ދުނިޔެ

ތިންވަނަ ފޭސް ފުރިހަމަކޮށްފައި ނުވާތީ ޗައިނާ ވެކްސިން ލަންކާގައި ބޭނުންކުރުން މަޑުޖައްސާލައިފި

ވެކްސިންގެ ތިން ވަނަ ފޭސް ފުރިހަމަ ކޮށްފައިވާކަމުގެ މައުލޫމާތުތައް ހުށަހަޅާފައިނުވާތީ ޗައިނާއިން ހަދިޔާކުރި އެގައުމުން އުފެއްދި ސައިނޯފާމް ވެކްސިން ބޭނުންކުރުން ސްރީ ލަންކާއިން މަޑުޖައްސާލައިފި އެވެ.

ލަންކާ ސަރުކާރުގެ ތަރުޖަމާން އަދި ޕްލާންޓޭޝަން މިނިސްޓަރު ރަމޭޝް ޕަތިރާނާ ވިދާޅުވީ، ޗައިނާ ވެކްސިންގެ ތިން ވަނަ ފޭސް ފުރިހަމަކޮށް ނިމިފައިނުވާތީ އާއި އެ ވެކްސިންގެ ރަޖިސްޓްރޭޝަނާ ގުޅޭ މައުލޫމާތު އަދި ލިބިފައިވާ ނުވާ ކަމަށެވެ. އެހެންކަމުން ލަންކާއިން އެގައުމުގެ 14 މިލިއަން މީހުންނަށް ބޭނުން ކުރާނީ އިންޑިއާގެ ސީރަމް އިންސްޓްޓިއުޓުން އުފައްދާ އޮކްސްފޯޑް/އެސްޓްރަޒެނެކާގެ ވެކްސިން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިވަގުތަށް ކުރިއަށްދާނީ އެސްޓްރަޒެނަކާ ވެކްސިނާއެކު. ޗައިނާގެ ވެކްސިން އުފެއްދި ކުންފުނިން ހުރިހާ ލިޔެކިޔުންތަކެއް ލިބުމުން އެ ވެކްސިން ރަޖިސްޓަރީ ކުރުމާ ގުޅޭގޮތުން ގޮތެއް ނިންމާނީ. ޑަބްލިޔުއެޗްއޯ އިން އެ ވެކްސިނަށް އަދި ހުއްދަ ދީފައިނުވާތީ، އެ ވެކްސިން ބޭނުންކުރަން ފެށުމަށް ވަގުތު ނަގާފާނެ،" ރަމޭޝް ފަތިރާނާ ވިދާޅުވި އެވެ.

ޗައިނާގެ ސިނޮފާމުގެ ތިން ލަންކަ ޑޯޒް ވެކްސިން ވަނީ ލަންކާ އަށް ހަދިޔާކޮށްފަ އެވެ. ޗައިނާ ވެކްސިންގެ އިތުރުން ރަޝިއާ އިން އުފެއްދި ސްޕަޓްނިކް-5 ވެކްސިނަށް ވެސް ސްރީ ލަންކާއިން އަދި ހުއްދަ ދީފައެއް ނުވެ އެވެ.