ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިނުމާއި ގުޅޭ ގޮތުން މަޖިލީހުގެ ގައިމީ ތަރައްގީއާ ތަރިކައިގެ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ހައުސިން މިނިސްޓަރާއި ފްލެޓް ކޮމެޓީގެ ރައީސް އަދި މާލޭގެ މޭޔަރު އެ ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމައިފި އެވެ.
އެ މައްސަލަ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީއަށް ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ރިޔާސަތުން، ރައީސް މުހައްމަދު ނަޝީދު އެވެ. އަދި އަވަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލައިދެއްވުމަށް ވެސް ރިޔާސަތުން ވަނީ އެދިވަޑައިގެންފަ އެވެ.
އެކަމާ ގުޅިގެން މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ހުށަހެޅުއްވީ، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު އާއި ފްލެޓް ކޮމެޓީގެ ރައީސް ތޯހާ މުހައްމަދުގެ އިތުރުން އޭޖީ އިބްރާހިމް ރިއްފަތު އާއި އެޗްޑީސީ ގެ އެމްޑީ ސުހައިލް އަހްމަދު އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ސަލަފިއްޔާ އަހްމަދު ކޮމެޓީއަށް ހާޒިރުކޮށް ދިނުމަށެވެ.
ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ހުށަހެޅުއްވި އެ ހުށަހެޅުން ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި ހަތް މެންބަރުންގެ އިއްތިފާގުންނެވެ. އަދި އޭނާ އެދިވަޑައިގަތީ މާދަމާ އެ ފަރާތްތައް ކޮމެޓީއަށް ހާޒިރު ކޮށްދިނުމަށެވެ.
އެގޮތަށް އެދިވަޑައިގަތުމުން ކޮމެޓީގެ މުގައްރިރު ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ވިދާޅުވީ، އެ ފަރާތްތައް މާދަމާ ކޮމެޓީއަށް ހާޒިރު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެހެން ނަމަވެސް މާދަމާ ހާޒިރު ވުމަށް އުޒުރުވެރިވެއްޖެ ނަމަ ގާނޫނީ ގޮތުން އޮންނަ ފަސް ދުވަހުގެ މުހުލަތެއް ދެއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު