ހައިކޯޓު

ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި ބަންދުކުރި ބިދޭސީއަކު، އިޖުރާއަތްތައް ފުރިހަމަ ނުވުމުން ދޫވެއްޖެ

އިބްރާހިމް ޒަކީ

ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި ޝަރީއަތް ނިމެންދެން ބިދޭސީއަކު ބަންދުކުރި އިރު، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސުލުން އަމަލު ކުރުމުގެ ގާނޫނުގައި ބުނާ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ހުރުމުން ދޫވެއްޖެ އެވެ.

މި މައްސަލައަކީ، ގދ. ފަރެސް މާތޮޑާގައި ހިނގާފައިވާ މައްސަލައެކެވެ.

ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަބްދުއްސަލާމްގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށާއި ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށް އެދި ފުލުހުން ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން، އެއީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުން އަމަލު ކުރުމުގެ ގާނޫނުގެ ދަށުން ތުހުމަތު ކުރެވިގެން ތަހުގީގު ކުރިއަށް ގެންދާ މައްސަލައަކަށް ވާއިރު މި މައްސަލައިގައި ޝަރީއަތް ނިމެންދެން އަބްދުއްސަލާމް ބަންދު ކުރުމަށް އެދިފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަމަށް ވާތީ، ހާއްސަ އުސޫލުން އަމަލު ކުރުމުގެ ގާނޫނެއް އޮއްވައި ހާއްސަ އުސޫލު ދޫކޮށް އާއްމު އިޖުރާއަތަށް ދިއުމަކީ ކުރެވެން އޮންނާނެ ކަމެއް ނޫންކަން މިހާތަނަށް ހައިކޯޓުން ނިންމާފައިވާ ގަޒިއްޔާތަކުން އެނގެން އޮންނާތީ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރެވޭނެ ތަނެއް ނެތްކަމަށް އެ ކޯޓުުން ކަނޑައަޅައި އޭނާ ބަންދު ދޫކޮށްލުމަށް ވަނީ އަމުރުކޮށްފައެވެ.

ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުން އެ އަމުރު ނެރެފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށްކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.

މައްސަލަ ބެލުމަށްފަހު ހައިކޯޓުން ބުނެފައި ވަނީ، "މިމައްސަލައިގައި އުފެދިފައިވާ ގާނޫނީ ބަހުސަކީ އަބުދުއްސަލާމް ބަންދުން ދޫކުރެވިފައިވަނީ (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގެ ދަށުން އަބުދުއް ސަލާމް އާމެދު ތުހުމަތު ކުރެވި ތަހުގީގު ކުރިއަށް ގެންދެވޭ މައްސަލައެއް ކަމަށްވާއިރު، މިމައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދިފައި ވަނީ (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ ދަށުން ކަމަށްވާތީ، ހާއްސަ އުސޫލުން އަމަލު ކުރުމުގެ ގާނޫނެއް އޮއްވައި ހާއްސަ އުސޫލު ދޫކޮށް އާންމު އިޖުރާއަތަށް ދިއުމަކީ ކުރެވެން އޮންނާނެ ކަމެއް ނޫންކަމުގައިވާތީކަން ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އަމުރުންނާއި ދައުލަތުގެ އިސްތިއުނާފީ ފޯމުންވެސް އެނގޭއިރު، މިނުކުތާގައި ދައުލަތުން ފާހަގަކޮށްފައިވާ ކަންކަން މިމައްސަލައަށް ތަޠުބީޤު ކުރެވިދާނެކަމަކަށް ނުދެކެން،" ކަމަށެެވެ.

އެހެންކަމުން ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ އަމުރު އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، މައްސަލައާ ގުޅިގެން ދެ ފަރާތުން ޝަރީއަތުގައި ދައްކާފައިވާ ވާހަކަ ތަކަށާއި ހުށަހަޅާފައިވާ ލިޔުންތަކަށާއި، ކަމާ ގުޅުންހުރި ގާނޫނުތަކަށް ރިއާޔަތްކޮށް ބެލުމުން އެ އަމުރު (އެހެންކަމުން ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ އަމުރު) އަށް ބަދަލު ގެންނަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތްކަމަށް ހައިކޯޓުގެ މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައި ހުކުމްކުރާ ކަމަށް ވެސް ހުކުމްގައި ބުނެފައިވެއެވެ.