އިންތިހާބު ކުރާ ކޮންމެ ރައީސުލްޖުމްހޫރިއްޔާއަކާ އެކު ޕޮލިސް ކޮމިޝަނަރު ބަދަލުވާ ނިޒާމު ބަދަލު ކުރަންޖެހޭ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ސިޔާސީ ޕާޓީއެއް ކަމަށްވާ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސްގެ ގޮތުގައިވެސް ހުންނެވި، އަބުދުﷲ ރިޔާޒު މިހެން ވިދާޅުވީ ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމުގައި މިހާރު ހުންނެވި، ސީޕީ މުހައްމަދު ހަމީދު އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރިޓަޔާ ކުރައްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތައުލީމީ، ގާބިލް އަދި ތަޖުރިބާ ލިބިފައި ހުރި ހިދުމަތްތެރިން ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރަންޖެހޭ އުމުރު ހަމަނުވަނީސް ގައުމީ ހިދުމަތުން ރިޓަޔާ ކުރަންޖެހުމަކީ ފުލުހުންގެ ހިދުމަތަށާއި ގައުމަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.
އަންނަ ނޮވެމްބަރު މަހުގެ 11 ގައި މަގާމުން ރިޓަޔާ ކުރައްވަން ނިންމަވައިފައިވާ ކަމަށް ސީޕީ ހަމީދު ވިދާޅުވީ، ފުލުހުންގެ ބުލޮގުގައި ލިޔުއްވި ލިއުމެއްގައެވެ.
އެ ލިއުމުގައި ހަމީދު ވަނީ ހުސްވި ފަސް އަހަރު ދުވަހުގެ ތެރޭގއި ދިމާވި ގޮންޖެހުންތައް ވެސް ހިއްސާ ކުރައްވައިފައެވެ. އޭގެ ތެރޭގައި ޒާތީ ގޮތުންނާއި ޕްރޮފެޝަނަލް ގޮތުން ދިމާވި ކަންކަން ފާހަގަ ކުރައްވާފައިވެއެވެ. އަދި އޭނާ ސީޕީގެ މަގާމާ ހަވާލުވި ދަނޑިވަޅަކީ ފުލުހުންގެ މުއައްސަސާގެ އަގު ވަރަށް ބޮޑަށް ވެއްޓިފައި އޮތް ވަގުތެއް ކަމަށާއި އެކަމާ ގުޅިގެން އަމިއްލަ ތައައްސަބު އެއްފަރާތްކޮށް، ޒިންމާ އަދާކުރަން ޖެހުނީ އިސްކޮށް ތިއްބެވި އޮފިސަރުން އެއްބައިވަންތަކޮށްގެން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޕޮލިސް ކޮމިޝަނަރު ކަމަށް ހަމީދު ހަމަޖެއްސީ ފުލުހުންގެ ޗީފް ސްޕްރިންޓެންޑެންޓެއްގެ ހައިސިއްޔަތުން ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔާގެ ގޮތުގައި ހުންނަވަނިކޮށް، ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވެ، އޯގަސްޓު 2012 ގައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ފުލުހުންގެ ސިއްރުތަކެއް ލީކުކުރި ކަމުގެ ތުހުމަތުގައި ވަޒީފާއިން ވަކިކޮށްފައި ހުންނަ ވަނިކޮށެވެ.
ހަމީދު ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެ މައްސަލަ ހަމީދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އޭނާއަށް އަލުން ވަޒީފާ ދިނުމަށްވެސް އެކޯޓުން ނިންމިއެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހަމީދު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމިއެވެ.
އެހެން ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ހަމީދު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ނޫން ކަމަށް ހުކުމްކުރިއެވެ. ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ހަމީދު ވަޒީފާއިން ވަކި ކުރި ދުވަހުން ފެށިގެން ވަޒީފާ ދިނުމާ ހަމައަށް އޭނާގެ މުސާރަ އާއި އިނާޔަތް ވެސް ދޭން ޖެހޭނެ ކަމަށެވެ.
އެހުކުމާ ގުޅިގެން 2018 ވަނަ އަހަރު ހަމީދަށް އަލުން ފުލުހުންގެ ވަޒީފާ ދެއްވައި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ޕްރޮމޯޓު ކުރެއްވިއެވެ. އޭނާ ޕޮލިސް ކޮމިޝަނަރަކަށް ހަމަޖެއްސީ 2019 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު