ގަވާއިދެއް ނަހަދައިގެން ކަމަށް ބުނެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގައި މަގާމުން ވަކިކުރުމަށް ކުރަމުން ގެންދާ މަސައްކަތަކީ ގަބޫލު ކުރެވޭ މަސައްކަތެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމަށް އެމްޑީޕީން މަޖިލީހަށް ހުށަހެޅި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ މިނިސްޓަރު މަލީހަކީ އިހްލާސްތެރި، ތައުލީމީ، އަދި ގާބިލު ބޭފުޅެއް ކަމަށެވެ.
މިހާ ހިސާބަށް އައި އިރުވެސް މަލީހުގެ މަސައްކަތާ މެދު ހިތްހަމަ ނުޖެހިގެން، ނުވަތަ މަލީހު މަސައްކަތް ނުކޮށްގެން ސަރުކާރުން އެއްވެސް ކަހަލަ ޝަކުވާއެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރހީމް އާއި އެ ޕާޓީއާ ވެސް ހިއްސާކޮށްފައި ނުވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
މަލީހުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައި ވަނީ، މިނިސްޓްރީން ހަދަން ޖެހޭ ގަވާއިދުތަކެއް ނުހަދައިގެން ކަމަށާއި، ގަވާއިދުތަކެއް ނުހަދައިގެން މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނެކަމަަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
"މީ ހަމަ ސިޔާސީ މަސައްކަތެއް. މަޖިލީހުގަ ކުރާނީ ސިޔާސީ މަސައްކަތް. އަޅުގަނޑު ގަބޫލުކުރަން ސިޔާސީ ގޮތުން، މަލީހާ ދޭތެރޭގައި މަޖިލީހުގައި އެމްޑީޕީ މެންބަރުންގެ ސުޕަ މެޖޯރިޓީ އޮތް ތަނެއް މީ. އެބޭފުޅުން ބޭނުންވާ ކަމެއް، ބޭނުންވާ މީހަކާ ދޭތެރޭ، ވަޒީރަކާ ދޭތެރޭ ވިޔަސް، އެހެނިހެން ވެސް މަޖިލީހުން ރުހުން ދޭން ނުޖެހޭ މީހަކަށް ރުހުން ނުދިނުމާ، ވަކިކުރަން ބޭނުން މީހަކު ވަކިކުރުމުގެ ބާރު އެބަ އޮތް. އެކަން ގަބޫލުކުރަން ޖެހޭ،" ރިޔާޒް ވިދާޅުވި އެވެ.
މިނިސްޓަރު މަލީހަކީ އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރު ވެރިކަމަށް ގެނައުމށް އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށާއި، އޭނާ މިހާތަނަށް ވެސް މަސައްކަތް ކުރައްވާފައި ވަނީ އިހުލާސްތެރިކަމާ އެކުގައި ކަމަށްވެސް ވިދާޅުވިއެވެ.
މެންބަރު އަބްދުﷲ ރިޔާޒް
މެންބަރު އަބްދުﷲ ރިޔާޒް
މެންބަރު އަބްދުﷲ ރިޔާޒް
މެންބަރު އަބްދުﷲ ރިޔާޒް