ޚަބަރު

މަލީހު ވަކިކުރަން އިދިކޮޅުން ތިން މެންބަރަކު ވޯޓު ދެއްވި

މުއާވިޔަތު އަންވަރު

ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު ކަމުން މުހައްމަދު މަލީހު ޖަމާލު ވަކި ކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަށް ނިސްބަތްވާ ތިން މެންބަރަކު ވޯޓު ދެއްވިކަން ހާމަވެއްޖެ އެވެ.

މިނިސްޓަރު ކަމުން މަލީހު ވަކިކުރުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި 59 މެންބަރަކު ވޯޓު ދެއްވި އެވެ. ހަތަރު މެންބަރަކު ވަކި ގޮތަކަށް ވޯޓު ދެއްވާފައިނުވާއިރު އޭނާ ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. އެއީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ. އޭނާ އަކީ ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ.

މަލީހު ވަކިކުރަން އިދިކޮޅުން ވޯޓު ދެއްވީ ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު މުހައްމަދާއި ޕީއެންސީގެ ނައިބް ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ އިތުރުން ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އެވެ.

އެ ވޯޓުގައި އިދިކޮޅު ކޯލިޝަނުގެ އެހެން ބައެއް މެންބަރުން ވެސް ބައިވެރިވި ނަމަވެސް އެ މެންބަރުން ވަކި ކޮޅަކަށް ވޯޓު ދެއްވާފައެއް ނުވެ އެވެ.

މަލީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅީ، އިންޓަނެޓުގެ އަގުހެޔޮ ނުވާ މައްސަލަ އާއި ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދާފައިނުވާ ކަމަށް ބުނެއެވެ.

ނަމަވެސް އެ މައްސަލައަށް ޖަވާބުދާރީވެ ވަޑައިގަންނަވަމުން މަލީހު ވިދާޅުވީ، ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދާފައިވާ ކަމަށާއި އިންޓަނެޓުގެ އަގު ހެޔޮކުރުމަށް ކުރަންޖެހޭ ކަންތައްތައް ކޮށްގެން އެކަން ކުރެވޭނެ މުއްދަތު ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ކަނޑައަޅާފައިވާ ކަމަށެވެ.

އެހެންކަމުން އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވަނީ ކޮށް ނިންމާފައިވާ ކަމެއް ނުކުރާ ކަމަށް ބުނެ ކަމަށާއި އެއީ ޒާތީ ގޮތުން މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރާ ދެމެދު ހިނގަމުން އަންނަ ކަންތައްތަކެއް ތެެރެއިން ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ވެސް ވިދާޅުވި އެވެ.