ކުރިއަށް އޮތް ހަތް ދުވަހަށް، ދުވާ ޓުރެކުތައް ބަންދު ކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މިއަދު އަންގައިފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އެޗްޕީއޭ އިން މިއަދު ގެޒެޓުކުރި އިއުލާނުގައި ބުނީ، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އޭނާއަށް ލިބިދޭ ބާރުގެ ދަށުން ރައްކާތެރިކަމުގެ ފިޔަވަޅުތައް މިއަދުން ފެށިގެން އިތުރު ހަތް ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެގޮތުން ދުވާ ޓުރެކްޓުތައް ބަންދުކޮށް، އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓާލުމަށް ވެސް ވަނީ އަންގައިފަ އެވެ.

އަދި ޓިއުޝަން ކުލާސްތަކާއި ޕްރީ ސްކޫލުތައް ބަންދުކޮށް ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ހުއްޓައިލަން އަންގާފައިވާއިރު މާލެ ސަރަހައްދުގައި އެއް ފަހަރާ ފަސް މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން ވެސް ވަނީ މަނާކޮށްފަ އެވެ.

އެޗްޕީއޭގެ އެންގުމުގައި ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިއުން ހުއްޓާލުމަށް ވެސް އަންގާފައިވެ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް މާލޭ ސަރަހައްދުގައި ވަނީ ރޭގަނޑު 6:00 އިން ހެނދުނު 6:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައެވެ. އަދި ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް އަންނަނީ ކާފިއު ވެސް ހިންގަމުންނެވެ.

އޭގެ އިތުރުން މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 8:00 އިން 22:30 އަށް މާލޭ ސިޓީގެ ކެފޭ ރެސްޓޯރަންޓުތަކުން ދެވޭނީ ޑެލިވަރީ އަދި ޓޭކްއަވޭގެ ހިދުމަތް އެކަނި ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.