މުޒާހަރާތައް ކުރިއަށް ގެންދިއުމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެންގުޅުއްވާ ސްޓްރެޓިޖީ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން އެހެން ވިދާޅުވެ ޓުވީޓެއް ކުރައްވާފައިވާއިރު، އިދިކޮޅުން މިއަދު މާލޭގައި ކުރި މުޒާހަރާ ފެށުމުގެ ކުރިންނާއި މުޒާހަރާގެ ތެރެއިން 28 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އަދުރޭ އާއި އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މުޒާހަރާއަށްފަހު އިދިކޮޅުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމްރާންގެ ޓުވީޓައް ރައްދު ދެއްވައި ޕީއެންސީގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، އިމްރާންގެ ބަސްމަގު ހުރި ގޮތުން މިނިސްޓަރު ކަމަށް އޭނާ ކުފޫ ހަމަނުވާ ކަމަށާއި މިހާރުން މިހާރަށް އޭނާ އިސްތިއުފާ ދޭންޖެހޭ ކަމަށެވެ.

"ދިވެހިރާއްޖޭގެ ހޯމް މިނިސްޓަރެއްގެ ބަސްމަގު ހުންނަން ވާނެ ގޮތަކަށް ނޫން އެހުރީކީ އެއް،" ސައީދު ވިދާޅުވި އެވެ.

އިދިކޮޅުގެ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ހަރަކާތްތެރި ގޮތަށް ވެސް އިދިކޮޅުން ވަނީ ފާޑުކިޔައިފަ އެވެ. އަދި މުޒާހަރާ ފެށުމުގެ ކުރިން ބައެއް މީހުން ހައްޔަރު ކުރުމާއި ޕީޕީއެމްގެ އޮފީސްތެރެއަށް މުޒާހަރާގެ ބައިވެރިން ވައްދައި އެތަން 'ހައިޖެކް' ކުރި ކަމަށް ވެސް އިދިކޮޅުން ވަނީ ތުހުމަތުކޮށްފަ އެވެ.