ކޮވިޑް ޖެހި ރަނގަޅުވެފައިވީ ނަމަވެސް ބްރެޒިލް އިން ފެނުނު އާ ވޭރިއަންޓް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާ އަކުން ދައްކައިފިއެވެ.

މި ދިރާސާ އިން ވަނީ ކުރިން ބަލި ޖެހުނު މީހުންނަށް އަލުން އާ ވޭރިއަންޓުގެ ސަބަބުން ބަލިޖެހުމުގެ ފުރުސަތު 61 އިންސައްތަ ބޮޑު ކަމަށް ދައްކައިފަ އެވެ.

ސައިންސުވެރިން ވަނީ ބްރެޒިލްގެ ބަނައުސް ސިޓީގެ މީހުން ބޭނުންކޮށްގެން މި ދިރާސާއަށް މައުލޫމާތު އެއްކޮށްފައެވެ.

ސައިންސުވެރިންގެ މި ދިރާސާއިން ވަނީ ތަހުލީލު ކުރި ކޮންމެ 100 މީހެއްގެ ތެރެއިން 25 އާއި 61 އާއި ދެމެދުގެ މީހުންނަށް އާ ވޭރިއަންޓް ޖެހުމުގެ ފުރުސަތު އޮތްކަމަށް ދައްކައިފަ އެވެ.

އެދިރާސާ ހެދުމުގައި ބްރެޒިލްގެ ސައުޕޯލޯ ޔުނިވާސިޓީގެ އިތުރުން ޔޫކޭގެ އިންޕީރިއަލް ކޮލެޖާއި އޮކްސްފޯޑް ޔުނިވާސިޓީގެ ސައިންސުވެރިން ވަނީ ބައިވެރިވެފަ އެވެ.

ބްރެޒިލްގެ އެމޭޒަން ސަރަހައްދު ވެފައިވަނީ މިދިޔަ އަހަރު ކޮވިޑްގެ އެންމެ ހާލަތު ގޯސްވި ސަރަހައްދު ކަމުގައެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރާއި މިއަހަރުގެ ޖެނުއަރީއާ ދެމެދު އެސަރަހައްދުގެ ހާލަތު އިތުރަށް ގޯސްވެ އިތުރު ރާޅެއް އަރާފައިވަނީ ކޮވިޑްގެ އާ ވޭރިއަންޓްގެ ސަބަބުންކަމަށް ސައިންސުވެރިން ބުނެއެވެ.