ކުރިން ޔޫތު މިނިސްޓަރުކަމާއި ޓެކްނޮލޮޖީ މިނިސްޓަރުކަން ކުރެއްވި މުހައްމަދު މަލީހު ޖަމާލު އަހުމަދު މާލެއިން އަށް މިލިއަން ރުފިޔާއަށް ގެއެއް ގަނެފިއެވެ.

މަލީހު އަދި އިތުރު އެހެން ތިން މީހަކު ވެގެން އަށް މިލިއަން ރުފިޔާއަށް ގަނެފައިވަނީ މއ. ޖަނާން ނަމަކަށް ކިޔާ ގެއެކެވެ. އެ ގެއަކީ ތަރުމީނާ އިބްރާހީމް ކިޔާ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގެއެކެވެ. އެއީ 1،066 އަކަފޫޓުގެ ގޯއްޗެކެވެ.

އެ މުއާލަމާތް ހިންގާފައިވަނީ ސިވިލް ކޯޓު މެދުވެރިކޮށެވެ.

ސިވިލް ކޯޓުން އެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ އެ ގޯތީގެ އަގު ކަމަށްވާ އަށް މިލިއަން ރުފިޔާ، މަލީހު އަދި ދެންތިބި ތިން މީހުން ވަނީ ތަރުމީނާއަށް ދައްކައި ހަލާސްކޮށްފައި ކަމަށެވެ. އެހެންވެ ސިވިލް ކޯޓުން ވަނީ އެއީ ސައްހަ މުއާމަލާތެއް ކަމަށް ކަނޑައަޅައިފައެވެ.

އެހެންވެ މއ. ޖަނާން ގޭގެ މިލްކުވެރިފަރާތަކީ މަލީހާއި ދެން ހިމެނޭ ތިން މީހުން ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މަލީހުގެ އިތުރުން މއ. ޖަނާންގެ މިލްކުވެރިން ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފައިވަނީ ފުވައްމުލަކު ސިޓީ، އީސްޓްވިލާ، އަފްޝާ މުހައްމަދު ޖަމީލު، އައިކާ މުހައްމަދު ޖަމީލު އަދި އަޔާން މުހައްމަދު ޖަމީލެވެ.

އެ ތިން މީހުންނަކީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ތިން ބޭފުޅުންނެވެ.