ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 117 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 117 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 17،712 އަށް އަރާފައިވާ ކަމަށެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ 167 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 135 މީހަކާއި އޮޕަރޭޝަނުގައި ހުރި ރިސޯޓުތަކުން 15 މީހެއް އަދި އަތޮޅު ތެރެއިން 17 މީހުންނެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު 100 އިން ދަށްވެފައެއް ނުވެއެވެ. ކޭސްތަކުގެ އަދަދުތައް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދަށުގައި އުޅުނު ނަމަވެސް، މިދިޔަ މަހުން ފެށިގެން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 50 ކޭސް ފެނެއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ ޖުމުލަ މީހުންގެ އަދަދު 20،447 އަށް އަރާފައިވާ އިރު، ރާއްޖޭގައި މިހާރު ކޮވިޑަށް ފަރުވާދެމުން އަންނަނީ 2،664 މީހަކަށެވެ. އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހޮސްޕިޓަލުތަކުގައި 180 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 64 މީހަކު ވަނީ މަރުވެފައެވެ. އެއީ 57 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.