އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ ސަފީރު ކަމަށް، އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ހ. އަމީނީގޭ ޑޮކްޓަރ ފަރަހަނާޒް ފައިސަލް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މެރިޓައިމް އޯގަނައިޒޭޝަންގެ ސަފީރުކަމަށް، ޑރ. ފަރަހަނާޒް އައްޔަން ކުރުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން މަޖިލީހުގެ ގައުމީސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް، ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފައެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ޑރ. ފަރަހަނާޒަށް މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް ވޯޓަށް އެހުމުން އޭނާއަށް ރުހުން ދިނުމަށް ފާސްކުރީ ޖަލްސާގައި ތިއްބެވި 58 މެންބަރުންގެ ތެރެއިން 54 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އިނގިރޭސި ވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ޑރ. ފަރަހަނާޒް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހުއެވެ.