ޚަބަރު

ސަރުކާރަށް ޖެއްސުމެއް ނުކުރާނަން، ތަރައްގީ ގެނައުމަށް އެކުގައި މަސައްކަތް ކުރާނަން: ޑރ. މުއިއްޒު

މުއާވިޔަތު އަންވަރު

ސަރުކާރުން ރައްޔިތުންނަށް ތަރައްގީ ގެނައުމަށް މަސައްކަތް ކުރާނަމަ ގުޅިގެން މަސައްކަތް ކުރާނެ ކަމަށާއި ޖެއްސުން ނުކުރާނެ ކަމަށް ޕީޕީއެމްގެ ފަރާތުން މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަންގެ ކެމްޕެއިން 'ރީލޯންޗު' ކުރުމަށް މިރޭ ޕީޕީއެމް/ޕީއެންސީ އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދަސްކޮށް ދެއްވާފައިވަނީ ތަރައްގީގެ ފިކުރުގައި ބާރު ދުވެލީގައި މަސައްކަތް ކުރަން ކަމަށެވެ.

"އަޅުގަނޑުމެންނަކީ ސަރުކާރަށް ޖެއްސުން ކުރާނެ ބައެއް ނޫން. އަޅުގަނޑުމެންގެ ހުރިހާ ކެނޑިޑޭޓުންގެ ވެސް ވިސްނުމަކީ ތަރައްގީ. ތަރައްގީގެ ފިކުރު. ގައުމީ ފިކުރު. އަޅުގަނޑުމެން މަސައްކަތް ކުރާނީ އެގޮތުގައި. އަޅުގަނޑުމެންގެ ދުވެލި ބާރު ވާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައްޔިތުންގެ ބައިވެރިވުމާއި ހަމަހަމަކަމާއެކު އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދޭނެކަން ފާހަގަކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ، އެކަމުގައި ވަކި ޕާޓީއެއްގެ މީހަކަށް ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ހޮވާފައި އޮތް ސަރުކާރެއްގައި 'ޓަކި ނުޖަހާނެ' އެންމެ ދޮރެއް ވެސް ނުބަހައްޓާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ދުވެލި ބާރުވާނެ. ރައްޔިތުންނަށް އަންނަ ކުރިއެރުމަކައްށެއް ހުރަހެއް ނާޅާނަން. އޭގެ ބަދަލުގައި ރައްޔިތުންނަށް ކުރިއެރުން ގެނެސް ދިނުމަށް ރައްޔިތުންނަށް އުފާފާގަތިކަން ހޯދައިދިނުމަށް ރައްޔިތުންނަށް ހެވާލާބަ ގެނެސް ދިނުމުގައި އިސްނަގާނެ ބަޔަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން. އިސްނަގައިގެން ފަހަތުން އެހެން ފަރާތްތައް އިރާދަކުރެއްވިއްޔާ ޖެހޭނީ ދާން. އަޅުގަނޑުމެންގެ ދުވެއްޔާ ހަމަކުރަން އެހެން ފަރާތްތަކުން ޖެހޭނީ. އަޅުގަނޑުމެންނަކީ ތަރައްގީ ރައްޔިތުންނަށް ގެނެސްދޭނެ ކަމަށް ވަންޔާ ރައްޔިތުންނަށް ދަތިވާ ކަމެއް ހައްލުކޮށްދޭ ކަމަށް ވަންޔާ އެ އަންނަ ފަރާތެއް އަޅުގަނޑުމެންގެ އެންމެ ގާތް އެކުވެރިންނަށް ހަދާނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ މައްސަލަކަން ފާހަގަކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ، އެންމެ ބޮޑު އަމާޒަކީ އެކަމަށް ހައްލެއް ގެނައުން ކަމަށެވެ. އެގޮތުން މާލެ އާއި މާލެ ކައިރީގައި ހުރި ރަށް ރަށާއި ފަޅުފަޅުގައި ކުރިއަށް ގެންދާނެ "ހައުސިން މަޝްރޫއު"ތަކުގެ ޓެކްނިކަލް މައުލޫމާތުތައް ސަރުކާރަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.