ތ.ވޭމަންޑޫ އާއި ތ. ކިނބިދޫ ގުޅާލާ ކޯޒްވޭ އެޅުމުގެ މަޝްރޫއުގެ މަސައްކަތް މިއަހަރުގެ ދެވަނަ ކުއާޓަރު ނިމުމުގެ ކުރިން ޓެންޑާ ކުރެވޭނެ ކަމަށް މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރާ ސުވާލު ކުރައްވަމުން މެމްބަރު ރިޔާޒު ވިދާޅުވީ، ވޭމަންޑޫ އާއި ކިނބިދޫ ގުޅާލާ ކޯޒްވޭ އެޅުމުގެ މަޝްރޫއު ފާއިތުވި އެތައް އަހަރަކު ބަޖެޓުކުރި ނަމަވެސް މިހާތަނަށް އައި އިރުވެސް އެ މަސައްކަތް ފަށާފައިނުވާ ކަމަށެވެ.
ނަމަވެސް އަންނަ ޖޫން 30 ގައި އެ މަސައްކަތް ފެށުމަށް މިހާރު ހަމަޖެހިފައިވާ ކަމަށް، ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭ އިރު، އެ ތާރީހަށް އަމަަލީ މަސައްކަތް ފެށޭ މިންވަރަށް ކަންތައް ރޭވިފައިވޭތޯ އާއި އަމަލީ މަސައްކަތް ރޭވިފައިވާ ގޮތަކީ ކޮބައިތޯ އޮޅުން ފިލުއްވުމަށް މެމްބަރު ސުވާލު ކުރެއްވިއެވެ.
މެންބަރު ރިޔާޒުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، މިއަހަރުގެ ސެކަންޑް ކުއާޓާ ނިމުމުގެ ކުރިން އެ މަސައްކަތް ޓެންޑަރަށް ހުޅުވައިލުމަށް ޓާކެޓް ކޮށްގެން މިއަހަރު ފެށުނީއްސުރެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެހެންކަމުން، "މި މަސައްކަތް ޓެންޑަރަށް ހުޅުވާލައިގެން ދެން އެދާ ޕްރޮސެސްގެ ތެރޭގައި އަޅުގަނޑު އުއްމީދު ކުރަނީ މިއަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަަމަށް،" ކަމުގައިވެސް އަސްލަމް ވިދާޅުވިއެވެ.
ކޯޒްވޭގެ މަސައްކަތްތަކަށް މިހާރު ބަދަލު ގެނަސްފައިވާކަން ފާހަގަ ކުރައްވައި އެކަމުގެ ތަފްސީލްތައްވެސް މިނިސްޓަރު މަޖިލީހަށް ދެއްވިއެވެ.
އެ ސުވާލުތަކަށް މިނިސްޓަރު ދެއްވި ޖަވާބާ ގުޅިގެން، އިތުރު ސުވާލު ކުރަން ލިބިވަޑައިގެން ފުރުސަތުގައި މެންބަރު ރިޔާޒު ވިދާޅުވީ، އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. އެހެންކަމުން މިހާރު ޕްލޭން ކުރިވިފައިވާ ގޮތުން މި ދައުރުގައި އެ މަސައްކަތް ފެށޭނެތޯ ވެސް ސުވާލުކުރެއްވިއެވެ.
އެ ސުވާލުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ރައީސްގެ ރިޔާސީ ވައުދުފުޅުގައި ހިމެނޭ ކަންކަން ކުރުމުގައިވެސް ތިމާވެށްޓަށާއި ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭތޯ ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ.
ރައީސްގެ ވައުދުފުޅުތައް ފުއްދުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރާ ކަމަށާއި ނަމަވެސް ރައީސް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދުމުގެ ނަމުގައި އުސޫލުތަކުން ބޭރުން ގާނޫނާއި ގަވާއިދުތަކުގެ ބޭރުން އެއްވެސް ކަމެއް މިސަރުކާރުން ނުކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު