އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި، ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީން، ހަރަދުތައް ހަމަޖެއްސޭ ވަރަށް ދައުލަތުގެ ހަރަދުތައް ކުޑަކުރަން އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ލަފާދެއްވައިފިއެވެ.
މިކަންކަމަށް އޮޑިޓާ ޖެނެރަލް ލަފާ ދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ބެޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުމުގައި ބަޖެޓްގައި ހިމެނޭ ކަންތައްތަކާ ބެހޭގޮތުން އޮޑިޓާ ޖެނެރަލަށް ފާހަގަ ކުރެވޭ ކަންކަން، ފާހަގަކޮށް އެ އެ އޮފީހުން އެކުލަވާލާފައިވާ ރިޕޯޓްގައެވެ.
އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ބައިވެރިވެ ވަޑައިގެންނެވި، ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެ ރިޕޯޓު ހުށަހެޅުއްވީ އެ އޮފީހުގެ ޑިރެކްޓާ ޖެނެރަލްއެވެ.
އެ ރިޕޯޓްގައި އޮޑިޓާ ޖެނެރަލް ފާހަގަ ކުރައްވާފައި ވަނީ، 2027 އަށް ހުށަހެޅި ބަޖެޓްގައިވެސް އެޑްހޮކް ރެވެނިއުގެ ގޮތުގައި 50 މިލިޔަން ޑޮލަރު ހޯދުމަށް ހިމަނާފައިވާ ކަމަށެވެ.
"ބަޖެޓްގައި ހިމެނޭ އާމްދަނީއަށް ބަލާއިރު ފާހަކަ ކުރެވޭ މައިގަނޑު ކޮންސާން އަކީ އެޑްހޮކް އަމްދަނީއަކީ ވަންއޮފް ޓްރާންސްސެކްޝަންތަކެއް، ނުވަތަ ރިކަރަންޓް އާމްދަނީ އަކަށްވުރެ ބޮޑަށް، އޭގެ ބަދަލުގައި ވަންއޮފް ޓްރާންސެކްޝަންތަކެއް ހިންގައިގެން ދައުލަތަށް ހޯދޭ އާމްދަނީއެއް، ދެން އެ އާމްދަނީ ނޯމަލީ މި ލިބެނީ،"
އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވަނީ، ދައުލަތަށް ލިބޭ އާމްދަނީއާ އަޅައި ކިޔާއިރު ބެންޗް މާކެއްގެ ގޮތުގައި ބަލަނީ ދައުލަތަށް ލިބޭ އާމްދަނީ ހަރަދު ކަވަރު ކުރެވޭތޯއެވެ.
"ދައުލަތުގެ އާމްދަނީން ރިކަރަންޓް އެކްސްޕެންޑިޗާ ދައުލަތުގެ އާމްދަނީން ކަވާ ކުރެވެން ޖެހޭނެ، އެކަމަކު އެޑްހޮކް ލިބޭނެ ކަމަށް ބުނާ އާމްދަނީގެ ބައި ކަނޑާލީމަ ފެންނަނީ އެ އާމްދަނީ ނުލާ ރިކަރަންޓް އެކްްޕެންޑިޗާ އެއްކޮށް ކަވާ ނުކުރެވޭކަން،"
އެހެންވީމާ ދައުލަތުގެ ހަރަދުތައް އެ ނިސްބަތުން ކުޑަކުރަން ލަފާދެއްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
އޮޑިޓާ ޖެނެރަލް ވިދާޅުވީ، މި ހިނގާ 2026 ވަނަ އަހަރުގެ ބަޖެޓްގައިވެސް ހަމަ އެގޮތަށް 50 މިލިޔަން ޑޮލަރު ހޯދުމަށް ހިމަނާފައިވާ ކަމަށެވެ. ނަމަވެސް ރިވައިޒް އާމްދަނީއަށް ބަލާއިރު ލިބުނީ 48 މިލިޔަން ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް