ޚަބަރު

އަލީ ވަހީދު ފްރޭމްކޮށް ސިޔާސީ ދައުވާއެއް ކޮށްފައިވާ ކަމަށް މެންބަރު ޒަރީރު ތުހުމަތު ކުރައްވައިފި

މުއާވިޔަތު އަންވަރު

ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއް ކޮށްފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ފްރޭމްކޮށް ސިޔާސީ ދައުވާތަކެއް އުފުލާފައި ކަމަށް މަތިވެރި ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ޒަރީރު ތުހުމަތު ކުރައްވައިފި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު ވަކިކުރީ އޭނާގެ ފަރާތުން ޖިންސީ ގޯނާ އާއި ފުރައްސާރަ ލިބުނު ކަމަށް ބުނާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއާ ބައްދަލުކޮށް އެކަން ސަމާލުކަމަށް ގެނައުމުންނެވެ. އެ މައްސަލަތައް ތަހުގީގުކޮށް އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ ކުށުގެ ހަތް ދައުވާއެއް އުފުލާފަ އެވެ.

އެ މައްސަލަތައް ކްރިމިނަލް ކޯޓުގައި 'ސިއްރުން' ކުރިއަށް ގެންދަނިކޮށް އޭނާ ރާއްޖެ އިން ބޭރަށް ވަޑައިގަތް މައްސަލައެއް މިހާރު ވަނީ ފެންމަތިވެފަ އެވެ. އަލީ ވަހީދު ފުރި މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އަންހެން ހަތަރު މެންބަރުން މަޖިލީހަށް ހުށަހެޅުއްވިއެވެ. އަދި އެ މައްސަލަ އަންނަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވެސް ބަލަމުންނެވެ.

"މައްސަލައަށް ރިއާޔަތް ކުރާއިރު އެއް ކަމަކަށް އެބައިން ހަތް ދައުވާއެއް އުފުލާފައި. އަތްލައިގެން އުޅުނު ކަމާއި އުޅެފާނެ ކަމާއި ފަހަތުން ދުއްވައިގަތް ކަމާއި ދުއްވައިގަނެފާނެ ކަމަށްޓަކައި ވެސް. އެހެންވީމަ މީގެން ޖުމުލަކޮށް އަޅުގަނޑަށް ފެނިގެން ދަނީ ސިޔާސީ ކުލަ ޖެހިފައިވާ ދައުވާއެއް ގޮތުގައި. މިގޮތަށް ފުރޭމް ކުރެވިގެން މިކަހަލަ ދައުވާތައް ކުރެވެނީކަމުގައި ވަނީ ނަމަ ހަގީގަތުގައި އެއީ ވަރަށް ބޮޑު އިޝޫއެއް،" އަލީ ވަހީދުގެ މައްސަލައިގައި މިއަދު ޖުޑިޝަރީ ކޮމެޓީގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ޒަރީރު ވިދާޅުވި އެވެ.

އެފަދަ މައްސަލަތަކުގައި ކަމެއް ނިންމާއިރު މުޅި މައްސަލަ އާއި މުޅި މާހައުލަށް ރިއާޔަތް ކުރަން ޖެހޭ ކަމަށް މެންބަރު ޒަރީރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އަލީ ވަހީދުގެ އެ މައްސަލައިގައި ސުވާލު އުފެދޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ.

"ބައެއް ފަހަރު ރާވައިގެން މީހަކަށް ލަނޑުދިނުމަށްޓަކައި މިކަހަލަ ކަންކަން ކޮށްފައި އެބަހުރި،" މެންބަރު ޒަރީރު ވިދާޅުވި އެވެ.