ޚަބަރު

ލ. ގާދޫގައި ހަދާ ވިޔަފާރި ބަނދަރުގެ ފީސިބިލިޓީ ވަނީ ހަދާ ނިމިފައި: ރައީސް

ލ. ގާދޫގައި ވިޔަފާރި ބަނދަރެއް ތަރައްގީކުރުމަށް ހަދަންޖެހޭ ފީސިބިލިޓީ ހަދައި ނިމިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ކުރިއަށް ގެންދާ ރަށްވެހި ފަތިސް ކެމްޕެއިންގައި އަތޮޅުތަކުގެ ރަށްރަށުގެ މެންބަރުންނަށް ސުވާލުކުރުމަށް ހުޅުވާލައިގެން މިރޭ ލ. އަތޮޅުގެ ރައްޔިތުންނަށް ހާއްސަކޮށް ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ލ. އަތޮޅަކީ މިސަރުކާރުން ތަރައްގީގެ މައި މަރުކަޒެއްގެ ގޮތުގައި ތަރައްގީ ކުރާނެ ސަރަހައްދެއް ކަމަށެވެ.

އެގޮތުން ގާދޫގައި ހަދަން ނިންމާފައިވާ ޕޯޓުގެ ފީސިބިލިޓީ ބޭރުގެ ބަޔަކާ ހަވާލުކޮށްގެން ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެކަން ކޮށްފައިވަނީ ކޮންބަޔަކާ ހަވާލުކޮށްގެން ކޮންއިރަކު ކަމެއް ވިދާޅެއްނުވެ އެވެ.

"ގާދޫގައި ޕޯޓެއް ގާއިމުކުރުމާ ބެހޭ ފީޒިބިލިޓީއެއް އެބަ އޮތް ހެދިފަ. އެކަން ވާނެ ގޮތް، އެތަނުގައި ކުރެވިދާނެ ކަންތައްތައް ބަލައި ބޭރުގެ ބަޔަކު ލައްވައި ދިރާސާއެއް ހަދާފަ އެބައޮތް. ދެން އޮތީ އެކަން ކުރިއަށް ގެންދާނެ މަރުހަލާ އޮތީ ކޮންއިރަކުތޯ ނިންމުން،" ރައީސް ވިދާޅުވި އެވެ.

ބައްދަލުކުރެއްވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، އިގްތިސާދު ލާމަރުކަޒު ކުރުމަށްޓަކައި ކަނޑައަޅަފައިވާ އިގްތިސާދީ ހަތަރު ހަބުގެ ތެރެއިން ލ. އަތޮޅަކީ އެއް ހަބު ކަމަށެވެ. އަދި އައްޑޫ އާއި ރާއްޖޭގެ އުތުރުގައި ގިނަ މަސައްކަތްތަކެއްކޮށް، ކާމިޔާބު ވެފައިވާއިރު މިހާރު އަމާޒަކީ ލ. އަތޮޅަށް ގެންނަންޖެހޭ ތަރައްގީ ގެނައުން ކަމަށް ވިދާޅުވި އެވެ.