އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ވާދަކުރި މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރު ވެގެން ނިމިއްޖެއެވެ.
މެޗުގައި ފޯރިގަދަ ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވީ ނަމަވެސް، ގޯލް ހުޅުވާލެވޭ ގޮތް ނުވެ، ދެޓީމަށްވެސް ވަނީ ޕޮއިންޓަކުން ފުއްދައިލަން ޖެހިފައެވެ. ރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު ޔުނައިޓެޑުން ދެވަނައިގައި އޮތް ނަމަވެސް، މިވަގުތު ޔުނައިޓެޑް އޮތީ އެއްވަނައިގައި އޮތް ވާދަވެރި މެންޗެސްޓާ ސިޓީއާ 12 ޕޮއިންޓްގެ ފަރަގެއްގައެވެ.
ޗެލްސީން އަމިއްލަ ދަނޑުގައި ކުޅެ މެޗުގެ ގިނަ ވަގުތު ބޯޅަވެސް ކޮންޓްރޯލް ކޮށް، ގޯލެއް ނުޖެހުން ވެގެން ދިޔައީ އެޓީމަށް މާޔޫސް ކަމަކަށެވެ. މިވަގުތު ގަދަ ހަތަރެއްގެ ބޭރުގައި ވެސްޓްހަމްއާ އެއް ޕޮއިންޓް ފަރަގެއްގައި ޗެލްސީ އޮތް ނަމަވެސް، ތޯމަން ޓުޗެލް ހަވާލުވިފަހުން ޗެލްސީ އަދި ބަލިވެފައެއް ނުވެއެވެ.
ޗެލްސީން ރޭގެ މެޗަށް ހަކިމް ޒިޔެޗުގެ އިތުރުން އެންގޯލޯ ކަންޓޭ ފުރަތަމަ 11 އަށް ނެރެފައިވާއިރު، ޗެލްސީއަށް ލީޑު ނަގަން އެންމެ މުހިއްމު ފުރުސަތުތަކެއް މެޗުގައި ލިބުނީ އޮލިވިއާ ޖިރޫއާއި މޭސަން މައުންޓަށެވެ. ޖިރޫއަށް ލިބުނު ދެ ފުރުސަތެއްވެސް ނާކާމިޔާބު ވެފައިވާއިރު، މައުންޓްގެ ނުރައްކާތެރި ހަމަލާއެއް ގޯލްކީޕަރު ޑެހެއާ ވަނީ މަތަކޮށްފައެވެ.
ލީގުގައި އެންމެފަހުން ކުޅުނު 20 މެޗުގެ ތެރެއިން އެންމެ މެޗަކުން ބަލިވެފައި އޮވެ ޔުނައިޓެޑުން ރޭގެ މެޗަށް ނުކުތްއިރު، އެޓީމަށް ފުރަތަމަ ހާފްގައި ޕެނެލްޓީއެއް ދޭން ޖެހޭ ކަމަށް ކޯޗު އޮލެ ގުނަ ސޮލްސްޖާ ވަނީ މެޗަށްފަހުވެސް ފާހަގަ ކޮށްފައެވެ. ޗެލްސީގެ ކަލުމް ހަޑްސަން އޮޑޯއީގެ އަތުގައި އޭރިއާ ތެރެއިން ޖެހުނު ނަމަވެސް ވީއޭއާރް ބަލާ ރެފްރީ ސްޓާޓް އަޓްވެލް ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ސޮލްސްޖާ ބުނެފައި ވަނީ އެއީ 100 ޕަސެންޓް ޕެނެލްޓީއެއް ކަމަށާއި، ޕެނެލްޓީ ނުދިނުމަކީ ހައިރާންވި ކަމެއް ކަމަށެވެ. އޭގެ އިތުރުން ސޮލްސްޖާ ފާހަގަކުރީ މެޗުގެ ކުރިން ޗެލްސީގެ ވެބްސައިޓުން ކޮށްފައިވާ ޕޯސްޓެއްގެ ސަބަބުން ރެފްރީއަށް ސައިކޮލޮޖިކަލީ ކޮންމެވެސް ވަރެއްގެ އަސަރެއް ކޮށްފައިވާ ކަމަށެވެ. އެއީ ލީގުގައި އެންމެފަހުން ޔުނައިޓެޑާއި ޗެލްސީ ކުޅުނު މެޗުގައި ހެރީ މެގުއާ، އަޒްޕިލިކުއެޓާގެ ގައިގައި ހިފަހައްޓައިގެން ޕެނެލްޓީ ނުދިން މަންޒަރެއް ދައްކުވައިދޭ ފޮޓޯއަކާ ގުޅިގެން ސޮލްސްޖާ ފާހަގަކުރި ވާހަކައެކެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު