ދިވެހިރާއްޖޭގެ ތާރީޚު

ދިވެހީންގެ ދަރިކޮޅޫތަކާއި މަތިކޮޅުތައް - 9

އިޔާޒު ނަސީމް

އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނަކީ މީލާދީން 1766 އިން 1773 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަސްގެފާނެވެ. މި ރަދުންނަކީ ވަރަށް އިލްމުވެރި އަދި އިލްމަށް ލޯބި ކުރެއްވި ރަސްކަލެކެވެ. ދިވެހި ބަހުގެ ފުރަތަމަ ބަސްފޮތަކީ ވެސް މި ރަދުންގެ ރަސްކަމުގައި، ރަދުން އިސްވެ ހުންނަވައިގެން ކުރެއްވި އިލްމީ މަސައްކަތްޕުޅެކެވެ. އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު އިންޑިޔާގެ ގަންޖާމުން ވެސް ބޭކަނބަލަކާ ކައިވެނި ބެއްލެވިއެވެ. އެހެންނަމަވެސް މި ކައިވެނިން ބޭފުޅަކު ލިބިވަޑައި ނުގަނެ، އަނބިކަނބަލުން އަވަހާރަވީއެވެ. އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނުގެ ދަރިކޮޅު އޮތީ ދަރިކަލުން ޢަބްދު ﷲ (ފަހުން އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނު)ގެ ފަރާތްޕުޅުންނެވެ. ޣިޔާޘުއްދީނު ރަދުންގެ ދަރިކަލުން އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ މަންމައަކީ ކޯލާޑީ ސައްޔިދު ކަލޭގެފާނުންގެ ދަރިކަލުން ބުރުނީ ސިއްކަތަކުރުފާނުންގެ ދަރިކަނބަލުން އާމިނާ ކަނބާފާނު (ބުރުނީ ކަނބާފާނު) އެވެ. ކޯލާޑީ ސައްޔިދު ކަލޭގެފާނާއި ސައްޔިދު މުޙައްމަދު ނަޚާ އަލްމަލާބާރީ (ހޮޅި ނަޚާ) އަކީ ދެ ޒަމާނެއްގައި އުޅުއްވި ދެ ބޭފުޅެކެވެ.

އައްސައްޔިދު މުޙައްމަދު ނަޚާ އަލްމަލާބާރީއަކީ އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނުގެ މަންމާފުޅު ޢާއިޝާކަނބާފާނުގެ ފަރާތްޕުޅުން ޚުދު ޣިޔާޘުއްދީނު ރަދުންގެ ހޫރުކާފާފުޅެކެވެ. އެހެނީ އެ ރަދުންނަކީ އައްސައްޔިދު މުޙައްމަދު ނަޚާ އަލްމަލާބާރީގެ ދަރިކަލުން ފަސްމަންދޫ އަލްވަޒީރު ޙަސަން ހަކުރާ ތަކުރުފާނުގެ ދަރިކަނބަލުން ފާޠިމާ މާވާކިލެގެފާނުންގެ ދަރިކަނބަލުން ޢާއިޝާ ކަނބާފާނުގެ ދަރިކަލުން އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނެވެ. ކޯލާޑީ ސައްޔިދުކަލޭގެފާނަކީ ޣިޔާޘުއްދީނު ރަދުންގެ އަނބިކަނބަލުން އާމިނާ ކަނބާފާނުގެ ކާފައެވެ. ކޯލާޑީ ސައްޔިދު ކަލޭގެފާނު ރާއްޖެއަށް ވަޑައިގަތީ ކޯލާޑުންނެވެ. ސައްޔިދު މުޙައްމަދު ނަޚާ އަލްމަލާބާރީ (ހޮޅި ނަޚާ) ވަޑައިގަތީ މަލާބާރުންނެވެ. ހޮޅި ނަޚާގެ މަތިކޮޅު ގުޅިފައި ވަނީ ޔަމަނުކަރައިން މަލާބާރަށް ވަޑައިގަތް ސައްޔިދު ބޭކަލަކާއެވެ. ކޯލާޑީ ސައްޔިދު ކަލޭގެފާނުގެ މަތިކޮޅު ގުޅިފައިވަނީ ޢުމާނުން ގުޖަރާތަށް ވަޑައިގަތް ސައްޔިދު ބޭކަލަކާއެވެ.

އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނުގެ ދަރިކަލުން އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނު އަށް ކައިވެންޏެއް ކުރެއްވިއެވެ. މީގެ ތެރެއިން ފުވައްމުލަކު ކުޑައިރަނި އެދުރުގޭ މަރްޔަމް މަނިކުފާނާ ކުރެއްވި ކައިވެނީން ލިބިވަޑައިގަތީ އެދުރުގޭ އައްނަބީލާ ޢާއިޝަތުދީދީ (ދޮށީދީދީ) އާއި، އެދުރުގޭ އައްނަބީލު މޫސާދީދީއެވެ. އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނު، ފުވައްމުލަކު ހޯދަޑިގޭ ދޮންމަނިކުގެ ދަރިކަނބަލުން ވަލިދަޑި އާމިނާ މަނިކުފާނާ ކުރެއްވި ކައިވެނީން ލިބިވަޑައިގަތީ ކަރިއްޔާ އައްނަބީލާ ޙައްޥާދީދީ އާއި، ކަރިއްޔާ އައްނަބީލު މުޙައްމަދުދީދީ އާއި، ކަރިއްޔާ އައްނަބީލު ޙަސަންދީދީ އާއި، ކަރިއްޔާ އައްނަބީލު އަޙްމަދުދީދީ އާއި، ކަރިއްޔާ އައްނަބީލާ ޚަދީޖާދީދީ އާއި، ކަރިއްޔާ އައްނަބީލާ ފާޠިމަތުދީދީ (ދޮންދީދީ) އެވެ. އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނު، ފުވައްމުލަކު ހުނުބޮލިއެ ސަންފާ މަނިކުފާނާ ކުރެއްވި ކައިވެނީން ލިބިވަޑައިގަތީ ހުނުބޮލިއެ އައްނަބީލު ޢަލީދީދީ އާއި، ހުނުބޮލިއެ އައްނަބީލު ޙުސައިންދީދީއެވެ. އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނު، ފުވައްމުލަކު ވިނާވޭރެ އާމިނާ މަނިކުފާނާ ކުރެއްވި ކައިވެނީން ލިބިވަޑައިގަތް ފިރިހެން ބޭފުޅަކު ޅަފަތުގައި އަވަހާރަވީއެވެ. މި ބޭފުޅަކުގެ ފޮތު ނަމަކަށް އޮންނަނީ ޢަބްދުﷲ ދީދީއެވެ. ވަނަމަކީ ހުރުވަޑިއެދީދީއެވެ.

އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނު، ފުވައްމުލަކު ބަހަބޯކަލޭގެ އަޙްމަދުކަލޭގެ ދަރިކަނބަލުން ފާޠިމާ މަނިކުފާނާ ކުރެއްވި ކައިވެނީން ލިބިވަޑައިގަތީ އައްނަބީލާ މަރްޔަމްދީދީ އާއި އައްނަބީލު އިސްމާޢީލުދީދީއެވެ. މީގެ ތެރެއިން އިސްމާޢީލުދީދީގެ ދަރިކޮޅެއް ނެތެވެ. އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނު، ފ. ހިމިތީ ދޮން ޙައްޥާ މަނިކުފާނަކާ ކުރެއްވި ކައިވެނީން ލިބިވަޑައިގަތީ އައްނަބީލާ ސަންފާދީދީ އާއި، އައްނަބީލު ތުއްތުދީދީ އާއި، އައްނަބީލު އިބްރާހީމް ދީދީއެވެ. އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނު، ފުވައްމުލަކު މިސްކިތްމަގު އެދުރުގޭ މަރްޔަމް މަނިކުފާނާ ކުރެއްވި ކައިވެނީން ލިބިވަޑައިގަތީ އައްނަބީލާ އާމިނަތުދީދީއެވެ. އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ ދޮށީ ދަރިކަނބަލުން ޢާއިޝަތުދީދީގެ އިތުރުން ވެސް ޢާއިޝަތުދީދީ ނަމަކަށް ކިޔާ އެހެން ދަރިކަނބަލަކު އެ ކިލެގެފާނުގެ ހުންނެވިއެވެ. މި ދަރިކަނބަލެއްގެ ދަރިކޮޅެއް ނެތެވެ. އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނަށް އަށް ކައިވެންޏަކުން ހަތް ބަނޑަށް 18 ބޭފުޅުން ލިބިވަޑައިގަތެވެ.