله ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ އާ ސިޔާސީ ޕާޓީ, ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އުފެއްދުމަށް މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ފަސްކޮށްފިއެވެ.
ޕީއެންއެފް އުފެއްދުމުގެ ޖަލްސާ އެންމެ ފުރަތަމަ ބާއްވަން ނިންމާފައިވަނީ މާދަމާ ރޭ ގިޔާސުއްދީން ސްކޫލުގައެވެ. އެ ޖަލްސާގައި ކުރީގެ ރައީސް ޔާމީންވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް އޮތީ ހަމަޖެހިފައެވެ.
ޖަލްސާ ފަސްކުރި ސަބަބު ހާމަކުރައްވަމުން އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިރޭ ވިދާޅުވީ ދައުލަތުގެ އެކި އިދާރާތަކުން ލިބެންޖެހޭ އެހީތެރިކަން ނުލިބުމުގެ ސަބަބުން ޖަލްސާ ފަސްކޮށްފައިވާ ކަމަށެވެ.
"ދައުލަތުގެ އެކި އިދާރާތަކުން ލިބެންޖެހޭ އެހީތެރިކަން ނުލިބުމުގެ ސަބަބުން މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ދެން ބާއްވާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރާނަން. ޕީއެންއެފް ނުހުއްޓުވޭނެ،" މަލީހު ވިދާޅުވިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ތެރެއިން ވ. އާރަށުގެ މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށްލުމަށް ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން މިހާރު ހުންނެވީ ގޭބަންދުގައެވެ. ޖަލު ބަންދުގައި ހުންނަވަނިކޮށް ޔާމީން ގެކޮޅަށް ބަދަލުކުރުމަށް މޯލްޑިވްސް ކަރެކްޝަންސް ސާވިސަސް (އެމްސީއެސް) އިން ނިންމީ ޝަރުތުތަކެއް ކުރުމަށްފަހުއެވެ. އެ ޝަރުތުތުތަކުގެ ތެރޭގައި ސިޔާސީ ކަންކަމުގައި ނޫޅުއްވުމާއި މީޑިއާއަށް އިންޓަވިއު ނުދިނުން ހިމެނެއެވެ. ނަމަވެސް ބޭރަށް ނުކުމެވަޑައިގެންނެވުމުގެ ހުއްދަ އޮވެއެވެ.
ޔަމީން އެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެކަން އެ ޕާޓީން ހާމަކޮށްފައިވާ އިރު، ކަރެކްޝަންސް އިން ވަނީ ޖަލްސާގައި ބައިވެރިވުމުގެ ހުއްދަ ޔާމީނަށް ދީފައެއް ނުވާނެ ކަމަށް ބުނެފައެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދިނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އެ ޕާޓީއަކީ ޕީޕީއެމުން ވަކިވެވަޑައިގަތުމަށްފަހު، ޔާމީން އިސްވެ ހުންނަވައިގެން އުފައްދަން މަސައްކަތް ކުރައްވާ ޕާޓީ އެކެވެ.
ޕީއެންއެފްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ޔާމީންގެ ދޮށީ ދަރިކަލުން، ޒޭން އަބްދުﷲ ޔާމީނަށް އިލެކްޝަނުން ދިނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.
ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން ޕީއެންއެފްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އެއީ އެ މަނިކުފާނު ޕީޕީއެމުން ވެސް ވަކިވެވަޑައިގަތް ދުވަހެވެ.
ޕީއެންއެފުން އަންނަނީ ގަވައިދުން ސިޔާސީ ޖަލްސާތައް ބާއްވަމުންނެވެ. އަދި ޕީއެންއެފްއަށް ނިސްބަތްވާ ގިނަ ކެންޑިޑޭޓުންތަކެއް އަމިއްލަ ގޮތުންވެސް މަޖިލިސް އިންތިހާބުގައި ވާދަކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު