ދިވެހިރާއްޖެއިން "ސޭފް ސްކޫލްސް ޑެކްލަރޭޝަން"ގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުވި މައްސަލަ ދިރާސާ ކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
އެ މުއާހަދާގައި ބައިވެރިވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހަށް އިއްވެވުމުން އެ މައްސަލަ ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ދިވެހިރާއްޖެއިން "ސޭފް ސްކޫލްސް ޑެކްލަރޭޝަން"ގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވީ ހުސްވި ޖެނުއަރީ މަހުގެ 12 ގައެވެ.
ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމަވާފައި ވަނީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ހުށަހަޅާފައިވާ ކަރުދާހަކާ ގުޅިގެން ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު، އެ މަޖިލީހުން ދެއްވި ލަފާފުޅުގެ މަތިންނެވެ.
ސޭފް ސްކޫލްސް ޑެކްލަރޭޝަންއަކީ އަސްކަރީ ހަމަނުޖެހުންތަކުން ދަރިވަރުންނާއި މުދައްރިސުން އަދި މަދަރުސާތަކާއި ޔުނިވަސިޓީތައް ރައްކާތެރިކުރުމަށް ސިޔާސީގޮތުން ލާޒިމުކުރާ ބައިނަލްއަގްވާމީ ޑެކްލަރޭޝަންއެކެވެ. މި ޑެކްލަރޭޝަން އެކުލަވައިލާފައި ވަނީ އަސްކަރީ ހަމަނުޖެހުންތަކުން ރައްކާތެރިވެ ތިބެ އުނގެނުމަށް ކޮންމެ ދަރިވަރަކަށް ލިބިގެންވާ ހައްގު ކަށަވަރުކޮށްދިނުމަށާއި ރައްކާތެރި މާހައުލެއްގައި ގަދަރުވެރިކަމާއެކު އުނގަންނައިދިނުމަށް ކޮންމެ މުދައްރިސަކަށް ލިބިގެންވާ ހައްގު ކަށަވަރުކޮށްދިނުމަށެވެ.
މި ޑެކްލަރޭޝަންގައި އަސްކަރީ ހަމަނުޖެހުންތަކާއި ހަނގުރާމަތަކާ ގުޅިގެން ތައުލީމީ ދާއިރާއަށް ކުރާ ތަފާތު ނޭދެވޭ އަސަރުތައް ފާހަގަކޮށް، މެދުކެނޑުމެއް ނެތް ގޮތެއްގައި ތައުލީމީ ހިދުމަތްތައް ދިނުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ. އަދި، މި ޑެކްލަރޭޝަންގެ މަގުސަދުތަކުގެ ތެރޭގައި ހަނގުރާމައިގެ ހާލަތްތަކުގައި ވެސް މަދަރުސާތަކާއި ޔުނިވަސިޓީތަކަކީ ތައުލީމު ލިބިގަތުމަށާއި އިލްމީ ދިރާސާކުރުމަށް ރައްކާތެރި ތަންތަން ކަމުގައި ކަށަވަރުކޮށްދިނުން ވެސް ހިމެނެއެވެ.
ސޭފް ސްކޫލްސް ޑެކްލަރޭޝަންގައި ގައުމުތަކުން ބައިވެރިވުމަށް ހުޅުވައިލާފައި ވަނީ 2015 މެއި 29 ވަނަ ދުވަހު ބޭއްވި "ދަ އޯސްލޯ ކޮންފަރެންސް އޮން ސޭފް ސްކޫލް" ގައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް