ޖެނުއަރީ މަހު ފަހުކޮޅު މާލެ ތެރޭގައި ހިނގި ސިލްސިލާ މާރާމާރީތައް ގުޅެނީ މީގެ ހަތަރު އަހަރު ކުރުން ޓާމިނަލް ކެފޭ ތެރޭގައި ވަޅިން ހަމަލާދީ މަރާލި ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ)ގެ މަރާއި ގުޅިގެން ދިން ހެކި ބަސްތަކާއި ކަމަށް ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްގައި ބުނެފި އެވެ.

ނަދީމްގެ މަރާއި ގުޅިގެން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާ އުފުލާފައިވަނީ، ގ. ޝާރާޒް މުހައްމަދު މަފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ސާމިހާއި ލ. ގަމު ތުނޑީ އަވަށު ވިދާތަރި، އަލީ ނިފާޒުގެ އިތުރުން ގއ. ގެމަނަފުށި، ހަވާސާ، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.

ނަދީމުގެ މަރާއި ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ޕީޖީ އޮފީހުގެ ވަކީލު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ބައެއް ފަރާތްތަކުން ދިން ހެކި ބަހާއި ގުޅިގެން މާލެ ތެރޭގައި މާރާމާރީތަކެއް ހިންގާފައިވާ ކަމަށާއި އަދި ބައެއް ހެކިންނަށް ނުފޫޒު ފޯރުވައި ބިރުދައްކަމުން ދާ ކަމަށެވެ.

"މި މައްސަލައިގައި ހުރި ސިއްރު ހެކިންނާއި އެކި ފަރާތްތަކަށް އެކި ގޮތް ގޮތުން ނުފޫޒު ފޯރުވަމުންދާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ހިއްސާކޮށްފައިވޭ،" ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ތިން މީހެއްގެ ހެކި ބަސް ސިއްރުން ނެގި ނަމަވެސް އެ ފަރާތްތަކަށް ކަން ހިނގައި ދިޔަ ގޮތް ނޭނގޭ ކަމަށް ވަނީ ބުނެފަ އެވެ.

އެގޮތުން ހެކި ބަސް ދިން ތިން މީހުން ވެސް ބުނެފައިވަނީ އެ ހާދިސާ ހިނގިތާ މިހާރު ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށާއި އެހެން ކަމުން ކަން ހިނގައިދިޔަ ގޮތް ބުނެދޭން ނޭނގޭ ކަމަށެވެ. އަދި ދައުވާ ލިބޭ އެއްވެސް މީހަކު އެތަނުން ފެނުނު ކަން ބުނަން ނޭނގޭ ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

އެ މައްސަލައިގައި ހެކިވެރިން ކޯޓުގައި ހެކި ބަސް ދޭން ޖެހިލުން ވެ ފަސް ޖެހޭކަން ޕީޖީގެ ވަކީލު ވަނީ ފާހަގަކޮށްފަ އެވެ. އެހެން ކަމުން ދައުލަތުން އެދިފައިވަނީ އެ މައްސަލައިގައި އަދި އިތުރު ހަތަރު ހެއްކެއް ތިބި ނަމަވެސް އެ މީހުންގެ ހެކިބަސް ވެސް ނުނެގުމަށެވެ. ނަމަވެސް މައްސަލަ ނިންމުމުގައި ޝަރީއަތުން އެ ފަރާތްތަކުގެ ބަޔާންތަކަށް ރިޔާއަތް ކުރުމަށް ދައުލަތުން ވަނީ އެދިވަޑައިގެންފަ އެވެ.