ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް މަޖިލީހުގައި ކުރިއަށްދިޔައިރު، ޖަބާވުދާރީވެ ވަޑައިގެންނެވުމަށް ދެއްވި ފުރުސަތުގައި މަޖިލިސް ތަޅުމުގައި މަލީހު ދެއްކެވި ވާހަކައިގައި އިތުރުފުޅު ހައްދަވާފައިވޭތޯ ބެލުމަށް އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ފޮނުއްވަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް ވިދާޅުވީ އިމްތިޔާޒް ކޮމެޓީން އެ މައްސަލަ ބަލައި ނިމޭ އިރު އިތުރުފުޅު ހެއްދެވި ކަމަށް ސާބިތުވެއްޖެ ނަމަ އެ މައްސަލައިގައި ދައުވާ ވެސް ކުރެވޭނެ ކަމަށެވެ.

މަޖިލިސް ރައީސްމިހެން ވިދާޅުވީ ޓެލެކޮމިއުކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި، ޖަވާބބުދާރީވުމަށް މަލީހަށް ދެއްވި ފަހު ފުރުސަތުގައި، ދެއްކެވި ވާހަކަ ފުޅުގައި މަލީހު އިތުރުފުޅު ހައދަވާކަމަށް މެންބަރަކު ވިދާޅުވުމާ ގުޅިގެންނެވެ.

މަޖިލީހުގައި ވާހަކަ ދެއްކެވުމަށް ދެއްވި ފަހު ފުރުސަތުގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ، އިތުބާރު ނެތްކަމުުގެ މައްސަލަ ހުށަހަޅާފައިވަނީ ބުހުތާނު ދޮގުތަކެއްް ހަދައިގެން ކަމަށެވެ.

ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތަކެއް މަލީހު ހައްދަވާފައި ނުވާކަމަށް، އިތުބާރު ނެތްކަމަށް ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ހިމެނޭތީ، މަލީހު ވިދާޅުވީ އެއީ ކޮށް ނިންމާފައިވާ ކަންތަކެއް ކަމަށެވެ. އެހެންކަމުން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ކޮށްނިންމާފައިވާކަންތައްތަކެއް ނުކުރާކަމަށް ބުނެ ކަމަށްވެސް މަލީހު ވިދާޅުވިއެވެ.

މަލީހު އެގޮތަށް ވިދާޅުވުމުން ނިޒާމީ މައްސަލަ ނަންގަވައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނުދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ނިޒާމީ މައްސަލައެއް ނެންގެވިއެވެ. މީކާއީލް ވިދާޅުވީ، ތަކުރާރުކޮށް މަޖިލީހުގެ މެންބަރުންނަށް އަމާޒުކޮށް މަލީހު އިތުރު ފުޅު ހައްދަވަމުން ގެންދަވާ ކަމަށެވެ. އަދި މަލީހު ވިދާޅުވަމުން ގެންދަވާ ގަވާއިދުތައް ހެއްދެވި ތާރީހެއް ވިދާޅުވެދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މީކާއިލް ނެންގެވި ނިޒާމީ ނުކުތާ ބަލައިގަންނަ ކަމަށެވެ. އަދި ވަޒީރެއްގެ ގޮތުގައި ހުންނަވައި މަޖިލީހުގައި ހަގީގަތާ ހިލާފު ވާހަކަ ދައްކަވާފައި ވޭތޯ ބަލަން އިމްތިޔާޒު ކޮމިޓީ އަށް ފޮނުއްވާނެ ކަމަށާއި، އެގޮތަށް ވާހަކަ ދައްކަވާފައި ވާނަމަ ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަަލްގެ އޮފީހަށް ފޮނުއްވާނެ ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.