ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ވޯޓުލުމަށް ދެ މަރުކަޒު އިތުރުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އަންނަ އެޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުތަކުގައި ކުޅުދުއްފުށި ސިޓީ އާއި ފުވައްމުލަކު ސިޓީގައި އިތުރު ދެ މަރުކަޒެއް މިހާރު ގާއިމް ކޮށްފައިވާ ކަމަށެވެ.

މި ދެ ސިޓީގައި އިތުރު ކުރި ދެ މަރުކަޒުގައި ބަހައްޓާނެ ވޯޓު ފޮށީގެ ނަމާއި ވޯޓުފޮށިގެ ނަންބަރާއި، ވޯޓުލާ ސަރަހައްދާއި ބަހައްޓާ ތަން އިލެޝަނުން ވަނީ އިއުލާން ކޮށްފަ އެވެ.

އެގޮތުން ކުޅުދުއްފުށީ ޔޫތު ސެންޓަރުގައި ބަހައްޓާ ވޯޓު ފޮށްޓަށް ވޯޓުލާނީ އެރަށުގައި ރެޖިސްޓްރީ ކުރާ އެހެން ރަށްތަކުގެ ރައްޔިތުން ކަމަށާއި އަދި ފުވައްމުލަކުގައި ރަޖިސްޓްރީ ކުރާ އެހެން ރަށްތަކުގެ ރައްޔިތުން ވޯޓުލާނީ އެ ސިޓީގެ ހާފިޒް އަހުމަދު ސްކޫލް ހޯލްގައި ބަހައްޓާ ވޯޓު ފޮށްޓަށް ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް އިންތިހާބު ބޭއްވުމަށް ނިންމާފައިވާތީ ވޯޓުލާ މަރުކަޒުތައް އިތުރުވާނެ ކަމަށް އިލެކްޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އިންތިހާބު ބާއްވަން ޖެހޭނީ އެޗްޕީއޭގެ މިންގަނޑާއި އެއްގޮތަށް ކިޔޫ ހަދާއިރު ގައިދުރުކަން ހުންނަ ގޮތަށެވެ.