ޚަބަރު

އެއްވުން ނުފެށެނީސް 200 އެއްހާ މީހުން ހައްޔަރުކޮށްފި: އަދުރޭ

މުއާވިޔަތު އަންވަރު

އިދިކޮޅުން ޕީޕީއެމް/ ޕީއެންސީން މިއަދު މާލޭގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މުޒާހަރާ ފެށުމުގެ ކުރިން 200 އެއްހާ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަދުރޭ އެހެން ވިދާޅުވެފައިވަނީ، "މަގޭ ފުލެޓް ކޮބާ؟"ގެ ނަމުގައި އިދިކޮޅުން މިއަދު މާލޭގައި ކުރަން ނިންމާފައިވާ މުޒާހަރާ ފެށުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އަދުރޭ ވިދާޅުވީ، މުޒާހަރާ ހުއްޓުވުމަށް 200 އެއް މީހުން ހައްޔަރު ކޮށްފައިވާ ކަމަށާއި ނަމަވެސް މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން މާލޭގައި އެ މީހަކު ހުރި ހިސާބަކުން މަގުމައްޗަށް ނުކުމެ މިސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށް އޭނާ ގޮވާލެއްވި އެވެ.

"މަގޭ ފުލެޓް ކޮބާ؟"ގެ ނަމުގައި އިދިކޮޅުން މިއަދު މާލޭގައި ކުރަން ނިންމާފައިވާ މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:15 ގައެވެ. އެއްވުމުގެ ބައިވެރިން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އޮފީސް ދޮރުމައްޗަށް ޖަމާވަމުން ދަނިކޮށް އޭގެތެރެއިން ބައެއް މީހުން ފުލުހުން ވަނީ ފުލުހުންގެ ވެހިކަލަށް އަރުވައިގެން އެ ސަރަހައްދުން ގެންގޮސްފަ އެވެ.

އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށް ފުލުހުންނާއި ހޯމް މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ.

އެގޮތުން ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިނިވަންކަމާއެކު ހިޔާލުފާޅުކުރުމުގެ ހައްގާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގަކީ ދިވެހި ރައްޔިތުންނަށް ފުރިހަމައަށް ލިބިގެންވާ އަދި ސަރުކާރުން އެކަން ކަށަވަރުކޮށް ދޭ ހައްގުތަކެއް ކަމަށެވެ. ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ މިހާލަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ރިއާޔަތް ކުރުމެއް ނެތި، ހަމަނުޖެހުމާއި ހަލަބޮލިކަން އުފެއްދުމަށްޓަކައި އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އެއްވުންތަކާއި ހިނގާލުންތައް ނުރޭވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.