ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ވެކްސިނޭޝަން ޕްރޮގްރާމުގެ ދަށުން މިއަދު 6،941 މީހަކު ވެކްސިން ޖަހައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި 6،941 މީހަކަށް ވެކްސިން ދީފައިވާ ކަމަށެވެ. އެއާއެކު މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް ޖުމުލަ 145،768 މީހަކު ވަނީ ވެކްސިން ޖަހައިފައެވެ.
މިއަދު ވެކްސިން ޖެހި 6،941 މީހުންގެ ތެރެއިން މާލެއިން ވެކްސިން ޖަހާފައިވަނީ 2،154 މީހެކެވެ. އަދި އަތޮޅުތެރެއިން 4،787 މީހަކު ވެކްސިން ޖެހި އެވެ. މިހާތަނަށް ވެކްސިން ޖެހި ޖުމުލަ މީހުންގެ ތެރެއިން މާލެއިން 87،045 މީހަކު، އަތޮޅުތެރެއިން 58،723 މީހަކު ވެކްސިން ޖަހާފައިވެއެވެ.
މާލޭ ސަރަހައްދުން ވެކްސިން ދެނީ އައިޖީއެމްއެޗް އާއި އޭޑީކޭ އާއި ސެނަހިޔާ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލާއި ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ފުލޫ ކުލިނިކުންނެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުން ވެސް އަންނަނީ ވެކްސިން ދެމުންނެވެ.
ރާއްޖޭގައި ޖަހަމުން އަންނަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 200،000 ޑޯޒް އިންޑިއާ އިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.
އެ ވެކްސިންގެ އިތުރުން ރާއްޖެއަށް 10،000 ޑޯޒްގެ ސައިނޯފާމް ވެކްސިން ގެނެސްފައިވާ އިރު، ޗައިނާ އިން ވެސް ރާއްޖެއަށް 200،000 ޑޯޒްގެ ވެކްސިން ހަދިޔާކުރުމަށް ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު