ދައުލަތަށް ލިބެންޖެހޭ އާމްދަނީ ހޯދަން ލިބޭ ފަރާތްތަކަށް ގާނޫނީ އިތުރުބާރުތައް ދީގެން، އެ ފައިސާ ދައުލަތަށް ލިބެންޖެހޭ މުއްދަތުގައި ހޯދުމަށް އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ލަފާ ދެއްވައިފިއެވެ.
އޮޑިޓާ ޖެނެރަލް މިކަމަށް ލަފާދެއްވީ، އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓް ދިރާސާ ކުރުމަށްޓަކައި މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައެވެ.
އަންނަ އަހަރަަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓްގައިވާ ކަންތައްތަކާ ބެހޭގޮތުން އޮޑިޓާ ޖެނެރަލް ފާހަގަ ކުރައްވާފައިވާ ކަންތައްތަައް ހިމަނައިގެން ކޮމިޓީއަށް މިއަދު ހުށަހެޅި ރިޕޯޓްގައި، ފާއިތުވި އަހަރުތަކުގައި ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާ އަހަރުން އަހަރަށް ބޮޑު ނިސްބަތަކުން އިތުރުވަމުން ދިއުމަކީ އޮޑިޓާ ޖެނެރަލްގެ ބޮޑު ކަންބޮޑުވުމެއްކަން ވަނީ ފާހަގަ ކޮށްފައެވެ.
އެގޮތުން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އާމްދަނީ އާއި ޓެކްސް ނޫން ގޮތްގޮތުގައި ލިބެންޖެހޭ އާމްދަނީ އިންތިހާއަށް އިތުރުވެފައިވާކަން ފާހަގަ ކޮށްފައިވެއެވެ.
"މީގެ އިތުރަށް އިތުރަށް 2021 ވަނަ އަހަރާއި 2025 ވަނަ އަހަރާ އަޅައި ބަލާއިރު އެބައިތައް ވަރަށް ބޮޑުތަނުން އިތުރުވެފައި އެބައިން، މީގެ ތެރެއިންވެސް ވަަރަށްބޮޑު ކޮންސާނަކަށް، ފަހުގެ އަހަރުތަކުގައި ފާހަގަވެގެންދިޔަ ޓެކްސް އާމްދަނީގެ ގޮތުގައި ލިބެންޖހޭ ފައިސާ ނުލިބި އިތުރުވަމުން ދިއުން،"
އެގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮޑިޓުންނާއި ދައުލަތުގެ އާމްދަނީ ލިބޭ އިދާރާތަކުގެ މައުލޫމާތުތަކަށް ބަލާއިރު، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް އިތުރުވަމުންދާކަން ފާހަގަ ކުރެވިގައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެހެންކަމުން މި ފައިސާ ދައުލަތަށް ހޯދުމުގެ ގޮތުން ދައުލަތަށް އާމްދަނީ ކަލެކްޓްކުރާ އެެޖެންސީތަަކަށް ގާނޫނީ ގޮތުން ލިބިދޭ ބާރު އިތުރުކޮށް އެފައިސާ ދައުލަތަށް ލިބެންޖެހޭ މުއްދަތުގައި ހޯދުމަށް ވަނީ ލަފާ ދެއްވައިފައެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް