ރ. އަލިފުށިން ގިނަ އަދަދެއްގެ ސްކޫލް ދަރިވަރުންތަކެއް ރޯގާ ޖެހި ކޮވިޑަށް ޓެސްޓު ކޮށްފި އެވެ.

އަލިފުށީ ކައުންސިލް ނައިބު ރައީސް އަބްދުއްރަހްމާން ޔޫސުފް މިއަދު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފާއިތުވި ދެ ދުވަހު އެ ރަށު ސްކޫލްގެ 200 އަށްވުރެ ގިނަ ދަރިވަރުން ސްކޫލަށް ހާޒިރު ނުވާ ކަމަށެވެ. އަދި މި ހުރިހާ ދަރިވަރުންނަކީވެސް އަރިދަފުސް ރޯގާ ޖެހިގެންނާއި ރޯގާގެ އަލާމާތްތައް ހުރުމުގެ ސަބަބުން ސްކޫލަށް ހާޒިރު ނުވާ ދަރިވަރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސްކޫލުގައި ޖުމުލަ 410 ދަރިވަރަކު ތައުލީމު ހާސިލް ކުރަމުން އަންނައިރު މިހާ ގިނަ އަދަދެއްގެ ދަރިވަރުން އެއްފަހަރާ ބަލިވުމުން ކަންބޮޑުވާ ކަމަށް އަބްދުއްރަހްމާން ވިދާޅުވި އެވެ. މި ދުވަސްވަރަކީ ކޮވިޑް-19ގެ ބިރުވެރިކަން މުޅި ދުނިޔެއަށާއި ރާއްޖެއަށް ކުރިމަތިވެފައިވާ ދުވަސް ވަރަކަށް ވެފައި މިހާ ގިނަ ދަރިވަރުން އެއްފަހަރާ ބަލިވުމުން ކަމާގުޅޭ މުއައްސަސާތަކުގެ އިރުޝާދާއެކު ކޮވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް އަލިފުށި ހެލްތު ސެންޓަރާއި އުނގޫފާރު ހޮސްޕިޓަލާ ގުޅިގެން ފަށާފައިވާ ކަމަށް ވިދާޅުވިި އެވެ.

މިހާތަނަށް 44 ދަރިވަރެއްގެ ސާމްޕަލް ނަގާފައިވާއިރު އަދި އޭގެ ނަތީޖާ ނުލިބޭ ކަމަށާއި އިތުރު ދަރިވަރުންގެ ސާމްޕަލް ވެސް ނެގުމުގެ މަސައްކަތް ކުރާނެ ކަމަށް އަބްދުއްރަހުމާން ވިދާޅުވި އެވެ.

"ވާގޮތަކީ އެއްވެސް ބެލެނެވެރިޔަކު ބޭނުމެއްނުވޭ ރޯގާގެ އަލާމާތެއް ހުރެއްޖެ ނަމަ ސްކޫލަށް ފޮނުވާކަށް. އެއީ އަޅުގަނޑުމެންވެސް އިލްތިމާސް ކުރާ ގޮތް. ރަށަށް ވާރޭ ނުވެހި އެތައް ދުވަހެއް ވީމަ ރަށުތެރެވެސް ވަރަށް ހިރަފުސް. އަރިދަފުސް ރޯގާ ހަގީގަތުގަ ވަރަށް ގިނަ ދަރިވަރުންތަކަށް ޖެހިގެން މިއުޅެނީ. ދަރިވަރުން އެކަންޏެއްވެސް ނޫން. ބޮޑެތި މީހުންނަށްވެސް ޖެހޭ. އެކަމަކު ކަންބޮޑުވާ މިންވަރަށް މިކަން ދިޔައީމަ އަޅުގަނޑުމެން އެޗްޕީއޭއަށް ގުޅައިގެން ކޮވިޑަށް ޓެސްޓު ކުރަން ނިންމީ." އޭނާ ވިދާޅުވި އެވެ.

އާބާދީގައި ދެހާހެއްހާ މީހުން ދިރިއުޅޭ އަލިފުށިން މިހާތަނަށް ކަރަންޓީނުން ބޭރުން އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެއް ނުވެ އެވެ. އެހެން ކަމުން ރަށުގައި ކޮވިޑް ފެތުރިދާނެ ކަމަށް އަބްދުއްރަހީމް ގަބޫލެއް ނުކުރައްވައެވެ. ނަމަވެސް މިހާލަތުގައި ކޮވިޑް ބަލި ރަށުގައި ނެތޭ ވިދާޅުވާން އެނގިވަޑައިގަންނަވާނީ ޓެސްޓުތަކުގެ ނަތީޖާ ލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ރަށުގެ ހެލްތު ސެންޓަރުގެ އިސްނެގުމުގެ މަތިން އެ ރަށުގެ ޖަމިއްޔާ ޖަމާއަތްތަކާއި ކައުންސިލާއި ގުޅިގެން މުޅި ރަށުގެ އެކި މަގުތަކަށް މާދަމާ މެންދުރުން ފެށިގެން ފެން ޖެހުމަށް ނިންމާފައިވާ ކަމަށެވެ.

އަލިފުށީ ސިއްހީ މަރުކަޒަށް ޑޮކްޓަރަށް ދައްކަން މިދުވަސްވަރު ދާ ގިނަ މީހުންނަކީ ރޯގާގެ އަލާމާތްތައް ހުރެގެން ދާ ފަރާތްތައް ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް މީހެއްގެ ހާލު ދެރަވެ ނުވަތަ އެޑްމިޓް ކޮށްގެން ފަރުވާދޭން ޖެހޭ ފަދަ ހާލަތަކަށް ގޮސްފައި ނުވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލިފުށީގެ އާންމު ހާލަތު ރަނގަޅު ނަމަވެސް މިހާ ގަދައަށް އަރިދަފުސް ރޯގާ ފެތުރެމުންދާތީ ރައްޔިތުން ކަންބޮޑުވެފައިވާ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.