ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެމްޓީސީސީގެ މެޝިނަރީތައް އެ ރަށަށް ގެންގޮސް އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެއެވެ.

އެމްޓީސީސީން ބުނީ އެ މަސައްކަތަށް ބޭނުންވާ އާލާތްތަކާއި މީހުން އެ ރަށަށް ގޮސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހާއި މިއަދާ ދެމެދު ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 7،750 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި ޖިއޯ ބޭގްސްއަށް އެޅުމަށް 1،926 ކިއުބިކް މީޓަރުގެ ވެލި ބޭނުން ކުރުމާއި ރަށް ގިރުމުން ސަލާމަތް ކުރުމަށްޓަކައި 310 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.

ހައުސިން މިނިސްޓްރީން އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 10.02 މިލިއަން ރުފިޔާ އަށެވެ. އެއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ މަޝްރޫއަކީ ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތައް އާދަޔާ ހިލާފަށް ގިރައި، އާންމުންގެ މުދަލާއި ގެދޮރަށް ގެއްލުން ވެދާނެކަމުގެ ބިރުހީވާތީ، އެކަމުގެ ސަބަބުން އާންމުންގެ ޝަކުވާތައް އިންތިހާއަށް އިތުރުވެފައިވުމުން އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއެއް ކަމަށެވެ.